ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(26 ޖެނުއަރީ 2020 އާ ގުޅޭ)

"މިހާ ހެނދުނާ... ކާކާ އޭނާ ވާހަކަދައްކަންހުންނާނީ" ސާއިރާއަށް ދެން ވެސް ކުރެވުނީ ސުވާލެކެވެ.

ރިޒްވާނަށް ވެސް ސާއިރާ އެބުނި އެއްޗަކާ މެދު ފުންކޮށް ވިސްނާލެވުނެވެ. ހޭޒަލް މީހުންނާ ބައްދަލުކޮށެއް ނުހަދައެވެ. އޭނާގެ ހުރިހާ ވަގުތެއްހެން އުޅެނީ ގޭގައެވެ. އެކަމަކު ހޭޒަލް އިން ގޮތުން އޭނާ ވާހަކަދައްކަނީ ގާތްމީހަކާހެން ރިޒްވާނު ލަފާކުރިއެވެ. ހިތްހަމަޖެހުމާ އެއްވަރަށް އޭނާގެ ނަފްސަށް ނުތަނަވަސްކަން ވެރިކުރުވިއެވެ. ހޭޒަލް ވާހަކަދައްކަނީ ކާކާކަން އެނގެން އޭނާ ވެސް ބޭނުމެވެ. ދިރިއުޅުމައިގެން ކުރިއަށްދާން އޭނާ އެކިގޮތްގޮތުން ހޭޒަލްއަށް ނަސޭޙަތްދެއެވެ. އެކަމަކު އެ ދަރިފުޅަށް ކުރިމަތިވެދާނެ މުސީބާތަކާމެދު އެ ހިތް އަބަދުމެވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންވިޔަސް މުސްތަޤުބަލުގެ ކަންކަން ދެނެގަތުމަކީ ކުޅަދާނަވެގެންވާކަމެއް ނޫނެވެ. ހަމައެކަނި އޮތް ގޮތަކީ ﷲއަށް އިތުބާރުކުރުމެވެ. އެ ދަރިފުޅަށް ޓަކައި ހެޔޮ ދުޢާކުރުންމަތީ ދެމިހުރުމެވެ.

ދާރިއަން ފޯނުކޯލު ނިންމާލީ ވިސްނުންތެރިކަމާއެކުއެވެ. ހޭޒަލްއާ ހެދި ދިވާނާވެފައިވާ މީހެއްހެން އޭނާގެ ޢަމަލުތައް ނުބެހެއްޓުމަށް ދާރިއަން އިސްކަންދިނީއެވެ. އަމިއްލަ ޖަޒުބާތުތަކަށްވުރެ ހޭޒަލްގެ ހަޤީޤީ ހާލު އެނގެން ދާރިއަން ބޭނުންވެއެވެ. ހެނދުނުގެ އެވަގުތަކީ އޭނާއަށް ވަގުތުވާނޭ ގަޑިއެއްކަން ހޭޒަލް ގާތު ދާރިއަން ބުންޏެވެ. އަދި އޭނާގެ ދުވަހީ ތަވާލު ރޭވިފައި އޮތްގޮތް ހޭޒަލްއަށް ކިޔާދިނީ ވެސް އަމިއްލައަށެވެ. މީގެ ކުރީން އެ ދެމެދުގައި ދެކެވިފައިނުވާ ކުދިކުދި އާދައިގެކަންކަމުގެ ވާހަކަދެއްކުނެވެ.

ހޭޒަލް ބަދިގެއަށް ވަނެވެ. އައިލެންޑްދޮށުގައި ހުންނަ އުސްގޮނޑިތަކުން ގޮނޑިއެއްގައި ރިޒްވާނު އިނެވެ. އާދައިގެ މަތިން އޭނާގެ ޓެބްލެޓުން ނޫސްތައް ބެލުމުގައެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުނދުން ކައިރީ ސާއިރާ ހަރަކާތްތެރިވަމުންދިޔައެވެ. ހެނދުނުގެ ސަލާމް ހޭޒަލްކޮށްލިއެވެ. ރިޒްވާނާއި ސާއިރާގެ ޖަވާބުއައީ އެކުއެކީއެވެ. ގޭތެރެއިން ހޭޒަލް ނުފެނުނުކަން ސާއިރާ ބުނެލިއެވެ. ހޭޒަލް އައިސް ރިޒްވާނު ކައިރިން އުސްގޮނޑިއެއްގައި އިށީނެވެ.

"ޓެރެސްގަ އިނދެލާފަ މިއައީ، ކަމަކުތަ އަޅުގަނޑު ހޯދީ" ހޭޒަލްގެ ފުށުން ތަފާތުކަމެއް ފެންނަކަން އެނގިތިބެ ވެސް ރިޒްވާނާއި ސާއިރާ އެނގޭކަމަށް ނުހެދިއެވެ.

"ކަމަކުނޫން... ދަރިފުޅު ކޮބާތޯ ބަލާލީ" ސާއިރާ ބުންޏެވެ.

