ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާ ވައިރަސް ރާއްޖޭން އަދި ނުފެނޭ، ފިޔަވަޅުތައް ވަރުގަދަކޮށްފި

Jan 28, 2020
2

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން މިހާތަނަށް ވެސް ފެނިފައި ނުވާ ކަމަށާއި ނަމަވެސް ވައިރަސް ރާއްޖޭގައި ފެތުރިދާނެ ކަމަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިހާތަނަށް މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ފެނިފައިނުވާ ކަމަށާއި ނަމަވެސް މި ބަލި ފެތުރުމުގެ ފުރުސަތު މުޅި ދުނިޔޭގެ ނިސްބަތުން ވެސް ބަލި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް ބުންޏެވެ.

ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް

  • ވެލާނާ އެއާޕޯޓާއި ގަން އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ބެލުމަށް ތާމަލް ކެމެރާ ބޭނުން ކުރުން
  • އެއާޕޯޓްތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރި ކަމަށް ދައްކާ ފަސިންޖަރުން ސްކްރީން ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން
  • އެއާޕޯޓްތަކުގެ ޓާމިނަލްގައި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ މީހުނަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން
  • ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑްލައިން މުއައްސަސާތަކާއި އިދާރާތަކަށް ފޯރުކޮށްދިނުން
  • ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށާއި ޓޫރިޒަމާ ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކަށް ފޯރުކޮށްދިނުން
  • ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރެއިން ބަލީގެ ސަވައިލަންސް ކްރައިޓީރިއާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ވެލާނާ އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގައި ގާއިމު ކުރުން
  • ބަލީގެ މައުލޫމާތުތައް ދިނުމަށާއި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެވޭނެ ގޮތަށް ހޮޓްލައިން ނަންބަރު 7377004 ގެ ހިދުމަތް ފެށުން

ޗައިނާއިން ކޮރޯނާ ވައިރަސް ފެނި ދުނިޔޭގައި ފެތުރެމުންދާއިރު، އެ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި މިހާރު ވެސް ހަތް ދިވެހިން އެބަ ތިއްބެވެ. އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހަމަކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެއާ ހަމައަށް މުޅި ދުނިޔެއިން 2798 މީހުނަށް މި ބަލި ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 2741 މީހުނަށް ބަލި ޖެހިފައި ވަނީ ޗައިނާގަ އެވެ. އަދި މިހާތަނަށް ބަލި ޖެހިގެން 100 އެއްހާ މިހުން މަރުވެފައިވެ އެވެ.

ޗައިނާއިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ބަލި ޖެހިފައިވާ މީހުން ވަނީ އެ ގައުމުގެ އިތުރުން 11 ގައުމަކުން މިހާތަނަށް ފެނިފަ އެވެ. އެ ގައުމުތަކުން ފެނުނު 37 މީހުންގެ އެންމެ މީހަކު ފިޔަވައި ދެން ތިބި މީހުންނަކީ ޗައިނާއިން އެ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.