އިންޑިއާ

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މި ހަފްލާ ކުރިޔަށް ގެންގޮސްފައިވަނީ ދެ ގައުމުގެ ސަގާފަތް ދައްކުވައިދޭ އެކިއެކި ހަރަކާތްތަކާއެކުގައެވެ.

މިހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހަފްލާގައި އިންޑިޔާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސް ސޯލިހްގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

މި ހަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. އަދި އިންޑިޔާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިހަފްލާގައި މިއުޒިކީ ހުށައެޅުންތައްވެސް ހުށައަޅާފައިވެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެ ގައުމުގެ ގާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވެ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެން ދިޔަ ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.