"އަޅުގަނޑު އަލުން މަސައްކަތްތައް ފަށަން ނިންމައިފިން" އިރުކޮޅަކު ރިޒްވާނާއި ސާއިރާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ހޭޒަލް ބުންޏެވެ.

"ބައްޕަ ކީއްކޮށްދޭންވީ؟" ރިޒްވާނު ބުންޏެވެ.

ހޭޒަލްއަށް ވިސްނާލެވުނެވެ. އޭނާ މިހާތަނަށް ބޭނުންކުރަމުން އައީ އަގުބޮޑެތި އެއްޗިއްސެވެ. ލިއަމް އޭނާއަށް އެއްޗެހި ހޯދާދިނުމުގައި އަގަކަށް ނުބަލައެވެ. ބާޒާރަށް އެންމެފަހުން ނިކުންނަ ކޮންމެ ވައްތަރަކުން އެއްޗެއް އޭނާގެ އަތުގައި އޮތެވެ. އެއީ ފޯނާއި، ލެޕްޓޮޕާއި، އައިޕެޑާއި ސްމާޓް ގަޑިއާއި ސެންޓުފުޅިއަކަށް ވިޔަސްއެވެ. އެއްވެސް މުނާސަބަތަކާ ނުލާ ވެސް ޗޮކުލެޓާއި މާބޮޑިތަކާއި އަގުބޮޑެތި އެކި ހަދިޔާތައް އޭނާއަށް ލިއަމް ގެނެސްދެއެވެ. އެކަންކަމަކީ ބޮޑުކަމަކަށް ހޭޒަލްއަށް ނުވެއެވެ. އޭނާއަށް ވެސް ލިއަމްގެ ފުށުން ހަދިޔާއެއް ލިބޭނަމަ ފަހުގެ އެންމެ މޮޅެތި އެއްޗިއްސަށް އުންމީދުކުރެވެއެވެ. އެކަމުން ހިތަށް އުފާވެރިކަން ލިބެއެވެ. ލޯބިއިތުރުވާހެން ހީކުރެވުނެވެ. ބޭކާރު ޚަރަދުތައް އިންތިހާކަން މިހާރު އެނގެއެވެ. އެކަންކަމާމެދު ވިސްނާލަން ފުރުޞަތު ލިބުނީ އަދިކިރިޔާއެވެ. ދުނިޔެވީ ކަންކަމަށް އޭނާގެ ލޯބިޖެހިފައި ހުރިވަރު ހޭޒަލްގެ ހިތަށް އެރިއެވެ. ކައިވެނީގެ ތެރެއިން ލިބުނު ކޮންމެ އެއްޗަކީ ފިރިމީހާ ލޯބިން ދިން ހަދިޔާއެއްކަމެއް ނޫނީ ކުށުގެ ކައްފާރާއެއްގެ ގޮތުން ދީފައި ހުރި އެއްޗެހިކަން ބުނާކަށް ހޭޒަލްއަކަށް ނޭނގެއެވެ. ދެމެދުގައި އޮތް ގުޅުމަށް ނިމުން އަތުވެއްޖެކަން އިޙްސާސްވީ ހިނދު ހުސްއަތާ އޭނާ ގެއަށް އައީ އެހެންވެއެވެ. އެތަކެތިން އޭނާއަށް މަންފާއެއްނުކުރާނެކަން ހޭޒަލްއަށް ވިސްނިއްޖެއެވެ. ކޮންމެ މީހަކު ވެސް މަރުވާނޭކަން އެނގެއެވެ. އެކަމަކު މަރާމެދު ފުންކޮށް ހޭޒަލްއަށް ފުރަތަމަ ވިސްނާލެވުނީ ވެސް ހުސްއަތާ އެނބުރި އައި ފަހުންނެވެ. އެނބުރިދާއިރު ތިމާގެ ޢަމަލުތައް ފިޔަވައި ގެންދެވޭނޭ އެކައްޗެއް ވެސް ނެތްކަމެވެ.

ހޭޒަލްއަށް ސާއިރާ ގޮވާލިއެވެ. ޚިޔާލުތަކުގެތެރޭގައި ހިމޭންވެފައި އިން ހޭޒަލްގެ ކޮނޑުގައި ރިޒްވާނު އަތްޖައްސާލިއެވެ. އޭނާ އިސްއުފުލާލުމުން ރިޒްވާނު ބޮލުން އިޝާރާތްކޮށްލީ ސުވާލެއް ކުރާ ފަދައިންނެވެ. ހޭޒަލް އެދެފި ކޮންމެ އެއްޗެއް ހޯދާދިނުމުގެ ތަނަވަސްކަން ﷲވަނީ ސާއިރާއާއި ރިޒްވާނަށް ދެއްވާފައެވެ.

"ވަރަށް އަގުބޮޑުވީމަ..." މަސައްކަތް ފުރިހަމަ ގޮތުގައި ކުރަން ބޭނުންވާ ސާމާނުގެ އަގާމެދު ހޭޒަލް ކަންބޮޑުވުން ފާޅުކުރިއެވެ. ރިޒްވާނަށް ފަސްއެނބުރި ސާއިރާއަށް ބަލާލެވުނެވެ. އެ ދެމީހުން ވެސް ފެނުނީ ހިނިތުންވެލިތަނެވެ. ހޭޒަލް ގާތު ބޭނުންވަނީ ކޮންއެއްޗެއްކަން ބުނުމަށް ރިޒްވާނު އެދުނެވެ. އަދި އެއީ ހޭޒަލް ކަންބޮޑުވާންޖެހޭވަރު ކަމެއް ނޫންކަން ރިޒްވާނު ވިސްނައިދިނެވެ. ބޭނުންވާ އެއްޗެހި ގަތުމަކުން ބޭކާރުވެގެން ނުދާނެއެވެ. ވިޔާނުދާ ޚަރަދުތައް ގިނަވަނީ ހިތްނުފުރޭތީއެވެ.

* * * * *

އޮފީހުން ގެއަށް އައުމާއެކު ދާރިއަންއާ ވާހަކައެއް ދައްކާލަން ބޭނުންވާކަން އިބާ ބުންޏެވެ. ދައްކަން އެއުޅެނީ ސާރާއާ ގުޅުން ހުރި ވާހަކައެއްތޯ ދާރިއަން ވަގުތުން ސުވާލުކުރިއެވެ. އޭނާއާއެކު އެތަނުގައި ޒުކަން ވެސް ހުއްޓެވެ. ދާރިއަން ހުއްޓުވީ ޒުކަންއެވެ. މަންމައަށް ވަގުތު ދިނުމަށް ޒުކަން ބުނެލީ ގޮތުން ދާރިއަންއަށް ވިސްނުނެވެ.

ކޮޓަރިއަށް ވަންގޮތަށް ނުނިކުންނަން ދާރިއަން އިނެވެ. އެހެން އިންއިރު އޭނާ ފޯނުން ހޭޒަލްއަށް މެސެޖުކުރިއެވެ. ދެމީހުންގެ މެދުގައި ވާހަކަކުރިއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނީ އައިކުއެވެ. ކޮޓަރިން ނުކުމެވެން ހުރި ކުޑަ ބެލްކަނިކޮޅުގައި ދާރިއަން އިންތަން ފެނި އޭނާ އައީ އެތަނަށެވެ. ދާރިއަން މެސެޖު ކުރުން ހުއްޓާލިއެވެ.

"މީޓިންއަށް ގޮވާލައިފި" ކަހާލާފައި ހުރި ބިއްލޫރި ދޮރުގައި ދެއަތް ޖައްސާލަމުން އައިކު ބުންޏެވެ.

"މީހަކާ އިންނަންވީނު" ދާރިއަން އިސްއުފުލާލި ގޮތަށް ބުނެލިއެވެ. އައިކުގެ މޫނުން ފާޅުވީ ހައިރާންކަމެވެ.

"ކީއްކުރަން" އައިކު ބުނެލިއެވެ.

"ދިރިއުޅެން... މަންމައަށް ޅީދަރިއަކާއި މާމަ ދަރީން ހޯދަދޭން..." ދާރިއަންގެ އަޑުގައި ހުރީ ސިރިއަސްކަމެވެ. އެހެންވިޔަސް އައިކު ފެށީ ހޭށެވެ.

"ހަތަރުއަނބިންވީމަ އައިކު ފޫހިވާނެ ޗާންސެއްނޯންނާނެ، ކޮންމެ ހަފްތާއަކު އަނތްބެއްގެ ކައިރީ މަޑުކުރާނީ.... އެކްސައިޓްމެންޓް ކުޑައެއްނުވާނެ" ދާރިއަން ދެން ވެސް ވާހަކަދެއްކީ މޮޅު ޚިޔާލެއް ދޭ މީހަކު ފަދައިންނެވެ. އައިކުއަށް ހިނިގަނޑު ނުހިފެއްޓި ކުރިއަށްވުރެ ބާރަށް ހެވުނެވެ. މިނޫނީ ދާރިއަން އެފަދަ ވާހަކައެއް އައިކު ގާތު ދުވަހަކުވެސް ދައްކާފައެއްނުވެއެވެ.

"ސީރިއަސްލީ... އަދިވެސް ސެޓްލް ވާކަށް ނުވޭތަ؟" ދާރިއަން ގާތަށް ކުޑަކޮށް ވެސް ހިންޏެއް ނާދެއެވެ.

"ބްރޯ އިންނަންވީނު، ބައި ދި ވޭ... ހަތަރެއް!... ކިހިނެއް އައި އައިޑިއާއެއް؟..." އައިކު ހުނުމުގެ ތެރެއިން ވާހަކަދެއްކިއެވެ.

