މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައި އެ މިސްކިތް ރީތިކޮށްލައިފި އެވެ.
ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ބެެލެހެއްޓާ މަރާމާތު ކުރުމުގެ މަސައްކަތް ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭ މައި ކުންފުންޏާ ހެރިޓޭޖް މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޑިސެމްބަރު ހަތަރެއްގަ އެވެ. އެ މަސައްކަތް ހަވާލު ކުރިއިރު މުންނާރު ވަރަށް ބޮޑަށް ބާވެ، އޮތީ ފެހި ޖަހައިފަ އެވެ. އަދި ނަމަވެސް ފެހިތައް ކަހައި އުވަ އާއި ކުލަ އަލުން ލައިގެން މިހާރު މުންނާރު ވަނީ ވަރަށް ބޮޑަށް ރީތިކޮށްލައިފަ އެވެ.
ސްޓެލްކޯ އިން ބުނީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ނިންމާލައި އިއްޔެ އެކަން ފާހަގަ ކުރަން ކުޑަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ސްޓެލްކޯގެ މަސައްކަތައް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އެ މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު ދެންނެވި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު ވިދާޅުވީ މުންނާރާއި ވަޅުތަކުގެ މަސައްކަތްތައް ކޮށްފައިވަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފުން އެ ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ.