ހިމަބިހި ފެތުރުން

ހިމަބިހި ޖެހުނު މީހުންގެ އަދަދު އަށަކަށް އަރައިފި

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން މި މަހުގެ ތެރޭގައި ފެތުރެން ފެށި ފަހުން މިހާތަނަށް އަށް މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި ބަލި ޖެހިފައިވޭތޯ ބެލުމަށް ކޮންމެ ދުވަހަކު ވެސް ޓެސްޓްތައް ހަދަމުންދާ ކަމަށެވެ. އެގޮތުން ހޯމަ އަދި އަންގާރަ ދުވަހު ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިއަދު ޓެސްޓް ކުރި އެއްވެސް މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައެއް ނުވެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީ އިއުލާން ކުރީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށް ޓެސްޓުކޮށް ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށް އެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.