ހަބަރު

މަސްވެރިއެއްގެ ކަރަށް ތޮޅިއެއް ހެރިއްޖެ

މަސްވެރިއެއްގެ ކަރަށް ތޮޅިއެއް ހެރިގެން ފަރުވާ ދޭން ފަށައިފި އެވެ.

ތޮޅި ހެރިފައިވަނީ ލ. ގަމު "ނިއުމަތް" ދޯނީގެ މަސްވެރިއެއް ކަމަށްވާ އާދަމް ނަސީރުގެ ކަރަށެވެ. އޭނާގެ ކަރަށް ތޮޅިއެއް ހެރިފައިވަނީ ރޭ ފަތިހު އެން ހިފަން އުޅެނިކޮށެވެ. އޭރު "ނިއުމަތް" ދޯނި އޮތީ ވ އަތޮޅުގައެވެ.

އަވަސްއާއި ވާހަކަ ދައްކަމުން އާދަމް ނަސީރުގެ އާއިލާގެ މީހަކު ބުނީ އެ ހާދިސާ ހިނގުމާއެކު ސިފައިންނަށް އެކަމުގެ މައުލޫމާތު ހިއްސާކުރި ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ވޭތޯ ބެލި ކަމަށެވެ.

"ނަމަވެސް ސިފައިން ވިދާޅުވީ ވ އަތޮޅުގައި ސީއެމްބިއުލާންސްއެއް ނެތޭ. އެހެންވީމަ ވ އަތޮޅުގައި ހަތް ގަޑިއިރު އިތުރު ފަރުވާއެއް ނެތި އޮންނަން ޖެހުނު. މާލެ ގެނެވޭވަރުވީ މިއަދު މެންދުރު 12 ޖެހިފަހުން."

އައިޖީއެމްއެޗްގެ އިމަޖަންސީގައި ނަސީރަށް ފަރުވާ ދެމުންދާއިރު، މިހާރު ވަނީ ކަރުން ތޮޅި ނައްޓާލާފައެވެ.

ވ އަތޮޅަކީ މި ދުވަސްވަރު ދެކުނުގެ ހުރިހާ ރަށަކަށް ނިސްބަތްވާ މަސްދޯނިތަކުން އެން ހިފަންދާ އަތޮޅެކެވެ. މަސްވެރިއަކަށް ކަމެއް ދިމާވެގެން އަވަސް ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުން މަސްވެރިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.