ބޮލީވުޑް

"ބައްޗަން ޕާންޑޭ" ނެރޭ ދުވަސް ބަދަލުކޮށްފި

އަކްޝޭ ކުމާރާއި ކްރީތީ ސެނޯން ލީޑް ރޯލު ކުޅޭ "ބައްޗަން ޕާންޑޭ" އާއި އާމިރު ޚާން އާއި ކަރީނާ ކަޕޫރުގެ "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރަން ކުރިން ހަމަޖެހިފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނަމަވެސް އަކްޝޭގެ ފިލްމު ރިލީޒް ކުރުން ފަސްކޮށް އާމިރުގެ ފިލްމު އެކަނި ޑިސެމްބަރު 25 ގައި ރިލީޒް ކުރުމުގެ ފުރުސަތު ދީފި އެވެ.

އަކްޝޭ މިގޮތަށް ކަންތައް ކުރީ އާމިރު އެގޮތަށް އެދުމުންނެވެ. އާމިރު ކުރި ޓުވީޓެއްގައި ވަނީ އަކްޝޭގެ ފިލްމު ލަސް ކޮށްލަން އެއްބަސްވީތީ ޝުކުރު އަދާކޮށްފަ އެވެ.

"ބައެއް ފަހަރު ވާހަކަ ދައްކާލައިގެން ވެސް ކަންކަން ހައްލު ކޮށްލެވޭ. އަހަރެން އެދުނު ގޮތަށް 'ބައްޗަން ޕާންޑޭ' ރިލީޒް ކުރުން ފަސް ކޮށްލަދީ އަހަންނަށް ބެހެއްޓި ގާތް ކަމަކަށްޓަކައި އެކުވެރި އަކްޝޭ އަށާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރަން. އެމީހުންގެ ފިލްމަށް ވަރަށް ފުރިހަމަ ކާމިޔާބީ އަކަށް އެދެން،" އާމިރު ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވެއެވެ.

މި ޚަބަރަކީ އަކްޝޭ އާއި އާމިރުގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވަނީ ވެފަ އެވެ. މި ދެ އެކްޓަރުންނަކީ ވެސް އެތައް މިލިއަން ފޭނުންނެއް ތިބި އެކްޓަރުންނަށް ވާތީ ބޮކްސް އޮފީހުގައި ދެ ފިލްމު ކުރިމަތިލުމަކަށް ދާން ޖެހުނު ނަމަ ކޮންމެވެސް އެއް ފިލްމަކަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވީހެވެ.

އާމިރުގެ "ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ޓޮމް ހޭންކް ކުޅުނު އެމެރިކާ ފިލްމު "ފޮރެސްޓް ގަމްޕް" ގެ ރިމޭކް އެކެވެ. އަދަވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

އަކްޝޭގެ "ބައްޗަން ޕާންޑޭ" ރިލީޒްކުރަން މިހާރު ހަމަޖެހިފައިވަނީ ޖެނުއަރީ 27، 2021 ގައެވެ.