މޮޅު ކުޅުންތެރިޔަކަށް ކުޅުންތެރިޔާ ހަދާނި ކުލަބުތަކުގެ ކޯޗުން ކަމަށާއި، ގައުމީ ޓީމުގެ ކޯޗްގެ މަސައްކަތަކީ އެންމެ މޮޅު ކުޅުންތެރިން ގައުމީ ޓީމަށް ނެގުން ކަމަށް ގައުމީ ޓީމުގެ އާ ކޯޗް ހޮލެންޑްގެ މާޓިން ކޫޕްމަން ބުނެފި އެވެ.
ކެރީބިއަން ސަރަހައްދުގެ ކުޑަ ގައުމެއް ކަމަށްވާ އަރޫބާގެ ގައުމީ ޓީމުގައި މިދިޔަ ތިން އަހަރު މަސައްކަތް ކުރި ކޫޕްމަން، ރާއްޖޭގެ ކޯޗް ކަމާ ހަވާލު ވުމަށް ފަހު ބުނީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމަކީ ކުޅުންތެރިންގެ މަސައްކަތް ކަމަށާއި ކުޅުންތެރިޔާ މޮޅު ނަމަ ކޮންމެ ކޯޗަކުވެސް އެ ކުޅުންތެރިޔާ ގައުމީ ޓީމަށް ނަގާނެ ކަމަށެވެ.
މާޓީންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ހޮލެންޑްގެ ތަޖުރިބާކާރު ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. ރެނޭ ބުނީ، ފުރުސަތު ލިބޭނަމަ އުމުރުފުރާގެ ގައުމީ ޓީމުތަކުގެ ކޯޗުންނާއެކު ޒުވާން ކުޅުންތެރިން ޑިވްލަޕް ކުރުމުގެ މަސައްކަތަށް އޭނާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"އަރޫބާގައި މަސައްކަތް ކުރިއިރުވެސް އެމީހުން ބުނާނެ، ކޯޗޭ ކަލޭ މަސައްކަތް ކުރަން ޖެހޭނޭ ކުޅުންތެރިޔާ މޮޅުކުރަން،" މާޓިން ކޫޕްމަން ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް ކުޅުންތެރިން މޮޅު ބަޔަކަށް ހަދާނީ ކުލަބުތަކުގެ ކޯޗުން، ކުޅުންތެރިން ކޮންމެ ދުވަހަކު ނުވަތަ ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރަނީ ކުލަބުތަކުގެ ކޯޗުންނާއެކު، ކުޅުންތެރިޔާ މޮޅު ބަޔަކަށް ހެދުމަކީ ކުލަބުތަކުގެ ކޯޗުން ކަމެއް، (ކުޅުންތެރިން ނެގުމުގައި) އަހަރެމެން ރަނގަޅު ސިސްޓަމެއް ގެންގުޅޭނަން، އެހެންނަމަވެސް ކުޅުންތެރިން ޑިވްލަޕް ކުރަން މަސައްކަތް ކުރަން ޖެހޭނީ ކުލަބުތަކުން."
އޭނާ ބުނީ، ކުޅުންތެރިޔާ މޮޅު ނަމަ ކޮންމެ އުމުރެއްގެ ކުޅުންތެރިޔަކަށްވިޔަސް އެ ކުޅުންތެރިޔާ މޮޅު ނަމަ ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށެވެ. ކޫޕްމަން އާއެކު ގައުމީ ޓީމު އެންމެ ފުރަތަމަ ކުރިމަތި ލާނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ އާ ދެކޮޅަށެވެ. އޭނާ ބުނީ ޗައިނާ ބަލި ނުކުރެވޭނެއެކޭ ނުބުނެވޭނެ ކަމަށެވެ. އޭނާ ބުނީ އޭޝިއަން ކަޕަށް ކޮލިފައި ވުމާއެކު ވޯލްޑް ކަޕަށްވެސް ކޮލިފައި ވުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
"(ވޯލްޑް ކަޕަށް ކޮލިފައިވާ ވާހަކަ) ބުނީމަ، ބައެއް މީހުން ހޭން ފަށައިފާނެ، އެކަމަކު އަހަރެން މިދެއްކީ މަޖާ ވާހަކައެއް ނޫން، ދެން އަންނަ އަހަރު ނުދެވުނިއްޔާ ކޮންމެވެސް ދުވަހަކުން ދެވޭނެ."
އޭނާ އާއެކު އެފްއޭއެމުން އެއްބަސްވުން ހެދީ ދެ އަހަރުގެ އެއްބަސްވުމެކެވެ.