ހަބަރު

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ 400 މިލިއަނުން މައްޗަށް

ސާފު ފައިދާގެ ގޮތުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ސާފް ފައިދާގެ ގޮތުގައި 400 މިލިއަނަަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މިދިޔަ އަހަރު ޓެކްހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 63 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ 2018 ވަނަ އަހަރަށްވުރެ ބޮޑު ފައިދާއެއް އެ ކުންފުންޏަށް މިއަހަރު ލިބިފައިވަނީ އާންމު ވިޔަފާރިން އެ ކުންފުންޏަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އެސްޓީއޯއަށް ފައިދާވި ނަމަވެސް ވިޔަފާރީގެ ކުރިއެރުންތަކުގައި ކުންފުންޏަށް ވަރަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވި ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 34 ޕަސެންޓަށް އުފުލުނު އިރު ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކީ ރައްޔިތުންނަށް ފައިދާވާނޭ ގޮތަށް ހެޔޮ އަގެއްގައި ކަމަށެވެ.

"ތެލުގެ އަގު ބޮޑުވެގެން މިދިޔަ މިދިޔަ އަހަރުގެ ތެރޭގައި މެދުއިރުމަތީގައި ހިނގައިދިޔަ ހަނގުރާމައިގެ ސަބަބުން. ނަމަވެސް އެސްޓީއޯއިން ބެލީ ވީހާ ވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ޑިސަލާއި ޕެޓްރޯލް ލިބޭނެ ގޮތް ހަދަން. އެގޮތުން މިދިޔަ އަހަރު ފެށުނު އިރަށްވުރެ ނިމުނު އިރު ޑިސަލާއި ޕެޓްރޯލުން ވާނީ 80 ލާރި ކުޑަކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އަންނަ މަހުން ފެށިގެން ހަމަ އެކަނި ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ބަދަލުގައި އެސްޓީއޯއިން އަވަށްޓެރި ސްރީލަންކާއަށް ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.