ކުޅިވަރު

ނަޕޯލީން ޔުވެންޓަސް ބަލިކޮށްފި

ޔުވެންޓަސް ގޮވައިގެން މައުރީޒިއޯ ސާރީ، އޭނާގެ ކުރީގެ ކުލަބު ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން، 2-1 ން ޔުވެންޓަސް ބަލި ވެއްޖެ އެވެ.

ރޭ ގެ މެޗަކީ، އިދިކޮޅު ކޯޗެއްގެ ގޮތުގައި ސާރީ ނަޕޯލީއާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ. ސީޒަންގެ ކުރީ ކޮޅު މި ދެ ޓީމު ޔުވެންޓަސްގެ ސްޓޭޑިއަމްގައި މެޗު ކުޅުނުއިރު ސާރީ އޮތީ ނިއުމޯނިއާ ޖެހިގެން ބެޑް ރެސްޓްގަ އެވެ.

ރޭ ގެ މެޗުގައި، ނަޕޯލީގެ ފުރަތަމަ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕިއޯޓާ ޒިލެންސްކީ އެވެ. އެ ޓީމުގެ ނަތީޖާ ފުޅާކޮށްދިނީ 86 ވަނަ މިނެޓްގައި ލޮރެންޒޯ އިންސިނިއާ އެވެ. ޔުވެންޓަސްއަށް ސުން ކަނޑުވާލަ ދިނީ 93 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑުންނެވެ.

ދެ ވަނައިގައި އޮތް އިންޓަ މިލާންއިން ކަލިއަރީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވިނަމަ ޔުވެންޓަސް އާ އެއް ޕޮއިންޓަށް ގާތް ކުރެވޭނެ އެވެ. އެ މެޗު ނިމުނީ 1-1 ން ހަމަހަމަ ވެގެންނެވެ. ފުރަތަމަ ހާފަުގައި ލާޓޫރޯ މާޓިނޭޒް ލަނޑު ޖަހައި އިންޓައަށް ލިޑް ނަގައިދީފައި ވަނިކޮށް ކަލިއަރީން މެޗު އެއްވަރު ކުރީ 79 ވަނަ މިނެޓްގައި ރަޖާ ނައިންގޮލާން ކާމިޔާބު ކުރި ލަނޑުންނެވެ.

ރޯމްގެ ޑާބީގައި، އޭއެސް ރޯމާ އާއި ލާޒިއޯ ކުޅުނު މެޗުވެސް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.