ބޮލީވުޑް

ފޭނުން ބުނަނީ އަދިތުޔާ-އަނިލް ގެ "ދަ ނައިޓް މެނޭޖަރު" ވަރަށް ރީއްޗޭ

އަދިތުޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" ފޭނުންނަށް ވަރަށް ކަމުގޮއްސި އެވެ.

"ދަ ނައިޓް މެނޭޖާ" އަކީ ޖޯން ލޭ ކަރޭ އުފެއްދި ހަމަ މި ނަން ކިޔާ ބްރިޓިޝް ސްޕައި ޑްރާމާއެއްގެ ހިންދީ ވާޝަން އެވެ. މި ސީރީޒް އަށް ގޯލްޑަން ގްލޯބް އެވޯޑުގެ ތިން އެވޯޑެއް ލިބިފައި ވެއެވެ.

އަނިލް އާއި އަދިތުޔާގެ ވަރުގަދަ ކުރިމަތިލުންތަކެއް މި ސީރީޒްގައި ފެނިފައި ވެއެވެ. އަދި އެޕިސޯޑަކަށް ފަހު އެޕިސޯޑެއް ބަލަމުން ގޮސް ހުރިހާ އެޕިސޯޑެއް ބަލާ ނިންމާލެވޭއިރު ވެސް ވަގުތުދާ ވަރެއް ވެސް ނޭނގޭހާ ޝައުގުވެރި އެވެ.

ޑިޒްނީ ހޮޓްސްޓާއިން މިހާރު ސްޓްރީމް ކުރަމުންދާ މި ސީރީޒްގައި އަދިތުޔާ ކުޅެފައިވަނީ ޝާން ސެންގުޕްތާ ކިޔާ މީހެއްގެ ކެރެކްޓާ އެވެ. ޝާން އަކީ ކުރިން އިންޑިޔާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ލެފްޓިނެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އަދި ހޮޓަލެއްގައި ނައިޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

ޝެލީ (އަނިލް ކަޕޫރު) އަކީ ނުފޫޒުގަދަ މުއްސަނދި މަހުޖަނެކެވެ. އޭނާގެ އަނދިރި ސިއްރުތަކެއް ޝާން އަށް އެނގުނު ހިސާބުން އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހެ އެވެ. އޭގެ ފަހުން ދެން ފެންނަނީ ޝާން އާއި ޝެލީ އެކަކު އަނެކަކު ފަހާ ދުވާ ތަނެވެ.

ޝޮބީތާ ދުލިޕާލް ބަތަލާގެ ބައި ކުޅެފައިވާ މި ސީރީޒް އިނގިރޭސި ސީރީޒް އާ ގާތް ކުރާ ވަރު ވެސް ނުވެ އެވެ. ނަމަވެސް އަނިލް އާއި އަދިތުޔާގެ މޮޅު އެކްޓީންގެ ސަބަބުން ފޭނުން ހިތްހަމަޖެހޭ އަދި ބަލާހިތްވާ ސީރީޒް އަކަށް މި ސީރީޒް ވަނީ ވެފަ އެވެ.

މި ސީރީޒްގެ ދެން އޮތް ބައި ބަލަން ބޭނުންނަމަ ޖޫން 2023 އަށް އިންތިޒާރުކުރަން ޖެހޭނެ އެވެ.