މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ ސަޕޯޓަރުން ވުޑްވާޑްގެ ގެއަށް ހަމަލާދީފި

މެންޗެސޓ ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑްގެ ގެއަށް ހަމަލާ ދީފި އެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި ވުޑްވާޑާމެދު ހިތްހަމަ ނުޖެހުނީ އޭނާ ކުލަބު ހިންގަމުންދާ ގޮތާ މެދުގަ އެވެ. މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކުރިއަށް ދިޔައިރު ސަޕޯޓަރުން ވަނީ ވުޑްވާޑް އަށް ނިސްބަތްކޮށް މަލާމާތުގެ ލަވަތައް ކިޔާފަ އެވެ. ރޭ އޭނާގެ ގެޔަށް ހަމަލާ ދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކެވެ. އެމީހުން ވަނީ އޭނާގެ ގެއަށް އަލީފާން ބޯޅަ އުކާފަ އެވެ.

ހަމަލާ ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކުރުމަށް ފަހު ކެޕްޝަންގައި ލިޔެފައި ވަނީ "ވުޑްވާޑް މަރުވާނެ" ކަމަށެވެ. އެ ހަމަލާ ދިން އިރު ވުޑްވާޑް އާއި އޭނާގެ އާއިލާގެ އެއްވެސް މީހަކު ގޭގައި ނެތެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ، "ހަރުކަށި އިބާރާތުން" އެ ހަމަލާ ކުށްވެރި ކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ޔުނައިޓެޑްގެ އޮފިޝަލެއްގެ ގެއަށް ހަމަލާ ދިފައިވާކަން އެނގިފައިވާ ކަމަށެވެ. އެކަންކަމާ ދެކޮޅަށް ފުޓްބޯޅައިގެ ދުނިޔެއިން ޔުނައިޓެޑާއެކު ތިބޭނެ ކަން ޔަގީންވާ ކަމަށެވެ. އަދި އެކަން ކުރި ބައެއް ހޯދުމަށް މެންޗެސްޓާގެ ފުލުހުން ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"ހިޔާލު ފާޅު ކުރުމަކީ އެހެން ކަމެއް،" ޔުނައިޓެޑްގެ ބަޔާނުގައި ވެއެވެ. "ޖިނާއީ ގެއްލުން ދިނުމާއި ފުރާނައަށް ނުރައްކާވާ ގޮތަށް ކަންކަން ކުރުމަކީ އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން."