ދިވެހި ސިނަމާ

"40 ޕްލަސް" މިހާރު ބައިސްކޯފުން ބަލާލެވޭނެ

ކާމިޔާބު ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ޕްރޮޑިއުސްކޮށްފައިވާ "40 ޕްލަސް" ބައިސްކޯފުން ބަލާލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

މަޖާ އަދި ބިރުވެރި ކަންތައްތަކެއް ހިމަނައިގެން އުފައްދާފައިވާ "40 ޕްލަސް" އަކީ މިދިޔަ އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު އެއް ފިލްމެވެ. ފިލްމުގެ 27 ޝޯ އޮލިންޕަހުގައި ވަނީ ދައްކާފައެވެ. އޭގެ ތެރެއިން 24 ޝޯ އަކީ ހައުސްފުލް ޝޯ ތަކެވެ.

އަވަސްއާ ވާހަކަދައްކަމުން ޝަފީގް ބުނީ ގިނަ ބެލުންތެރިން އަދިވެސް ތިބީ "40 ޕްލަސް" ބަލާލަން ބޭނުންވެފައި ކަމަށެވެ. އެހެން ކަމުން ބައިކޯފުން ލިބުނު ފުރުސަތާއެކު މިހާރު "40 ޕްލަސް" އެ އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "40 ޕްލަސް" އަކީ މިފަދަ ޖޯންރާއަކަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ފިލްމެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަދި ސްކްރީން ލައިޓަރަކީ ޔޫސުފް ޝަފީއުއެވެ.

ތ. ބުރުނީގައި ކުޅެފައިވާ މި ފިލްމުގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު "40 ޕްލަސް" ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.