ބޮލީވުޑް

"ދި އިންޓާން" ހިންދީ ރިމޭކްގައި ދީޕިކާ އާއި ރިޝީ ކަޕޫރު

ދީޕިކާ ޕަދުކޯންގެ އަލަށް ފަށާ ފިލްމުގެ މައުލޫމާތު އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ހާމަކޮށްފަ އެވެ. ދީޕިކާ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން އޭނާގެ އާ ފިލްމަކީ 2015 ގައި ނުކުތް ހޮލީވުޑް ފިލްމު "ދި އިންޓާން"ގެ ހިންދީ ރިމޭކް އެވެ. މި ފިލްމުގައި ދީޕިކާ އާއެކު ބައިވެރިވަނީ ރިޝީ ކަޕޫރެވެ. ހޮލީވުޑް ފިލްމުގައި އޭން ހެތުވޭ ކުޅުނު ރޯލު ދީޕިކާ އަދާ ކުރާއިރު ރޮބާޓް ޑި ނީރޯ ކުޅުނު ރޯލު އަދާކުރަނީ ރިޝީ އެވެ.

"ދި އިންޓާން" އަށް 195 މިލިއަން ޑޮލަރު މުޅި ދުނިޔޭން ލިބިފައި ވެއެވެ. މީގެ ހިންދީ ރިމޭކް ޕްރޮޑިއުސްކުރާނީ ދީޕިކާ އާއި ސުނީރް ކެޓެރްޕާލް ގުޅިގެންނެވެ.

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމާ ބެހޭ ގޮތުން ރިޝީ ބުނީ މި ފިލްމަކީ މި ޒަމާނާ ވަރަށް ގުޅޭ އަދި އިންސާނީ ގުޅުންތައް ވަރަށް ރީތިކޮށް ދައްކާދީފައިވާ ފިލްމެއް ކަމަށެވެ. އަދި ދީޕިކާ އާއެކު މިފަދަ ރީތި ފިލްމެއްގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ވެސް ރިޝީ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި ދި އިންޓާން އަކީ އޭނާ ވަރަށް ގަބޫލުކުރާ މައުލޫއަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށާއި އަދި މިޒަމާނާ ވަރަށް ގުޅޭ ސަގާފީ އަދި އިޖްތިމާއީ މާހައުލެއް އޮތް ފިލްމެއް ކަމަށެވެ.

"އަހަރެމެން ހޯދަމުން ދިޔައީ ތަންކޮޅެއް ފަސޭހަ ކޮމެޑީ-ޑްރާމާ އެއް ހިމެނޭ ވާހަކައެއް. އެހެންވެ ވާހަކަ ވެގެން ދިޔައީ އަހަރެންނަށް ވަރަށް ހިތްހަމަޖެހުނު ވާހަކައަކަށް. މިހާރު އަހަރެން މިހިރީ ފިލްމު ފަށާނެ ދުވަހެއްގެ އިންތިޒާރުގައި،" ދީޕިކާ ބުންޏެވެ.

ޕްރޮޑިއުސަރު ސުނީރް ބުނި ގޮތުގައި އެމެރިކާ ނޫން ގައުމެއްގައި މި ފލްމު އަލުން އުފެއްދުމުގެ ފުރުސަތު ފިލްމުގެ ޕްރޮޑިއުސަރު ވޯނާ ބްރޯސް އަށާއި ނެންސީ މޭޔާ ދިން ކަމަށް ޓަކައި އެމީހުންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރު ވެރިވެ އެވެ. އަދި ރިޝީ އާއި ދީޕިކާ އާއެކު ވަރަށް ފުރިހަމަ ފިލްމެއް އުފެއްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.