ހަބަރު

ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އާތިފް އައްޔަން ކުރައްވައިފި

Jan 29, 2020
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ހދ. އަތޮޅު ކައުންސިލްގެ މެންބަރުގެ މަގާމުގައި ހުންނެވި އަހްމަދު އާތިފް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބު މަގާމަށް އައްޔަން ކުރުމުގެ ކުރިން، ހދ. ކުޅުދުއްފުށި، މާވިނަ އަހްމަދު އާތިފް ހުންނެވީ އެ އަތޮޅު ކައުންސިލްގެ މެންބަރެއްގެ މަގާމުގަ އެވެ. މިއީ އަތޮޅު ކައުންސިލްގައި އޭނާ މަސައްކަތް ކުރައްވާ ދެވަނަ ދައުރެވެ. މީގެ ކުރިން އޭނާ ވަނީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ވެސް ފުރައްވާފަ އެވެ.

އަންނަ ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ވާދަކުރުމުގެ ގޮތުން އެމްޑީޕީގެ ޕްރައިމަރީއަށް އާތިފް ކުރިމަތިލެއްވި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި އާތިފް މިއަދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިނުލައްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ.

އާތިފް މިހާރު ގެންދަވަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާ ވެސް އަހްމަދު އާތިފް ވަނީ ހާސިލު ކުރައްވަ އެވެ.