ދިޝާ ޕަޓްނީ

"މަލަންގް"ގައި ދިޝާ ކުޅެނީ ނެގެޓިވް ރޯލެއް

ދިޝާ ޕަޓްނީ އާއި އަދިތުޔާ ރޯއީ ކަޕޫރުގެ "މަލަންގް" ރިލިޒްވުމަށް ތައްޔާރު ވަމުން އަންނައިރު ފިލްމުގެ މުހިއްމު ތަރިން މިހާރު ވަނީ ޕްރޮމޯޝަންގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ދިޝާ ބުނި ގޮތުގައި "މަލަންގް"ގައި އޭނާ ކުޅެނީ ނެގެޓިވް ކެރެކްޓާ އެކެވެ.

ދިޝާ ބުނި ގޮތުގައި ނެގެޓިވް ރޯލެއް ކުޅުމުގައި އޭނާގެ އެއްވެސް ޖެހިލުމެއް ނެތެވެ. ހޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާއިން ކަމަށްވާ އެންޖެލީނާ ޖޮލީ ވެސް ނެގެޓިވް ކެރެކްޓާތައް ކުޅެ އެވެ. އެމީހުންގެ ފަރާތުން ލިބުނު ހިތްވަރުން އޭނާ ވެސް ނެގެޓިވް ރޯލަކަށް އެއްބަސްވީ އެވެ.

"ފިލްމުގެ ނެރޭޝަން ކުރިޔަށް ދިޔައިރު އެންމެ ފަސް މިނިޓް ތެރޭގައި އޭނާ ފިލްމަށް އާނއެކޭ ބުނި ކަމަށް ދިޝާ ބުންޏެވެ. ސަބަބަކީ އެފަދަ ނެގެޓިވް ރޯލުތައް ލިބުން މަދުކަމުންނެވެ. ފިލްމުތަކުގައި ނުބައިބައި ކުޅޭ މީހުން ދިޝާ އަށް ވަރަށް ކަމުދެ އެވެ. އަދި ނުބައި ބަޔަކީ އޭނާ ވަރަށް ކުޅޭހިތްވާ ބައެކެވެ.

"ހޮލީވުޑްގެ އަހަރެންގެ ފޭވަރިޓަކީ އެންޖެލީނާ ޖޮލީ. އަހަރެން ވަރަށް އޭނާ ކުޅޭ ރޯލުތައް ބަލާ އެގޮތަށް ކުޅެވޭތޯ ބަލަން. އަދި މުޅި ދުނިޔޭން ވެސް ނުބައިބައި ކުޅެން އެންމެ މޮޅު ބަތަލާ އަކީ ޖޮލީ،" ދިޝާ ބުންޏެވެ.

"މަލަންގް"ގެ ޓްރެއިލާ އާއެކު ގިނަ ބަޔަކު ވަނީ އަދިތުޔާ އާއި ދިޝާގެ ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށް ބުނެފަ އެވެ. ދިޝާ ބުނި ގޮތުގައި އަދިތުޔާ އަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ އެކްޓަރެކެވެ.

ޑައިރެކްޓަރު މޯހިތު ސޫރީ އާ ބެހޭ ގޮތުން ވެސް ދިޝާ ވާހަކަ ދެއްކި އެވެ. ދިޝާ ބުނި ގޮތުގައި އޭނާއަކީ ޑައިރެކްޓަރު ބޭނުންގޮތަކަށް އެކްޓް ކުރެވޭނެ މީހެކެވެ.

"މަލަންގް"ގެ ޑައިރެކްޓަރު މޯހިތުގެ އެންމެ ޚާއްސަ އެއް ސިފައަކީ އޭނާގެ ފިލްމުތަކުގެ ލަވަތައް އިންތިހާއަށް ރީތިވުމެވެ.

"އާޝިގީ 2"، "އޭކް ވިލަން" އަދި "ހާފް ގާލްފްރެންޑް" އަށް މޯހިތު ޚިޔާރު ކޮށްފައި ހުރީ ވަރަށް ރީތި ލަވަ ތަކެކެވެ. ހަމަ އެގޮތަށް "މަލަންގް" ގެ ވެސް އަދި މިހާތަނަށް ރިލީޒްކުރި ހުރިހާ ލަވަތަކެއް ވެސް ވަރަށް ހިތުގެ ވިންދާ ކުޅެލާ ފަދަ އަސަރުގަދަ އެވެ. "މަލަންގް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ 7 ވަނަ ދުވަހު އެވެ.