ބޮލީވުޑް

"އޯމް"އަށް އަދިތުޔާގެ ވަރުގަދަ ތަމްރީނުތަކެއް

އަދިތުޔާ ރޯއި ކަޕޫރު އަލަށް ފެށި ފިލްމް "އޯމް" އަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ. އަހުމަދު ޚާން ޕްރޮޑީއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ކަޕިލް ވަރުމާ އެވެ.

އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި މި ފިލްމަށް އަދިތުޔާ ވަރަށް ވަރުގަދައަށް ތައްޔާރީތައް ވާން ވަނީ ފަށާފަ އެވެ. އެގޮތުން ޑިސެމްބަރު މަހުން ފެށިގެން މާޝަލް އާޓްސް ޓްރެއިނިން ހަދަމުންދާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

އެގޮތުން ޕެންޑެމިކް ތެރޭގައި ވެސް އަދިތުޔާގެ އަމިއްލަ ގޭގައި ވަރުގަދަ ޖިމް އެއް ތައްޔާރުކޮށް އެތަނުގައި ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ކަޕިލް ބުންޏެވެ.

މި ފިލްމުގައި ކުޅޭ މަންޒަރުތަކަށް ފުރިހަމަކަން ގެނައުމުގެ ބޭނުމުގައި އަދިތުޔާ ވަނީ ކުން ފޫ އާއި ތައި ޗީގެ ޓްރޭނިންތައް ހަތަރު މަސް ދުވަހު ހަދާފަ އެވެ. އަދި އެސޯލްޓް ވެޕަންސް ގެންގުޅޭނެ ގޮތުގެ ތަމްރީނުތައް ވެސް ހެދިކަމަށް ޑައިރެކްޓަރު ބުންޏެވެ.

މި ފިލްމުގައި އަދިތުޔާގެ ހަށިގަނޑު ހުންނަން ޖެހެނީ ވަރަށް ވަރުގަދަކޮށް ކަމަށް ވާތީ ޕްރޮޑިއުސަރު ވަނީ އަދިތުޔާއަށް ޚާއްސަކޮށް ޑާންސް ރިހާސަލް ހޯލެއް ބުކް ކޮށްފަ އެވެ. އަދި އޭނާ ތަމްރީނުކުރުމުގެ މަސައްކަތުގައި ތިން އިންސްޓްރަކްޓަރަކު ހަރަކާތްތެރިވަމުން ދެއެވެ.

މި މީހުންނާއެކު ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރު އަދިތުޔާ ތަމްރީނުތައް ހަދަ އެވެ.

މީގެ އިތުރުން އަދިތުޔާ އަށް ޚާއްސަކޮށް ޝެފް އެއް ވެސް ޕްރޮޑިއުސަރު ހޯދި އެވެ. އެއީ އޭނާގެ ހަށިގަނޑު ފިޓްކޮށް ވަރުގަދަ ކުރެވޭ ކަހަލަ ކާނާ ކައްކާފައި އޭނާއަށް ގަވާއިދުން ކާން ދިނުމަށް ހޯދި މީހެކެވެ.

މި ފިލްމުގެ ސެޓު ގޮރެގާއޮން ފިލްމު ސިޓީގައި ތައްޔާޜުކޮށް މިހާރު ޝޫޓިންގް ވެސް ވަނީ ފަށާފަ އެވެ. އިންޑިޔާ ޝެޑިއުލް ނިމުމުން ތުރުކީގައި ވެސް ޝެޑިއުލް އެއް ފުރިހަމަކުރަން ހަމަޖެހިފައިވާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.