ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ފިޔަވަޅުތައް ވަރުގަދަކޮށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފި

"ނޮވެލް ކޮރޯނާ ވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ. މީގެ އިތުރުން އެ ވައިރަސް އިން ރައްކާތެރިވުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާވެސް ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ މިއަދު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިބަލީގެ ހަބަރާއެކު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވި ކަމަށާ، މިގޮތުން އެންމެ ފުރަތަމަ އެކުލަވާލެއްވި ޓާސްކް ފޯހުން ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓާސްކްފޯހުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެފަހުގެ މައުލޫމާތުވެސް ކަމާބެހޭ ވަޒީރުން، މަޖިލީހާ ހިއްސާކުރެއްވިއެވެ. އަދި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި "ނޮވެލް ކޮރޯނާ ވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި، ވަޒީރުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލްވުމުގައިރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލައްވާފައިވާ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ކަމާއިބެހޭ އިދާރާތަކަށް އެންގެވިއެވެ.

މީގެ އިތުރުން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ސާފުކުރައްވާ، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތުގައި އަމަލު ކުރައްވާނެ ގޮތްތަކާއި ބެހޭ މައުލޫމާތުވެސް އޮޅުންފިލުއްވާފައިވެއެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު "ނޮވެލް ކޮރޯނާ ވައިރަސް" ފެތުރެން ފެށުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާއިބެހޭ އިދާރާތަކުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި "ތަމަލް ކެމެރާ" ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ގަން އިންޓާނޭޝަނަލް އެއަރޕޯޓުން މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން ސްކްރީންކުރުމާއި، މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.