ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް ގޮވާލައިފި

ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ރާއްޖެ އައި ފަތުރުވެރިއަކު ކަރަންޓީން ކޮށްފައިވާ ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފި އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިފައި ވަނީ ރާއްޖެ އައި ޗައިނާ ފަތުރުވެރިއެއް ކަމަށް ބުނެ ވާހަކަތައް ދަނީ ފެތުުރެމުންނެވެ. އަދި ކޮރޯނާއަށް ޝައްކު ކުރެވުނު ހިސާބުން އެ މީހާ އެއާޕޯޓުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހައްދައި، މިހާރު އެ ހޮސްޕިޓަލުގައި ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފައި ވެއެވެ.

މީގެ އިތުރުން އޭނާ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ހޯދި ދުވަހާއި، އޭނާ މިހާރު ބަހައްޓާފައިވާ ކޮޓަރީގެ ނަންބަރުވެސް އެ ވާހަކަތައް ހިއްސާކުރާ ފަރާތްތަކުން ވަނީ އާންމުކޮށްފައެވެ.

ނަމަވެސް ރާއްޖޭގެ ސިއްހީ އިދާރާތަކުން ވަނީ އެކަން ދޮގުކޮށްފައެވެ. ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށާ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަަމަށް ހެލްތް މިނިސްޓްރީއާއި، އެޗްޕީއޭ އަދި ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ އިތުުރުން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އެ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 830 މީހުންނަކީ ޗައިނާއަށް ނިސްބަތްވާ މީހުން ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ވައިރަސްގެ އަސަރުކޮށް ބަލިޖެހުނު މީހުންގެ ތެރެއިން ބުރާސްފަތި ދުވަހުގެ ނިޔަލަށް 25 މީހަކު މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސިއްހީ އިދާރާތަކުން ބުނީ ބަލި ޖެހުނު މީހުންގެ ތެރެއިން 177 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް އިތުރު ދިހަ ގައުމަކުން ވަނީ ފެނިފައެވެ. ޗައިނާ ފިޔަވައި އެންމެ ގިނަ ބަޔަކަށް މި ވައިރަސްގެ އަސަރު ކޮށްފައިވަނީ ޗައިލެންޑުންނެވެ. އެ ގައުމުން ހަތަރު މީހެއްގެ ގައިން މި ވައިރަސް ފެނިފައެވެ.

މީގެ އިތުރުން ހޮންކޮން، މަކާއޯ އަދި ސައުތުކޮރެއާ އިން ދެ މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި ޓައިވާން، ޖަޕާން، ނޭޕާލް، މެލޭޝިޔާ، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ފެނިފައެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 50 ހާހަށްވުރެ ގިނަ މީހުން މިހާރު ވަނީ ކަރަންޓީކޮށްފައެވެ.