އިންޑޮނީޝިޔާގެ އެންމެ ފަލަ ކުއްޖާ އާރްޔާ ޕާމަނާގެ ބަރުދަނުން 110 ކިލޯ ހިއްކާލައިފި އެވެ. އޭނާގެ ބަރުދަން ލުއިކުރުމުގެ ކަންތައްތައް ބަލަހައްޓާ ހިންގައިދެނީ އެ ގައުމުގެ ޕްރޮފެޝަނަލް ބޮޑީ ބިލްޑަ އަޑޭ ރާއީ އެވެ.
އާރްޔާ ބުނި ގޮތުގައި އަޑޭ އާ ފުރަތަމަ ބައްދަލުވީ ދުވަހު ވެސް އޭނާ އެދުނީ އޭނާއާއެކު ޕްލޭސްޓޭޝަން ކުޅުމަށެވެ. އޭނާގެ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދާނެ ގޮތަކާ މެދު ވާހަކަ ދެއްކީ އޭގެ ފަހުންނެވެ. އާރްޔާގެ ވާހަކަ 2016ގައި ދުނިޔޭގެ މީޑިއާ އަށް އެރުމާއެކު އެންމެ ފުރަތަމަ ވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޑޭ އިސްނެގި އެވެ. އޭރުއްސުރެ އާރްޔާގެ ކުޅިވަރު އެކްޓިވިޓީތައް ސުޕަވައިޒްކުރަނީ އަޑޭ އެވެ.
އަޑޭގެ އިންސްޓަގްރާމް ޕޭޖްގައި އޭނާ ވަރަށް ފަހުން ވަނީ އާރްޔާގެ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމް ހިންގަމުންދާ ގޮތާއި އޭނާއަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާ ކޮށްފަ އެވެ. އަޑޭ ލިޔެފައިވާ ގޮތުގައި އާރްޔާ އަކީ ފަލަބަލި ޖެހިފައިވާ ކުއްޖެކެވެ. އެހެންވެ އޭނާގެ ބަރުދަން ލުއިކުރުމަށް އެންމެ ފުރަތަމައިނުން ވަރަށް ގިނަ މެޑިކަލް ޕްރޮސީޖާތައް ހަދަން ޖެހުނެވެ. ޗެކްއަޕްސް، ޑައިޓް ޕްރޮގްރާމް، ކަސްރަތުކުރާނެ ޝެޑިއުލް، އަދި ޕްލާސްޓިކް ސާޖަރީ އާއެކު ތިން އަހަރުގެ މަސައްކަތުން އާރްޔާގެ ގައިން 100 ކިލޯ ވަނީ ލުއިކުރެވިފަ އެވެ.
އާރްޔާ ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށިއިރު އޭނާގެ ގައިގައި 193 ކިލޯ ހުއްޓެވެ. މިހާރު އޭނާގެ ބަރުދަނަކީ 86 ކިލޯ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އެންމެ ފަހުން ބަރުދަން ބެލި ދުވަހު ހުރީ ބޫޓަށް އަރައިގެން ކޯޓެއް ވެސް ލައިގެންނެވެ. އެކަމަކުވެސް އޭނާގެ ބަރުދަން ވަރަށް ބޮޑަށް ލުއިވި ކަން ފާހަގަ ކުރެވުނުކަމަށެވެ. އަދި ހޮސްޕިޓަލުގައި އޮވެގެން ވަރަށް ގިނަ ޕްރޮސީޖާތައް އަދިވެސް ހަދަން ޖެހޭ ކަމަށް އާރްޔާ ބުންޏެވެ.
އާރްޔާ އަށް ފަރުވާދޭ ޕްލާސްޓިކް ސާޖަނުންގެ ޓީމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ޑޮކްޓަރު ބުނި ގޮތުގައި އަދި އިތުރު ދެ ސާޖަރީ އެއް އާރްޔާ އަށް ހަދަން ޖެހޭނެ އެވެ. އެގޮތުން އޭނާގެ އަތުން އެލިފައިވާ ހަންގަނޑު ކަނޑާ ވާން ކުރުމުގެ އިތުރުން މޭ މަތިން އެލިފައިވާ ހަންތައް ވެސް ކަނޑާ ވާން ކުރަން ޖެހޭނެ އެވެ. އަދި އެއަށްފަހު ބަނޑުން މަސްތައް ވިރުމުން ބަނޑުގައި އެލިފައިވާ ހަންގަނޑު ވެސް ކަނޑާ ނަގާ ވާން ކުރަން ޖެހޭނެ އެވެ. މި ކަމަށް ހިނގާ ޚަރަދެއް ކުރަނީ އިންޑޮނީޝިއާގެ ހެލްތު ކެއާ އެންޑް ސޯޝަލް ސެކިއުރިޓީ އެޖެންސީންނެވެ.
