ގަތަރު

ގަތަރުގެ އާ ޕްރައިމިނިސްޓަރަކަށް ހާލިދު

ގަތަރުގެ އައު ޕްރައިމިނިސްޓަރަކަށް ޝައިހް ހާލިދުބިން ހަލީފާ އަބްދުލް އަޒީޒް އަލްޘާނީ ހަމަޖައްސަވައިފި އެވެ.

ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލްޘާނީ މިއަދު ވަނީ އެ ގައުމުގެ އައު ޕްރައިމިނިސްޓަރަކަށް ހާލިދުބިން ހަލީފާ އަބްދުލް އަޒީޒް އަލްޘާނީ ހަމަޖައްސަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

ހާލިދުބިން ހަލީފާ އަބްދުލް އަޒީޒް އަލްޘާނީ މިހާތަނަށް ހުންނެވީ ގަތަރުގެ އަމީރުގެ އޮފީހުގެ އެންމެ އިސްވެރިއަކަށެވެ. އެ މަގާމަށް ހާލިދުބިން ހަލީފާ އަބްދުލް އަޒީޒް އައްޔަން ކުރެއްވީ ނޮވެންބަރު 11، 2014 ގައެވެ.

ހާލިދުބިން ހަލީފާ އަބްދުލް އަޒީޒް މަތީ ތައުލީމް ހާސިލް ކުރެއްވީ އެމެރިކާއިންނެވެ. އޭގެ ފަހުން ގައުމަށް ވަޑައިގެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވެއެވެ. އޭގެ ތެރޭގައި ގަތަރުގެ ފޮރިން މިނިސްޓްރީއާއި ގޭސް ކުންފުނި ހިމެނެއެވެ. އަމީރުގެ އޮފީހުގެ ވަޒީފާއަކަށް ވަޑައިގެންނެވެނީ މާޗް 2006 ގައެވެ.

ގަތަރުގެ ޕްރައިމިނިސްޓަރަކަށް ފަހުން އެ މަގާމުގައި ހުންނެވީ ޝައިހް އަބްދުﷲ ބިން ނަސީރު ބިން ހަލީފާ އަލްޘާނީ އެވެ. އޭނާ ވަނީ ޕްރައިމިނިސްޓަރުގެ މަގާމުގައި ހޭދަ ކުރެއްވި މުއްދަތުގައި އެހީތެރިކަން ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އަބަދުވެސް އެދެނީ ގަތަރާއި، އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލްޘާނީ ފާގަތި ދުވަސް ތަކަކަށް ކަމަށް ވިދާޅުވިއެވެ.