ބޮލީވުޑް

ސުޝާންތު އާ އޮންނަ ގުޅުން ހާމަކުރަން ރިއާ ބޭނުމެއްނޫން

ރިއާ ޗަކްރަބަތީ އާއި ސުޝާންތު ސިންގް ރާޖްޕޫތުގެ ޚާއްސަ ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވޭތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ދެ މީހުން އެކުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ޗުއްޓީ ހޭދަ ކުރުމާއި އެކި ޕާޓީތަކާއި ރެސްޓޯރަންޓްތަކަށް އެކުގައި ދިއުން ފަދަ ކަންކަން އަބަދު ކުރާތީ ފެނުނަސް ލޯބީގެ ގުޅުމެއް އޮންނަ ކަމަކަށް މި ދެ ތަރިން ވެސް އެއްބަހެއް ނުވެ އެވެ. މި ދެ އެކްޓަރުންގެ ފޭނުން ވެސް މިކަމާ ގުޅޭ ގޮތުން ވަރަށް ސުވާލު ކުރި ނަމަވެސް އެމީހުންގެ ގުޅުމާ ބެހޭ އެއްވެސް ވާޙަކަ އެއް ސުޝާންތު ވެސް ރިއާ ވެސް ދައްކާކަށް ބޭނުމެއް ނުވެ އެވެ.

ސުޝާންތު އާއި ރިއާގެ ގާތް އެކުވެރިކަން އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ހިންދުސްތާން ޓައިމްސް އަށް ރިއާ ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާ އާއި ސުޝާންތު ދަތުރުކުރަން ބޭނުންވާ އަމާޒު ވަރަށް އެއްގޮތް ކަމަށެވެ. އެ ދެ ތަރިން އެކުވެގެން އެންޖީއޯ އެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ އެންޖީއޯ ހުޅުވޭގޮތް ވާނެ ކަމަށް ރިއާ ބުންޏެވެ. އަދި ދެ މީހުން ދާން ބޭނުންވާ ވަރަށް ގިނަ މަންޒިލްތައް ބަކެޓް ލިސްޓުގައި ހުރި ކަމަށް ވެސް ރިއާ ބުންޏެވެ.

ދެ މީހުންގެ ލޯބީގެ ގުޅުމާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަށް ޖަވާބު ދެމުން ރިއާ ބުނެފައިވަނީ މިވަގުތު އެ ގުޅުމާ ބެހޭ ވާހަކަތައް ހާމަކުރަން ބޭނުން ނޫން ކަމަށެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ރިއާ ވެސް ސުޝާންތު ވެސް ނިންމާފައިވަނީ އެމީހުންގެ ގުޅުމާ ބެހޭ ވާހަކަތައް މީޑިއާގައި ނުދެއްކުމަށެވެ. ސަބަބަކީ ސުޝާންތު އާއި އަންކިތާ ލޯކަންޑޭ ރައްޓެހިވެގެން އުޅުނުއިރު އެމީހުން އުޅުނީ ވަރަށް ބޮޑަށް އެ ވާހަކަތައް މީޑިއާއަށް ހާމަކޮށްގެންނެވެ. ނަމަވެސް އެ ގުޅުން ނިމިގެން ދިޔައިރު މީޑިއާގައި ވަރަށް ތަފާތު ވާހަކަތައް އެކަމާ ބެހޭ ގޮތުން ލިޔެވުނެވެ. ރިއާ އާ އޮންނަ ގުޅުން މީޑީއާ އަށް ހާމަ ކުރަން ސުޝާންތު ބޭނުން ނުވަނީ މި ސަބަބާ ހެދި ކަމަށް ގަބޫލު ކުރެވެ އެވެ.

ސުޝާންތަށް ވަރަށް ރަނގަޅު ފިލްމުތައް ބޮލީވުޑުން ލިބިފައި ވިޔަސް ރިއާ އަށް އަދި މާ ރަނގަޅު ފިލްމުތައް ކުޅޭކަށް ނުލިބެ އެވެ. ނަމަވެސް މި ފެށުނު އާ އަހަރަށް ރިއާގެ ޕްލޭން ތަކެއް އެބަހުއްޓެވެ.

އެ ޕްލޭންތަކުގެ ތެރޭގައި އަމީތާބު ބައްޗަން އާއި އިމްރާން ހާޝިމީ އާއެކު އޭނާ މިހާރު ކުޅެމުންދާ "ޗެހެރޭ" ހިމެނެ އެވެ. "ޗެހެރޭ" ރިލީޒްކުރާނީ އަންނަ އޭޕްރީލް 24 ވަނަ ދުވަހު އެވެ. މީގެ އިތުރުން ރައްޓެއްސަކާ ގުޅިގެން ޖިމް އެއް ހުޅުވުމާއި ކިޔަވާނެ ތަނަވަސްކަންނެތް ކުދިންނަށް ތައުލީމު ހޯދައިދިނުމަށް ޚާއްސަކޮށް ސުޝާންތު އާ އެކު އުފައްދާ އެންޖީއޯ އެއްގެ މަސައްކަތް ފެއްޓުން ހިމެނެ އެވެ.