"ލާ ހެދުމަށްވުރެ އަވަހަށް ހިތް ބަދަލުވޭ... އަންހެންކުދީން ބަދަލުކުރޭ... އެކަކުކައިރިން ދުރަށްދިއުން ލަސްވާނީ، އެހެން ކުއްޖަކު ފެނި އޭނާދެކެ މާބޮޑަށް ލޯބިވެވިގެން އުޅޭނީ، ހަމަކޮންމެ ފަހަރަކުވެސް ގުޅެނީ ވަރަށް ލޯބިވެގެން، ކޮންމެ ފަހަރަކު ބުނާނެ ޝީ އިޒް މައި ގާލްއޭ... މި ނިމުނީއޭ... އެކަމަކު އެ ނިމުމެއްނައި، ހިތެކޭ އެނބުރޭ ވަހުތާނެކޭ އެއްވަރު" ދާރިއަންގެ ވާހަކަތަކުން އައިކުއަށް ސީރިއަސްކަމެއް ނައެވެ.

"ވަޓް!.. ވަޓް!... ބްރޯ... ވަހުތާނޭ... އަހަރެން މީހަކާ ނީނަސް ދާރިއަންއަށް އިނދެވިދާނެއެއްނު، ހަތަރު އަނބިން ގެންގުޅުނަސް އޯކޭއޭ... ހޭ ބްރޯ!... އާ ޔޫ ސްޓިލްއަ ވާޖިން، އެހެންވެ ވެގެން އުޅޭ ގޮތެއްތީ" އައިކުގެ ހުރީ ސަމާސާ ކުރާ ގޮތެވެ. ކޮޅަށް ތެދުވި ދާރިއަން އަތުގައި އޮތް ފޯނު ޖީބަށް ލަމުން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ދޮރުމަތީ ހުރި އައިކު އެތެރެއަށް ޖެހިލައި ތަންދެއްކިއެވެ. އޭނާއަށް ބުނެވުނު އެއްޗަކުން ދާރިއަން ހިތްހަމަނުޖެހޭގޮތްވީކަން އައިކުއަށް ވިސްނުނެވެ.

"އަހަރެން މީހަކާ އިންނަން ބޭނުން، އެކަމަކު އަދި ވަގުތުނުޖެހެނީ... އެންމެ މީހަކުދެކެ ލޯބިވާން އަހަންނަށް އެނގެނީ، ހަތަރެއް ހޯދަން ޖެހޭ ފަދަ ދުވަހެއް ނުދެއްކެވުން އަހަރެން އެދެނީ، މަންމަ އަހަންނަށް އެ ފޯސްކުރަނީ ދޮންބެގެ ފަރާތުން އެފަދަ ކަމަކަށް އުންމީދުނުކުރެވޭތީ... މަންމަ ބޭނުންވާ ހަރުދަނާކަން ދޮންބެގެ ފަރާތުން ނުފެންނާތީ، އަހަރެމެން ފިރިހެނުންނަށް ވިޔަސް އަހަރެމެންގެ އުމުރު ވެސް މިތިބަ މައްޗަށް ދަނީ، ތިހެން ވިޔާނުދާ ގުޅުންތަކުގައި އުމުރުނަގާލަންތަ ވިސްނަނީ... ރަނގަޅު އަންހެންކުއްޖަކު ހޯދައިގެން ކައިވެނިކޮށް ދަރިއަކު ހޯދުމުގެ ވިސްނުމެއް އެއްގޮތަކަށް ވެސް ދޮންބެގެ ނެތީތަ؟..." ދާރިއަން ހިތްހަމަނުޖެހިއްޖެކަން ޔަގީންވެ އައިކުގެ މޫނުން ހިނިތުންވުން ފިލާ ހިނގައްޖެއެވެ.

"އިޓްސް ނޮޓް ދެޓް އީޒީ..." ދާރިއަންގެ އެނދުގައި އައިކު އިށީނެވެ.

"ބޭނުންވާ ކަންކަން ފަސޭހައިންވަނީ މަދު މީހަކަށް، އެކަމަކު މަސައްކަތްކުރުމަކީ ވެސް އޮންނަކަމެއް" ދާރިއަން ހުއްޓުނީ އައިކުގެ ކުރިމަތީއެވެ.

"ޔޫ އާ އިން ލަވް... ޝީ އިޒް ނޮޓް ސާރާ... ރައިޓް..." ދާރިއަންގެ ހިތްހަމަނުޖެހުމުގެ އަސްލު އައިކު ދެނެގަތެވެ. ބުނެވުނީ ތެދެއްކަން އިތުރަށް އައިކުއަށް ޔަގީންވީ ހިމޭންކަމާއެކު ދާރިއަން އިސްޖަހާލި ގޮތް ފެނިއެވެ. ދާރިއަންގެ ހިތްހަމަނުޖެހުން މަންމައާއި ބައްޕައާ ދިމާއަށް އޭނާ ބޭރުކޮށްނުލާނޭކަން އައިކުއަށް އެނގެއެވެ. އެހެންވެ އެ ހިތްހަމަނުޖެހުން އައިކުއަށް އަމާޒުވީކަން އޭނާއަށް ވިސްނިއްޖެއެވެ.

