ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އުންމީދަކީ ވެކްސިނާއެކު ކުރީގެ އުފާވެރި ދިރިއުޅުމަށް އަނބުރާ ދެވުން: ރައީސް

ކޮވިޑް ވެކްސިނާއެކު އެނބުރި ކުރީގެ އުފާވެރި ދިރިއުޅުމަށް ދެވޭނެ ކަމުގެ އުއްމީދު އާކޮށް ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންނަށް ހިތްވަރު ދެއްވައިފި އެވެ.

މާދަމާ ރާއްޖޭގައި ކޮވިޑްގެ ވެކްސިން ޕްރޮގްރާމް ފެށުމާ ދިމާކޮށް ރައީސް މިއަދު ވަނީ ޓްވީޓެއް ކުރައްވާ ރައްޔިތުންނަށް އުންމީދު ދެއްވާފަ އެވެ. ވެކްސިން ޕްރޮގްރާމް ފަށަނީ މާލޭ ސިޓީ އާއި ދެކުނުން އައްޑު އަތޮޅާއި އުތުރުގެ ކުޅުދުއްފުށި ހިމެނޭ ގޮތަށް ތިން ސިޓީގަ އެވެ.

ރައީސް ވިދާޅުވީ މާދަމާއަކީ ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފަށާ ދުވަސް ކަމަށާއި "މާތް اللهُ ގެ ހަޒުރަތަށް ހަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުއުއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން" ކަމަށެވެ.

ރާއްޖޭގައި ޖަހަނީ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިނެވެ. ރާއްޖެއިން ފުރަތަމަ ބުރުގައި ޖަހަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި 100،000 ވެކްސިނެވެ. އެއީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ކުންފުނި، އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި ތައްޔާރުކުރި ވެކްސިނެވެ. މި ވެކްސިނަށް ރާއްޖޭގެ އެމްއެފްޑީއޭ އިން ވަނީ ހުއްދަ ދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓް

ހެލްތު މިނިސްޓްރީން މިއަދުނި ބުނި ގޮތުގައި މާދަމާ ވެކްސިން ޕްރޮގްރާމް ފަށާއިރު މާލޭ ސިޓީގައި ވެކްސިން ޖަހައި ދޭނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ. އައްޑު އަތޮޅުގައި ވެކްސިން ޖަހައި ދެނީ އެ އަތޮޅު ހިތަދޫގައި ހުންނަ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ކުޅުދުއްފުށީގައި ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭ އިރު އިސްކަން ދެނީ ފްރަންޓްލައިންގެ ހިދުމަތްތެރީންނަށެވެ. ނަމަވެސް ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެހެން އެންމެނަށް ވެސް ވެކްސިން ދޭން ފަށާނެ އެވެ.

ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިން ވެކްސިން ޖަން ނަން ނޯޓްކުރަން ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ. އެ ގޮތުން މިހާތަނަށް 20،000 އެއްހާ މީހުން އެ ކިޔޫގައި ޖެހިފައި ވެއެވެ.

މާދަމާ ވެކްސިން ޕްރޮގްރާމް ފަށާއިރު އެކަން ޝެޑިއުކޮށްފައިވާ ގޮތް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެހެން ގިނަ ގައުމުތަކުގައި ވެކްސިން ޕްރޮގްރާމް ފެށީ އެ ގައުމުތަކުގެ އިސްވެރިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެއްވުމާއެކު އެވެ.