ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާގައި ތިބި ދިވެހިންގެ އެނބުރި އައުން ހިލޭ ކުރަން ރައީސް ނިންމަވައިފި

ޗައިނާ އިން ނުރައްކާތެރި ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން އަނބުރާ ރާއްޖެ އައުން ހިލޭ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ރިޓާން ޓިކެޓު ސަރުކާރުން ހަމަޖައްސައިދޭން ނިންމާފައި ވަނީ މޯލްޑިވިއަން އިން ޗައިނާއަށް ދަތުރު ކުރާ ފަސް މަންޒިލެއް ކަމުގައިވާ ޗޮންޗިންގްއާ، ޗެންގްޑޫއާ، ހަންގްޗޯ އަދި ނަންޖިންގެ އިތުރުން ޝިއާން ކަމަށެވެ.

"އެ ސަރަހައްދުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ މީހަކު، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅައި އެންގުން އެދެން،" ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެއްވެސް އަގެއް ނުނަގާ ގޮތަށް ރާއްޖެ ގެންނަން ސަރުކާރުން ނިންމިއިރު، އެ ގައުމުގައި ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވާ ވުހާން ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގައި ޗައިނާ ސަރުކާރުން ޕްރޮޓޮކޯލެއް ނެރެފައިވާތީ އެ ސިޓީގައި އުޅޭ ހަތް ދިވެހިން ގެނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅޭ ހަތް ދިވެހިން ރާއްޖެ ގެނެވޭ ގޮތް ނުވުމުން ސަރުކާރުން ވަނީ އެ ދިވެހިންނަށް މާލީ އެހީތެރިކަން އިތުރުކޮށް ފޯރުކޮށްދޭން ނިންމައިފަ އެވެ. ނަމަވެސް މާލީ އެހީގެ ގޮތުގައި ސަރުކާރުން އެ ފަރާތްތަކަށް ދިނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފޮރިން މިނިސްޓްރީން ނުބުނެ އެވެ. އަދި އެ މީހުން މިހާރު ދިރިއުޅެމުންދާ ހާލަތާ ގުޅޭ މާބޮޑު ތަފްސީލެއް ވެސް ނުދެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދިވެހިން ވެސް ގެނެވޭތޯ މަސައްކަތް ކުރުމަށް ޗައިނާގެ ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޗައިނާއިން ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެތީ އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އެތެރެވާ މީހުން ސުކްރީން ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެ ބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެއާޕޯޓުން ފަރުވާ ދޭން ފެށޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.