ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވޫހާންގައި ތިބި ދިވެހިން ގެންނާނީ ސީދާ ރާއްޖެއަކަށް ނޫން: ޝާހިދު

Jan 30, 2020
2

ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީގައި ތިބި ދިވެހިން ގެންނާނީ ސީދާ ރާއްޖެއަށް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީ އާއި ހެލުތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިހާތަނަށް 69 ދިވެއްސަކު ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އެގޮތުން، ވޫހާން ސިޓީގައި ތިބީ ނުވަ ދިވެހިން ކަމަށާއި، ނަމަވެސް، އޭގެ ތެރެއިން އެތަނުން ދާން ބޭނުންވެގެން އެދިފައިވަނީ ހަތް މީހުންކަމަށް ޝާހިދު މިއަދު ހާމަކުރެއްވި އެވެ. އަދި ރަހުމަތްތެރި ގައުމުތަކާ މަޝްވަރާކޮށްގެން، އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، ވޫހާން ސިޓީ އޮތީ ބަންދުކޮށްފައި. ލޮކްޑައުނެއްގައި. އޭގެ މާނައަކީ އެ ތަނަށް ވަދެ ނުކުތުން އޮތީ މަނާކޮށްފައި. އެހެންވީމާ، އެހެން ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން އެ ސިޓީން ނެރޭއިރު، އެ މީހުންނާއެކު ދިވެހިންވެސް ނެރުމަށް އަޅުގަނޑުމެން މަޝްވަރާކުރަމުންމިދަނީ،" ޝާހިދު ތަފްސީލްކޮށްދެއްވި އެވެ.

ނަމަވެސް، އެ މީހުން އެ ސިޓީން ނެރެގެން ގެންނާނީ ސީދާ ރާއްޖެއަކަށް ނޫން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އެމީހުން ގެންނާނީ ސީދާ ރާއްޖެއަކަށްނޫން. އެހެން ގައުމަކަށް. ދެން އެގައުމެއްގެ ސިއްހީ ޕްރޮޓޮކޯލްތަކުގެ ދަށުން އެމީހުން ކަރަންޓީނު މުއްދަތު ހަމަނުވަނީސް ރާއްޖެ ގެނެވޭކަށްނެތް،" އެ ދިވެހިން ގެންދިޔުމަށް ހަމަޖެހިފައިވާ ގައުމެއްގެ ނަން ހާމަނުކުރައްވައި، ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޗައިނާގައި ތިބި ދިވެހިން ގައުމީ އެއާލައިން މޯލްޑިއަން ދަތުރުކުރާ ސިޓީތަކުން ހިލޭ އައުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވީނަމަވެސް، އެ ފުރުސަތުގެ ބޭނުންހިފަން އެދިފައިވަނީ އެންމެ ދެ މީހުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ވޫހާންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުން ލަސްތަކެއްނުވެ އެ ސިޓީން ނެރެވޭނެ ކަމަށާއި، އެކަން ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށެވެ.

އެ މީހުން ނެރެވެންދެން، ކާބޯތަކެތީގެ ދަތިކަމާހެދި އަގުތައް އިންތިހާއަށް އުފުލިފައިވާ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް ދުވާލަކަށް 50 ޑޮލަރުގެ މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖޭން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން، މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ސަރުކާރުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާވެސް ހިމެނެ އެވެ.