އެޑޭ ބުނި ގޮތުގައި ބަރުދަން ލުއިކުރުމަށް އާރްޔާ ކުރަމުންދާ މަސައްކަތާއި އޭނާގެ ހިތްވަރަކީ ތައުރީފު ހައްގު ކަމެއް ކަމަށެވެ.
އާރްޔާގެ މައިންބަފައިން ބުނި ގޮތުގައި އާރްޔާގެ ބަރުދަން 85 ކިލޯ އަށް ވެސް ދަށްވި އެވެ. އޭގެ ފަހުން އޭނާ މާ ބޮޑަށް ކާހިތްވާން ފެށުމުން ކެވޭތޯ ކުޑަކޮށް ފަލަވާގޮތް ވީ އެވެ. އެހެންވެ މިހާރު އާރްޔާ ބަރުދަން ލުއިކުރުމުގެ މަސައްކަތް ކުރަނީ އޭގެ ރޫހު ނުގެއްލޭ ފަދަ ގޮތަކަށް ކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ. އާރްޔާގެ މި ހިތްވަރަކީ ވަރަށް މަދުން ނޫނީ އިންސާނުންގެ ކިބައިން ނުފެންނަ ކޮލިޓީ އެކެވެ.
އަމިއްލަ ވިޔަފާރިއެއް ވެސް ހިންގާ އަޑޭ ބުނި ގޮތުގައި އާރްޔާގެ މަސައްކަތް ކާމިޔާބުވީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަހަލަ މާހައުލެއް ގާއިމްވެފައި އޮތީމަ އެވެ. އޭނާއަށް ފަރުވާ ދޭ މެޑިކަލް ޓީމު ވެސް އާރްޔާ އަށް ވަރަށް ސަޕޯޓް ދޭ ކަމަށާއި އާރްޔާގެ ރޫހު ނުގެއްލޭތޯ މައިންބަފައިން ވެސް ވަރަށް ގަދައަޅާ މަސައްކަތްކޮށް ހިތްވަރު ދޭ ކަމަށް އެޑޭ ބުންޏެވެ.
އަޑޭ ބުނީ އާރްޔާ އަށް އެހީތެރިވުމުގެ ގޮތުން އޭނާ ކުރާ ކަމަކީ ކުޅިވަރު ކުޅުވުމެވެ. އާރްޔާ ވަރަށް ފުޓުބޯޅަ ކުޅޭހިތް ވެއެވެ. އަދި އެންމެ ފަލަކޮށް ހުރިއިރުވެސް ފުޓުބޯޅަ އާ އާރްޔާ ވަރަށް ގަޔާވެ އެވެ.
"އާރްޔާގެ މައިންބަފައިންނަށް އަހަރެން ބުނެދެނީ އޭނާގެ ހިތްވަރު އެލުވާނުލާ އެހީތެރިވާނެ ގޮތާއި ފައިދާ ހުރި ކާނާ ކާން ދޭނެ ގޮތް،" އަޑޭ ބުންޏެވެ.
އާރްޔާ މިހާރު ވެފައިވަނީ އުންމީދުގެ ރަމްޒަކަށެވެ. "އާރްޔާ އަށް ބަރުދަން ލުއި ކުރެވެންޏާ އަހަރެމެންނަށް އެކަން ނުވާންވީ ކީއްވެހޭ" މިހާރު މީހުން ބުނާ ކަމަށް އަޑޭ ބުންޏެވެ.
އަންނަ ފެބްރުއަރީ މަހު 14 ވަނަ އުފަން ދުވަސް ފާހަގަކުރާ އާރްޔާ އަކީ އެއް އިރެއްގައި ދުނިޔޭގެ އެންމެ ފަލަ ކުއްޖާގެ ރެކޯޑް އޮތް ކުއްޖާ އެވެ. އާރްޔާގެ ބައްޕަ ބުނި ގޮތުގައި އާރްޔާގެ ބަރުދަން އިތުރުވާން ފެށީ ކުއްލިއަކަށެވެ. އަދި އިތުރުވާން ފެށިގޮތަށް އެއްވެސް ކޮންޓްރޯލެއް ނެތި އިތުރުވަމުން ދިޔައީ އެވެ.
"އާރްޔާ އުފަންވީއިރު އޭނާގެ ގައިގައި ހުރީ 3.8 ކިލޯގްރާމް. ހަތަރު އަހަރު ވީ ތަނާ މާ ބޮޑަށް ފަލަވީ. އަށް އަހަރާއި 10 އަހަރާ ދެމެދު 72 ކިލޯ ބަރުވި،" އާރްޔާގެ ބައްޕަ ބުންޏެވެ.