ކުޅިވަރު

ލީގް ކަޕްގެ ފައިނަލަށް އެސްޓަން ވިލާ

ދެ ވަނަ ލެގްގައި ލެސްޓާ ސިޓީގެ މައްޗަށް 2-1 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި އިނގިރޭސި ލީގް ކަޕްގެ ފައިނަލަށް އެސްޓަން ވިލާ ދަތުރު ކޮށްފި އެވެ.

ވިލާގެ އަމިއްލަ ދަނޑުގައި، ކުޅުނު މެޗުގައި ތަރިއަކަށްވީ މެޗުގެ އެންމެ ފަހު ވަގުތުގައި އެ ޓީމު މޮޅުކޮށް ދިން ލަނޑު ޖެހި، މިސްރުގެ ވިންގާ މަހުމޫދު އަހްމަދު އިބްރާހިމް ޓްރެޒެގޭ އެވެ. އޭނާ ލަނޑު ޖެހީ މިސްރުގެ ގައުމީ ޓީމުގައި އޭނާގެ ޓީމު މޭޓް އަހްމަދު އަލް މުހައްމަދީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ވިލާއިންނެވެ. އެ ޓީމުގެ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަޓް ޓާގެޓް އެވެ. ލެސްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެލަޗީ އެހެނާޗޯ އެވެ.

ވިލާ ފައިނަލަށް ދިއުމާއެކު އެ ޓީމަށް ވަނީ 1996 ގެ ފަހުން ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެ ޓީމުން ވަނީ 1996 ގެ ލީގް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މި އަހަރުގެ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުނާނެ ޓީމެއް ކަށަވަރުވެގެންދާނީ ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި މިރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާ މެޗުންނެވެ. އެ ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު ސިޓީން ކާމިޔާބު ކުރީ 3-1 ންނެވެ.