އިންޑޮނޭޝިޔާގެ 12 އަހަރުގެ ކުއްޖެއް ބޮޑު ގުޑިޔަކާއެކު ވައިގެ ތެރެއަށް އަރައިފި އެވެ. މި ކުއްޖާ ގުޑިއާއެކު 30 ވަރަކަށް ފޫޓު މައްޗަށް އެރީ އޭގެ ފަހަތުގައި ޖަހާފައި އިން ވާގަނޑު ފައިގައި އޮޅިގެންނެވެ.
ގުޑިއަރުވާތަން ބަލަށާއި ގުޑިއަރުވަން އެއްވެ އޮތް އެތައް ސަތޭކަ މީހުންނެއްގެ ކުރިމަތީގައި މިކުއްޖާ ގުޑިއާއެކު މައްޗަށް އަރަން ފެށުމުން މީހުންނަށް ބިރުން ހަޅޭއްލަވާ ހަދަން ފެށި އެވެ. ވަކި ހިސާބަކަށް އަރާފައި ކުއްޖާ ވެއްޓި ޖެހިފައި ވަނީ އޭނާގެ ބޮލެވެ. މި ހާދިސާ ހިނގީ އިންޑޮނީޝިޔާގެ ލަމްޕުންގް ކިޔާ ރަށެއްގަ އެވެ.
މި ކުއްޖާ ގުޑިއާއެކު މައްޗަށް އަރާ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކުއްޖާގެ ގައިގައި ގުޑީގެ ފުލުގައިވާ ވާތައް އޮޅިފައި އޮތުމުން ކުއްޖާއަށް ސަލާމަތް ނުވެވުނީ އެވެ. އަދި 30 ވަރަކަށް ފޫޓަށް އެރި ފަހުން ވާތަށް ކުއްލިއަކަށް ކަނޑައިގެން ގޮސް ކުއްޖާ ވެއްޓުނީ އެވެ.
ނަސީބަކުން މި ކުއްޖާ މިހާ އުހުން ވެއްޓިފައި ވެސް ފުރާނަ ސަލާމަތްވި އެވެ. ނަމަވެސް އޭނާގެ ގައިގެ ގިނަ ކަށިތަކެއް ބިނދިފައިވާ ކަމަށާއި މިހާރު ހޮސްޕިޓަލުގައި ކުއްޖާ އަށް ފަރުވާ ދެމުންދާ ކަމަށް އިންޑޮނީޝިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
މި ކުއްޖާ ވެއްޓުނުތަން ފެނިފައި އެހިސާބުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަގުތުން ކުއްޖާއަށް އެހީތެރިވާން އެތަނަށް އެއްވި އެވެ. އަދި ކައިރީގައި ހުރި ކްލިނިކަށް ވަގުތުން ކުއްޖާ ގެންދިޔަ އެވެ. ނަމަވެސް ކްލިނިކުން ފަރުވާ ކުރެވޭ ވަރަށް ވުރެ ކުއްޖާ އަށް ލިބިފައިވާ ގެއްލުން ބޮޑުކަމުން އަވަހަށް ހޮސްޕިޓަލަކަށް ގެންދިޔައީ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް އިންޑޮނީޝިޔާގެ އެހެން ރަށެއްގައި މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެ ފަހަރު ގުޑީގެ ފުލުގައި ހަރުކޮށްފައިވާ ވާގަނޑު އޮޅިގެން މައްޗަށް އެރީ 14 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ އަރާފައިވަނީ 11 ވަރަކަށް ފޫޓަށެވެ. މި ކުއްޖާ ވެސް ބިންމައްޗަށް ވެއްޓުމާއެކު ގައިގެ ތަނެއް ބިނދުނެވެ.