"މަންމަ ގާތު ތެދަށް ބުނެބަލަ... އެންޑް ޑޭޑް... އެކަކުގެ ވާހަކަ އަޑު ނޭހިޔަސް ބްރޯ ދައްކާ ވާހަކަ އަޑުއަހާނެ، ގެރެންޓީ... ތެދަށް ބުނަންޏާ އަހަންނަށް ވެސް ތި ދެމީހުން އެހާ މެޗިންގް މެޗިންގެއްނޫން، ޝީ އިޒް ނޮޓް ޔޯ ޓައިޕް" ސަމާސާކަން ކަނޑާލައި އައިކު ސީރިއަސް ވިއެވެ. މިނޫނީ އޭނާ ތެދު ހާމަކޮށްފައެއްނުވެއެވެ. ސާރާއާ ގުޅުމަކީ މައްސަލައެއްނޫންކަމުގައި އައިކު ޚިޔާލު ވެސް ދިނެވެ. ނުވިތާކަށް ސާރާއާ އަޅުވާ ވެސް ކިޔެވެ. އެކަމަކު އޭނާއަށް ދާރިއަންގެ ހިތް އޮތްގޮތް އެނގުނީ އަދިކިރިޔާއެވެ. ސާރާއާ ކައިވެނި ކުރުމުން ދާރިއަންއަށް ވާނޭ ގޮތާމެދު އައިކުއަށް ވިސްނާލެވުނެވެ.

ދާރިއަންއަށް ގޮވަން އައިކު ދިޔަގޮތަށް މާ ލަސްވާތީ ކުދީންގެ ޚަބަރެއް ބަލަން ޒުކަން އައެވެ. ހިމޭންވެފައި ތިބި އައިކުއާއި ދާރިއަންއަށް ދޮރާ ދިމާއަށް ބަލާލެވުނީ އެކީގައެވެ. ޒުކަން ފެނި ދެބެން ވެސް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

"ހާނިމް ބައްދަލުކޮށް ސާރާއާއި ދާރިއަން ގުޅުމާމެދު ވާހަކަދައްކައިފި" ސިޓިންރޫމު ސޯފާގައި ޢާއިލާގެ ހުރިހާ މެންބަރުން ހަމަވުމުން ޒުކަން ބުންޏެވެ.

"އެމަންޖެއަކީ ރަނގަޅުކުއްޖެއް" ތަހުމީނާ ބުންޏެވެ.

"ދޯ މަންމާ، އަހަންނަށް ވެސް ވަރަށް ކަމުދޭ... ހާނިމް ބޭނުންވަނީ އަހަރެމެން ރުހޭނަމަ މިކަން އަވަސްކުރަން" އުފަލުން އިބާގެ ހިތް އަވަސްވެފައިވާ ކަހަލައެވެ.

ދާރިއަން ބަހެއް ވެސް ނުބުނެ އިނީއެވެ. އޭނާ ތަކުރާރުކޮށް އެތައް ފަހަރަކު ސާރާއާ ގަޔާނުވާކަން ބުނެފިއެވެ. އެއަޑު އިބާއަށް މުހިންމެއްނުވިކަން ދާރިއަންއަށް އިޙްސާސްކުރެވުނެވެ. އައިކުގެ ނަޒަރު ދާރިއަންއަށް ހުއްޓުނެވެ. އޭނާ އިސްނެގީ ދެނެވެ.

"މާމް!... އަންހެން ދަރިއަކުތަ ހޯދަން ތިއުޅެނީ ނޫނީ ރިއާންކޮއްކޮއަށް އަނތްބެއްތަ؟" އައިކުގެ ސުވާލުން އިބާ ހައިރާންވިއެވެ.

"މީ އައިކުއާ ބެހޭ ކަމެއްނޫނޭ... އެހެންނޫނަސް ދާރިއަންއާ ކައިވެނިކުރީމަ ސާރާ ވާނީ އަހަރެންގެ ދަރިއަކަށްނު" އިބާ ހަރުކަށިކަން ދައްކާލިއެވެ. އައިކު ދެފަރާތަށް ބޯހޫރުވާލާފަ ޒުކަންއަށް ބަލާލިއެވެ. ލޮލުން ކޮށްލި އިޝާރާތުން ޒުކަންއަށް އެއްޗެއް ބުނުމަށް ބާރުއަޅާލި ފަދައެވެ.

"ހީ ޑޯންޓް ލައިކް ހާ..." ޒުކަން އެއްޗެއް ނުބުނާނޭ ހީވެ އައިކު އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

ދާރިއަން ދަތްކުނޑިވިކާލީ ހިތަށް ވެރިވި ނުރުހުމުގެ އަސަރު ދުލުން ބޭރުވެދާނޭތީއެވެ. އޭނާއާ އެއްކޮޅަށް އައިކު ވާހަކަދައްކަމުންދިޔަ ވަރަކަށް އައިކުގެ އަޑު ވެސް އައީ ބާރުވަމުންނެވެ. ސާރާ ކަމުނުދާންވީ ސަބަބެއް އިބާއަކަށް ނުވިސްނުނެވެ. އައިކުގެ މިޒާޖުގެ ގޮތުން އޭނާ ކޮންމެ އެއްޗެއް ވެސް ބުނާކަށް ފަހަކަށް ނުޖެހޭނެކަން ދާރިއަންއަށް އެނގެއެވެ. މަޝްވަރާތައް ޒުވާބަކަށް ބަދަލުވާކަމުގެ އަލާމާތްފާޅުވާން ފެށުމުން ދާރިއަން އިންތަނުން ތެދުވިއެވެ. ޒުކަން ގޮވާލުމުން ވެސް އޭނާ މަޑެއްނުކުރިއެވެ. ހަލުވިކޮށް ގެއިން ނުކުމެގެން ދިޔައީއެވެ.

