އޮފްބީޓް

ނުވަ ވަނަ ބުރިން ވެއްޓުނު މީހަކު ސަލާމަތްވެއްޖެ

ރަޝިޔާގެ އަންހެނަކު އިމާރާތެއްގެ ނުވަ ވަނަ ބުރިން ތިރިއަށް ވެއްޓޭ މަންޒަރު ސޯޝަލް މީޑީއާގައި ވައިރަލްވެފައިވާ ވީޑިއޯއަކުން ފެނެ އެވެ. މި ވީޑިއޯ ބެލި ގިނަ ބަޔަކު އެންމެ ހައިރާންވާ ކަމަކީ އެހާ އުހުން ވެއްޓުމުން ވެސް މި މީހާ ތެދުވެގެން ހިނގާފައިވާ ދާތަން ފެނުނީމަ އެވެ.

ރަޝިޔާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ އިޒްލޫޗިންސްކް ރީޖަންގައި ހުރި މި އިމާރާތުން އެ މީހާ ވެއްޓޭ މަންޒަރު އަރާފައިވަނީ އެ ހިސާބުގައި ހުރި ސީސީޓީވީ ކެމެރާ އަކަށެވެ. އެމީހާ ވެއްޓި ޖެހުނީ ވަރަށް ބޮޑު ސުނޯ ފުންޏެއްގެ މައްޗަށެވެ. ވެއްޓުމުން އިރުކޮޅަކު އޮވެލާފައި ތެދުވި އެވެ. އަދި އޭނާ ވެއްޓުނު މަންޒަރު ފެނިގެން އެހީތެރިވާން ދުވެފައި އައި އަވަށްޓެރިއެއް ގާތުގައި އެމްބިއުލެންސަށް ގުޅަން އެދުނު ކަމަށް ވެއެވެ.

މިހާރު މި އަންހެންމީހާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އެތެރެ ހައްޓަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް ރަޝިޔާގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ނަމަވެސް މިހާ މަތިން ވެއްޓުނު މީހެއްގެ އެއްވެސް ތަނެއް ބިނދިފައި ނުވާތީ އޭނާ ބެލި ޑޮކްޓަރުން ވެސް ވަރަށް ބޮޑަށް ހައިރާންވި އެވެ. މި މީހާ ވެއްޓެން ދިމާވި ސަބަބެއް ނޭނގޭ ކަމަށާއި ރަޝިޔާ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އަންހެންމީހާ ވެއްޓުނު ވަގުތު ގޭގައި ހުރީ އޭނާ އެކަނި ކަމަށް ވެއެވެ. ނަމަވެސް ގާތްގަނޑަކަށް 90 ފޫޓު މަތިން ސްނޯތަކަކަށް ނަމަވެސް ވެއްޓި މާ ބޮޑު ގެއްލުމެއް ނުލިބުމަކީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް ކަމަށް ސޯޝަލް މީޑިއާގައި މި ވީޑއޯ އަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވެއެވެ.