ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ފިޔަވަޅުތަކާގުޅޭ މައުލޫމާތު މަޖިލީހަށް

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާ ކޮށްދިނުމަށް މަޖިލީހުގެ އިދާރާއިން ހެލްތް މިނިސްޓްރީގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް އެކަމަށް އެދި ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ ނޮވެލް ކްރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެހެން ކަމުން މިހާތަނަށް އެޅިފައިވާ ފިޔަވަޅުތަކާއި، އިތުރަށް ކުރަން ރާވާފައިހުރި މަސައްކަތްތަކާއި ބެހޭގޮތުންނާއި އަދި ވައިރަސްއާއި ބެހޭ އެހެނިހެން މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ މެންބަރުންނާއި ބައްދަލްކޮށް މައުލޫމާތު ހިއްސާކޮށްދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދެން." މިނިސްޓަރު އަމީނަށް މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވެ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ހާލަތެއް ރާއްޖޭގައި މެދުވެރި ވެއްޖެ ނަމަ އެކަމަށް ހާއްސަ ކޮށް ފަރުވާދޭން ދަރުމަންތަ ހޮސްޕިޓަލްގައި އައިސީޔޫއެއް ވަނީ ގާއިމްކޮށްފައެވެ.

ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ދެނެގަންނާނެ ނިޒާމެއް ގާއިމްކޮށް އެފަދަ މީހުންނަށް ފަރުވާ ދޭނެ އިންތިޒާމް ތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ.

އަދި އެ ވައިރަސްގެ އަސަރު ކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ވެސް ވަކި ހާއްސަ ވެހިކަލްތަކެއް ސަރުކާރުން މިހާރު ހަމަޖައްސާފައި ވެއެވެ.

އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ހާލަތު ސީރިއަސްވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްގެން ހަތަރު އެނދުގެ އައިސީޔޫ ފެސިލިޓީޢެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. މި އައިސީޔޫ ގާއިމްކޮށްފައި ވަނީ ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގަ އެވެ.

އަދި ބައްޔަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށްޓަކައި ތިން އެމްބިއުލެންސް ހާއްސަ ކޮށްފައި ވެއެވެ.

ނޮވެލް ކްރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއި ސްޕީޑްގައި ފެތުރެމުންދާއިރު އެ ވައިރަހުގެ އަސަރު ކޮށްގެން 132 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް 6000 ވުރެ ގިނަ މީހުންނަށް މި ވައިރަހުގެ އަސަރުކޮށްފައިވާއިރު 16 ގައުމަކުން މި ވައިރަސް ފެނިފައިވެއެވެ.

ރާއްޖެއިން ވައިރަސް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންގެ މެދުގަ އެވެ. މިއީ ޗައިނާގެ އާ އަހަރު ފެށޭ ދުވަސްވަރު ކަމުން އެތައް ސަތޭކަ ފަތުރުވެރިންނެއް ކޮންމެ ދުވަހަކު ރާއްޖެ އާދެއެވެ.

ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުގެ ވަރަށް ގިނަ ސިޓީތަކުން މިހާރު ވަނީ މި ވައިރަސްގެ އަސަރު ފެނިފަ އެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ބައެއް ސިޓީތަކުން މީހުންނަށް ނުނުކުމެވޭނެހެން ވަނީ ބަންދު ކޮށްފަ އެވެ.

މީގެ އިތުރުން ދިވެހިން އާންމުކޮށް ދިރިއުޅޭ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައެވެ. ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިޔާ އަދި ތައިލެންޑް ފަދަ ގައުމުތަކުން މިހާރު ވަނީ މި ވައިރަސް ޖެހިފައިވާ މީހުން ފެނިފަ އެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ކޮރޯނާ ވައިރަސްގެ "ރިސްކް އެސެސްމަންޓް" މިހާރު ވަނީ ހަދާ ނިމިފަ އެވެ. ރިސްކް އެސެސްމަންޓްގެ ނަތީޖާ ދައްކާގޮތުގައި ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް" އެއް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެެހެން ކަމުން ވަރަށް ހާއްސަ ސަމާލު ކަމެއް ދީގެން އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.