ވިޔަފާރި

އެސްޓީއޯ އިން އެކުޅިވަރު ވިއްކާލަނީ

Jan 28, 2020
3

ރިސޯޓް ތަރައްގީ ކުރަން، އެސްޓީއޯއަށް ދީފައިވާ ފަޅު ރަށެއް ކަމަށްވާ ނ. އެކުޅިވަރު ވިއްކާލަން ނިންމައި، އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން ވަނީ އެކުޅިވަރުގައޮ ރިސޯޓެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް ކުއްލިއަކަށް އެ ރަށް ވިއްކާލަން ނިންމި ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ.

އެ ރަށް ވިއްކާލަން ނިންމައި މިމަހުގެ 21 ވަނަ ދުވަހު އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެކުޅިވަރު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މިކަމަށް ވަކި މުއްދަތެއް އެ ކުންފުނިން ދީފައެއް ނެތެވެ.

އެކުޅިވަރުގައި ރިސޯޓެއް ހަދަން، ސަރުކާރުން އެންމެ ފުރަތަމަ އެ ރަށް ދީފައިވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން 2015 ވަނަ އަހަރު އެމްޓީޑީސީ އިން މަސައްކަތް ކުރި އެވެ.

އޭރު ބުނީ އެ ރަށުގައި 90 ލަގްޒަރީ ވިލާ އަޅާނެ ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރު ދިން ރަށުގެ މަސައްކަތް ނުފެށުމުން 2016 ވަނަ އަހަރު އެރަށް އެމްޓީޑީސީއިން އަތުލީ އެވެ. އަދި އޭގެ ފަހުން ރިސޯޓެއް ހަދަން އެރަަށް އެސްޓީއޯ އަށް ދީފައިވަނީ 2017 ވަނަ އަހަރު އެވެ.

ރިސޯޓު ހަދަން އެސްޓީއޯއަށް ދިން ރަށް ވިއްކާލަން އިއުލާން ކުރި އިރު ހުޅުމާލޭގައި ޓޫރިޒަމަށް އެސްޓީއޯއިން އެޅި ހޮޓާ ވެސް ވަނީ ކުރިޔަށް ނުގޮސް ހުއްޓިފަ އެވެ.