ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރު އޮފީހަކުން ކޮވިޑް-19 ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތް ރާވަން އަންގައިފި

Mar 15, 2020

ސަރުކާރު އޮފީހެއްގެ މުއައްޒަފެއް ގައިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، އަމަލު ކުރަން ޖެހޭނެ ގޮތުގެ ޕްލޭނެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކުޑަކުރުމާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް ރައީސް ސޯލިހު މިއަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަންގަވައިފައިވާ ކަމަށާއި އެ ފިޔަވަޅުތައް ރައީސް ސޯލިހު ކަނޑައެޅުއްވީ އެކަމާ ބެހޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ.

އެގޮތުން ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނަކާއި ކޮވިޑް 19 ގެ އަލާމާތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް މާދަމާގެ ނިޔަލަށް ސަރުކާރުގެ އިދާރާތަކުން ތައްޔާރުކުރުމަށް ރައީސް ވަނީ ސީއެސްސީއަށް އަންގަވައިފަ އެވެ.

އޭގެ އިތުރުން ކޮވިޑް-19 ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށާއި، ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ސަރުކާރުގެ އޮފީސްތަކުން ނުރޭވުމަށާއި، ކޮންމެހެން ބާއްވަންޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކަން ހަމަޖެއްސުމަށް ރައީސް އެންގެވި އެވެ. އަދި ހިދުމަތެއް ހޯދުމަށް ފިންގާޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގާޕްރިންޓް ނެގުމަކާ ނުލައި ހިދުމަތް ދޭގޮތަށް ހަމަޖެއްސުން ވެސް އެ ފިޔަވަޅުތަކު ތެރޭގައި ހިމެނެ އެވެ.

އޮރެންޖް އެލާޓް ލެވެލް އެ ސަރަހައްދެއްގައި އިއުލާނުކޮށްފިނަމަ، ހިތުގެ ބަލިބަޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުންފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ 30 ދުވަހުގެ މުއްދަތަށް ތިބުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިނުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ރަތް އެލާޓް ލެވެލްގައި ސަރުކާރުގެ އިދާރާތަކުން ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތަށް ނުނެރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް އެ ގޮތުގެ މަތިން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ވަނީ ނިންމައިފަ އެވެ. އަދި ކޮވިޑް 19 އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްތަކުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެއްވަމުންގެންދެވުމަށްވެސް ވަނީ އަންގަވައިފަ އެވެ.

މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި ރަށުން ބޭރަށް ދިޔުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ދިޔުން ވީހައިވެސް މަދުކުރެއްވުމަށް މުވައްޒަފުންނަށް އެންގެވުމަށްވެސް ވަނީ ރައީސް ސޯލިހު ވަނީ ސީއެސްސީއަށް އަންގަވައިފަ އެވެ.

ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.