ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑުން އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާ އަތުން ބާސެލޯނާ ބަލި ވުމުން ރެއާލް އަށް ވަނީ އެއް ވަނައަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެފަ އެވެ. މެޗުގެ ކުރިން ރެއާލް އާއި ބާސާއަށް އެއްވަރަކަށް ޕޮއިންޓް ލިބިފައި ވުމުން ފައިދާ ގޯލަށް ބަލައި އޭރު ތާވަލުގެ އެއް ވަނަ ލިބުނީ ބާސާ އަށެވެ.
ރެއާލް މެޑްރިޑްގެ ގުލޯބަލް އެމްބަސެޑާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯގެ ޗެއާމަންޝިޕް އޮންނަ ވަޔޮޑޮލިޑުގެ މެޗުވީ ރެއާލްގެ ކުޅުންތެރިންނަށް އުނދަގޫ މެޗަކަށެވެ. ރެއާލް މޮޅު ކޮށްދިނީ މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ޑިފެންޑަރު ނަޗޯ ފެނާންޑޭޒް ކާމިޔާބު ކުރި ލަންޑުންނެވެ. ޓޯނީ ކްރޫޒު ހިލޭޖެހުމަކުން ހުރަސް ކުރި ބޯޅަ ނަޗޯ ގޯލްގެ ކަނަށް ބޯޅަ ވައްދާލީ ބޮލުން ބޯޅަ ފޮނުވާލައިގެންނެވެ.
ލަނޑު ޖެހުމަށް ފަހު ނަޗޯ ސެލެބްރޭޓް ކުރަން ދިޔައީ ރެއާލްގެ ކޯޗްް ޒައިނުއްދީން ޒިދާން އާހަމައަށެވެ. ޒިދާން ވެސް ވަނީ ސެލެބްރޭޝަންގައި ބައިވެރިވެ ނަޗޯއަށް އޮތް ސަޕޯޓް ހާމަ ކޮށްދީފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ޒިދާން ބުނީ އެ ބޯޅައަށް އޭރިއާ ތެރެއަށް ވަންނަން ނަޗޯ ދިއުމުގެ ކުރިން ބޯޅަ ނިއާޕޯސްޓަށް ފޮނުވާލަން އޭނާގެ ގާތުގައި ބުނެފައިވާނެ ކަމަށެވެ.
ފުރަތަމަ ހާފުގައިވެސް ރެއާލްއިން ލަނޑެއް ޖަހި އެވެ. ކާލޯސް ކަސަމީރޯ ބޮޅުން ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް އެ ލަނޑު ރެފްރީ ބަލައި ނުގަތީ ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު އެވެ.
އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ އެތުލެޓިކޯ އަށް ރޭގައިވެސް ލަނޑު ޖެހުމުގައި މައްސަލަ ކުރިމަތި ވިއެވެ. ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.