"އައިކު މިދޭތެރެއަށް ވަންނަންޖެހޭތަ؟... ސާރާއާ އިންނަން މިކިޔަނީ އައިކު ގާތުއެއްނޫނެއްނު" ރުންކުރުކަމާއެކު އިބާ ބުނެލިއެވެ.

"ވައި ވޯންޓް ޔޫ ލިސެން ޓު ހިމް، ލޯބިނުވާ ދެ މީހުން އިނދެގެން އުޅޭނީ ކިހިނެއްތަ؟... މާމް!... ޑޯންޓް ފޯސް ހިމް...ޕްލީޒް... ރިއާން ހެޕީއެއްނުވާނެ، އިން ސައިލެންޓް ހީ ވިލް ބީ ސަފަރިން، ޕްލީޒް ޑޯންޓް ޑޫ އިޓް..." އައިކުގެ އަޑުގައިވީ ކަންބޮޑުވުމެވެ. ދާރިއަންގެ ހިތް އޮތް ގޮތް ބުނަން ހިތައް އެރި ނަމަވެސް އެއީ އޭނާ ފާޅުކުރަން އޮތް ކަމެއްނޫނޭ ޟަމީރު ވިސްނައިދިނެވެ. އޭނާއާއި ދާރިއަންގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. އެހެންވިޔަސް އޭނާއަށް ދާރިއަންގެ އިޙްސާސްތައް ވަރަށް މުހިންމެވެ. އެ އިޙްސާސްތަކަށް އޭނާ ޤަދަރުކުރެއެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން ވެސް ނަމޫނާއަކަށް ބަލާވަރު މީހެއްކަން އޭނާގެ ކޮއްކޮއަކީ އައިކު ޤަބޫލުކުރެއެވެ. ހަމައެއާއެކު އޭނާއަށް ލިބިފައިވާ މިނިވަންކަމަކީ ދާރިއަންގެ ސަބަބުން އޭނާއަށް ލިބިފައިވާ މިނިވަންކަމެއްކަން އެނގެއެވެ. ޢާއިލާގެ ބަސްއަހާ ދަރިއަށް އޭނާވީ އެމީހުން ނާއުންމީދުވިޔަ ނުދޭންވެގެންނެވެ. އައިކުގެ ހުންނަ އިދިކީލަ ގޮތުން މައިންބަފައިންގެ ހުވަފެންތައް ސީދާކުރެވޭވަރުގެ ޒިންމާދާރުކަމެއް އޭނާގެ ނެތުމުގެ ސަބަބުންނެވެ.

* * * * *

ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކާއެކު ދާރިއަންއާއި ހޭޒަލްއާ ދެމެދު އޮތް ގުޅުން ފަހަރަކަށްވުރެ ފަހަރެއް ގާތްވެ ބަދަހިވަމުންދިޔައެވެ. ފުރިހަމަ އެއްއަހަރު ލިއަމްއާ ދުރުގައި ހޭޒަލް ހޭދަކޮށްފިއެވެ. އިޝްވާގެ ގާތަށް ސެޝަންތައް ނަގަން ދިއުން އޭނާ މަދުކުރީ ހޭޒަލްގެ ނަފްސާނީ ހާލަތު ހަމައަކަށް އެޅިފައިވުމުންނެވެ. އެ ދެމެދުގައި ޑަކްޓަރަކާއި ބަލިމީހަކާ އޮންނަ ގުޅުމުގެ އިތުރުން އެކުވެރިކަމުގެ ގުޅުން އުފެދިފައިވިއެވެ. މިހާރު އިޝްވާގެ ގާތަށް ހޭޒަލް އަންނަނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. ކަމަކާ ޚިޔާލު ބަދަލުކޮށްލަން ވެއްޖެނަމަ އިޝްވާއަށް ފޯނުން ގުޅާލަނީއެވެ.

ދާރިއަން ރުޅިގަދަވެގެން ގެއިން ނުކުމެގެން ދިއުން އާދައަކަށްވެއްޖެއެވެ. އެފަދަ ކޮންމެ ފަހަރަކު ޒުކަންގެ އެދުމަށް އިބާ ކައިވެނީގެ ވާހަކަ ހުއްޓާލައެވެ. އައިކު ހުންނަނީ އެ ކައިވެނި ވިޔަނުދޭން ފައިވިއްދާފައެވެ. ތަހުމީނާ ވެސް ދާރިއަން ނުރުހޭއިރު އެ ކައިވެނި ކުރުވުމުގެ ޚިޔާލު ދޫކޮށްލުމަށް އިބާއަށް ވިސްނައިދީފިއެވެ. އިބާ ކަންބޮޑުވާ އެހެންކަމެއް ވެސް އޮވެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކައިވެންޏާ ހަމައަށް ނުދިޔަޔަސް ކުއްޖަކާ ރައްޓެހިވާންވާނެކަމެވެ. އައިކު އަންހެންކުދީންނާއެކު ފެންނައިރު ވެސް ދާރިއަން ކުއްޖަކާ ވެސް ރައްޓެހިނުވުމަކީ އޭނާގެ ނަޒަރުގައި މާބޮޑު މައްސަލައެކެވެ. ޢާއިލާއިން ދައްކާ ކުއްޖަކާ ކައިވެނިކުރާ ގޮތަށް އިބާ ބާރު އަޅާ އެއްސަބަބަކީ އެއީއެވެ. ކިޔަވައިގެން ހުރި ޒަމާނީ ގޮތްގަނޑު ހުރި އަންހެންކުއްޖަކަށް ސާރާ ވެފައި ދާރިއަންއަށް ޝައުގުވެރިވުމަކީ އިބާއަށް ލެއްވި ނިޢުމަތެކެވެ. ވަޅުކައްޓަފުޅިދާންޏަށް ނުސިހޭނެހެން އިބާ ވެސް ދާރިއަންގެ ރުޅިއާއި ގެއިން ނުކުމެގެން އެދާ ދިއުމަށް ހޭނިއްޖެއެވެ. އެއަށްވުރެ ބޮޑުވަރެއް ދާރިއަންއަށް ކުރާކަށް ނުކެރޭނެކަން އިބާއަށް ޔަގީންވަނީއެވެ. އޭނާގެ ރޭވުންތައް ފަސްކުރުމުގެ ބޭނުމެއްނެތެވެ. އަތްކުރި އޮޅާލީ ކައިވެނީގެ ކަންކަން ހަމަޖައްސާށެވެ. ހަގުދަރިފުޅުދެކެ ޒުކަންވާ ލޯބިން އޭނާ ގޮތެއް ނުނިންމަނީސް އިބާ ގަސްދުކުރީ ކަންކަން ބަދަލުނުކުރެވޭވަރު ކުރާށެވެ. އޭރުން ދާރިއަންއަށް ވެސް އޮންނާނީ ދެކޮޅު ހެދޭވަރަށްވުރެ ކަންކަން މާލަސްވެފައެވެ.

ހޭޒަލްގެ މަސައްކަތްތައް ދައްކާލުމަށް އަންހެނުންގެ މަސައްކަތުގެ މައުރަޒުގައި އޭނާގެ ފަރުމާތައް ދާރިއަން ބައިވެރި ކުރިއެވެ. އެތަނުން ހޭޒަލްއަށް ދެވަނަ ލިބުނެވެ. އެވެސް ވަރަށް ރަނގަޅު ފެށުމެއްކަމުގައި ހޭޒަލް ޤަބޫލުކުރިއެވެ. ދާރިއަންއާއި އޭނާގެ ޢާއިލާއާ ބައްދަލުކޮށްދޭން ވެއްޖެކަން ހޭޒަލް ނިންމީ އޭގެ ފަހުންނެވެ. މައުރަޒުގެ ކަންކަން ނިމި ހޭޒަލްއަށް ހަމަޖެހިލާނޭ ފުރުޞަތެއް ލިބުނީ އޭގެ ދެ ދުވަސް ފަހުންނެވެ. ހޭޒަލްގެ ފަހަތުގައި ހުރީ ދާރިއަންކަން މީހުންނަށް އެނގޭކަށް އޭނާ ބޭނުމެއްނޫނެވެ. ދާރިއަންގެ ނަމެއް ވެސް މީހަކު ނުކިޔައެވެ. ޚުދު ހޭޒަލް ގާތުން ވެސް ދާރިއަން އެދިފަ އޮތީ އޭނާ ޝާމިލުވާކަން ބުނަން ބޭނުންވާނަމަ ނަން ހާމަ ނުކުރުމަށެވެ. އެހެންވިޔަސް ހޭޒަލްއަށް ދާރިއަންގެ ނަން ޚާއްޞައެވެ. އޭނާގެ މައިންބަފައިންނަށް ވެސް އެ ނަން އާނަމަކަށްނުވެއެވެ. އެމީހުންނަށް ނޭނގި އޮތީ އެއީ ކިހިނެއް ހުންނަ ކާކުކަން އެކަންޏެވެ.

