ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ކުޅުންތެރިން ހޮލެންޑްގެ ޓްރެއަލްއަށް

ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް، ނެދަލޭންޑްގެ ކުލަބުތަކުން ނުވަތަ އެކެޑެމީތަކުގެ ޓްރެއަލް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ބުނެފި އެވެ.

ރާއްޖޭގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު، ހޮލެންޑަށް ނިސްބަތްވާ މާޓިން ބުނީ، އޭނާ ކުރިން މަސައްކަތް ކުރި އަރޫބާގެ ޒުވާން ކުޅުންތެރިންނަށް ވެސް ހޮލެންޑްގެ އެކި ކުލަބުތަކުން ޓްރެއަލް ހޯދައިދީފައި ވާނެ ކަމަށާއި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ވެސް އެ ފުރުސަތު ހޯދަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

"އަރޫބާގެ ޒުވާން މޮޅު ފަސް ކުޅުންތެރިޔަކު އަހަރެން ގެންދިޔައިން ހޮލެންޑްގެ ޓްރެއަލްއަށް، އޭގެ ތެރެއިން ދެ ކުޅުންތެރިން މިހާރު ކުޅެމުން ދަނީ އެކެޑެމީގެ ކުލަބުތަކުގައި،" އަރޫބާގައި އޭނާ މަސައްކަތް ކުރި މިސާލު ދައްކަމުން ކޫޕްމަން ބުންޏެވެ. "މިތާނގައި [ރާއްޖޭގައި] ވެސް ހުނަރުވެރި މޮޅު ޒުވާން ކުޅުންތެރިން ތިބިއްޔާ އެ ކުޅުންތެރިން ޓްރެއަލްއަށް ގެންދަން އަހަރެން މަސައްކަތް ކުރާނަން."

އޭނާ ބުނީ، ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ޔޫރަޕްގައި ކުޅެވިދާނެ ކަމަށާއި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަން ކުރެވޭނެކަން ހިތުގެ އަޑިން ގަބޫލު ކުރުން ކަމަށެވެ.

"ޒުވާން ކުޅުންތެރިންނަށް ޓްރެއަލް ހޯދާ ވާހަކަ އަހަރެން މިދެއްކީ، ވަރަށް ގިނަ ކުޅުންތެރިންގެ ރޯލްމޮޑެލްއަކަށް ވޭ ޔޫރަޕްގެ ކުޅުންތެރިން، އެ ކުޅުންތެރިން މަސައްކަތް ކުރާ ގޮތް ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ކުރެވެން ޖެހޭ."

ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ހޮލެންޑްގެ ތަޖުރިބާކާރު ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ.

ރެނޭ ބުނީ، ސީނިއާ ޓީމުގައި މަސައްކަތް ކުރުމުގެ އިތުރަށް ޒުވާން ޓީމުތަކުގެ މަސައްކަތް ގާތުން ބަލާނެ މީހަކީ އޭނާ ކަމަށެވެ. އަދި ފުރުސަތު އޮތް ނަމަ ޒުވާން ގައުމީ ޓީމުތަކުގެ ކޯޗުންނާއެކު އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

މާޓިން އާއި ރެނޭ އާއެކު ގައުމީ ޓީމަށް އެންމެ އަވަހަށް އޮތް މެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މާޗް މަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗެވެ.