ލައިފްސްޓައިލް

އިންސާނެއްގެ ސިފަޖަހާ މިޔަރެއް ބާނައިފި

އިންސާނެއްގެ ދަތްތައް ހުރި މަހެއްގެ ފޮޓޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވިއެވެ. މިފަހަރު އަދި އެއަށް ވުރެ ވެސް ހައިރާންވާ ވަރުގެ ސިފައެއް ޖަހާ މަހެއް އިންޑޮނީޝިޔާގެ މަސްވެރިއަކު ވަނީ ބާނާފަ އެވެ.

އަބްދުﷲ ނޫރެން ނަމަކަށް ކިޔާ މި މަސްވެރިޔާ މިހިނގާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ބޭނި ކުޑަ ކުޑަ މިޔަރުގެ މޫނު ވައްތަރަކީ އިންސާނެއްގެ މޫނަކާ އެވެ.

"ނޫރެން، 48، ބުނީ އޭނާއާއި ބޭބެ މަސްވެރިކަން ކުރަން އުޅެނިކޮށް އެމީހުންގެ ދަލުގައި އެކްސިޑެންޓަކުން މާބަނޑު މިޔަރެއް ޖެހުނީ އެވެ. އެ މިޔަރުގެ ބަނޑު ފަޅާލިއިރު ކުޑަ ކުޑަ ތިން މިޔަރު އޮތް ކަމަށާއި އެތަނުން އެއް ދެ މިޔަރު ވައްތަރީ މަންމަ އާ ނަމަވެސް އަނެއް މިޔަރުގެ މޫނުގައި ހުރީ އިންސާނެއްގެ ސިފަ ކަމަށް ވެސް އިންޑޮނީޝިޔާގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޫރެން ބުންޏެވެ.

މި މިޔަރު މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކުން ފެންނަނީ ލޮލާއި އަނގަ ފަދަ ތަންތަން ވެސް ހުރީ އިންސާނުންގެ ހުންނަ ގޮތަށެވެ. އެހެންވެ އެއްލާލަން ނުކެރިގެން އެ މިޔަރު ގެޔަށް ގެނައުމުން އާއިލާގެ މީހުން އެ މިޔަރު ކުނި ނުވާނެ ގޮތަށް ޕްރިޒާވްކޮށްފައިވާ ކަމަށް ނޫރެން ބުންޏެވެ. އޭނާ ބުނީ އަވަށްޓެރިން އެ މިޔަރު ގަންނަން ބޭނުންވެގެން ވަރަށް ގިނައިން އަންނަ ކަމަށާއި ނަމަވެސް އެ މިޔަރު ވިއްކާލަން ބޭނުން ނުވާ ކަމަށެވެ.

ނޫރެން ބުނީ އެ މިޔަރު ބަލަން އޭނާގެ ގެއަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރަމުންދާ ކަމަށެވެ. އަދި ބައެއް މީހުން އެ ގަންނަން ހުށަހަޅާ ކަމަށާއި ނަމަވެސް ވިއްކަން ބޭނުން ނުވާތީ ޕްރިޒާވް ކޮށްފައި ބާއްވާފައި އޮތީ ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ މި މިޔަރުގެ ސަބަބުން އަހަރެންގެ ނަސީބު އަތުގައި ހިފާނެ ކަމަށް،" ނޫރެން ބުންޏެވެ.