"މެންދުރު އަންނާށޭ ނުބުނީ އޮފީހުގައި އިންނާނެތީވެ، ޝުކުރު އަދާކުރާނޭ ގޮތެއް ވެސް ނޭނގެ، އައި ނޯ... ތެންކިޔު ބުނާކަށް ނުޖެހޭނެޔޭ ބުންޏޭ، އެހެންވިޔަސް... ދެން ބުނެބަލަ... ސޮރީ... ކުއްލިއަކަށް ދޯ އާދެވޭނެހޭ އެހުނީ" ފޯނުން ވާހަކަދައްކަމުން ދިޔަ ހޭޒަލް ހުރީ ސުޕަމާކެޓު ތެރޭއެވެ. އެއްއަތުން ވަށިގަނޑެއް ހިފަހައްޓާލައިގެންނެވެ. އެތަނުގައި ރިޒްވާނާއި ސާއިރާ ވެސް އުޅެއެވެ. އެމީހުންވީ ހިސާބެއް ބެލުމަށްވުރެ މިވަގުތު އޭނާގެ ސަމާލުކަން ދެވިފައިވީ ފޯނުކޯލަށެވެ. އަނެއްކޮޅުން ގުޅިފައި ހުރީ ދާރިއަންއަށް ވީމައެވެ. ހޭޒަލްގެ ހިނިތުންވުން ފުޅާވެލިއެވެ. ފޯނުކޯލު ކަނޑާލިއިރު ހީވަނީ އޭނާ ބޭނުންވި ޖަވާބު ލިބުނީހެންނެވެ.

"ހޭޒަލް..." ކައިރީގައި ހުރި މީހަކު ހޭޒަލްގެ އަތުގައި އަތްޖައްސާލުމުން ވަގުތުން ބަލާލިއެވެ. އެމޫނުން ދިރުންނެތި ހުދުވެގެން ދިޔައެވެ.

"ތީ ހޭޒަލް ދޯ..." ހޭޒަލް ހުއްޓުން އަރާފައި ހުރި ގޮތުން މުހުސިނާ އަހާލިއެވެ. ހަރަކާތްތައް ހުއްޓުމަކަށް އައި ނަމަވެސް ހޭޒަލް މަޑުމަޑުން ބޯޖަހާލިއެވެ.

ހޭޒަލްގެ ގާތަށް މުހުސިނާއައީ، އެއީ ހޭޒަލްހެން ހީވެގެން އެތައް އިރަކު ބަލަން ހުރުމަށްފަހުއެވެ. ފޯނުން ވާހަކަދައްކަން ހުރިއިރު އެ އަޑު ވެސް ހޭޒަލްގެ އަޑާ ވައްތަރުވީއެވެ. އޭނާއަށް ވެސް ޤަބޫލުކުރަން ދަތިވިއެވެ. ދޫކޮށްހުރި އަބާޔާ ހެދުމާއި ދެކޮނޑު ނިވާވާވަރަށް އަޅާފައި ހުރި ޝޯލްގެ ތެރެއިން ހޭޒަލްގެ ފެންނަނީ މޫނު އެކަންޏެވެ. އެހެންވެ އެއީ ހޭޒަލްއަށް ވެދާނޭކަމާމެދު މުހުސިނާގެ ހިތުގައި ޝައްކު އުފެދުނީއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހޭޒަލްގެ އަތްތިލައިގަ ހިފާލެވުނެވެ. ބުނަންވީ ކީކޭކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

"މަންމަ ކިހިނެއް؟" ހިތްވަރާއެކު ހޭޒަލް އަހާލިއެވެ. މުހުސިނާއާ މުޚާޠިބުކުރުމަށް މަންމަ ނޫން ނަމެއް ހޭޒަލްގެ ވިސްނުމަކަށް ނައެވެ. މިދުވަސް އަތުވެދާނޭކަން އިޝްވާ އައީ އޭނާ ގާތު ބުނަމުންނެވެ. އެދުވަހަކުން ކަންތައްކުރާނީ ކިހިނެއްތޯ އެކިފަހަރުމަތިން ވަނީ އިޝްވާއާ ދެމެދު މަޝްވަރާކުރެވި ޚިޔާލު ބަދަލުކުރެވިފައެވެ. އެހެންނަމަވެސް އެ ހާލަތާ ކުރިމަތިލާން ޖެހުމުން ކުރެވޭ އިޙްސާސް މުޅިން ތަފާތުކަން ހޭޒަލްއަށް އެނގިއްޖެއެވެ. މުހުސިނާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އެމީހުންގެ ގާތުން މަންމާއޭ ގޮވާލި އަޑު އިވުނީ ވީރާއެވެ. މުހުސިނާގެ ކަނާއަތް ފަރާތުގައި ކުޑަކޮށް ފަހަތަށް ވާހެން ވީރާ މަޑުކޮށްލިއެވެ. އިހުނަށްވުރެ ބޮޑަށް ހޭޒަލް ޖެހިލުންވިއެވެ. ވީރާއާ ހަތަރުކަޅި ބައްދަލުވިއެވެ. ވީރާ ވެސް ފެންނަނީ ހައިރާންކަމެއް ލިބިފައި ހުރި މީހަކު ހެންނެވެ. ދެބައިމީހުން ވެސް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެދާނޭ ހީނުކުރާ ފަދައެވެ.

(ނުނިމޭ)