ހަބަރު

ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރުގެ މައްސަލަވެސް ބަލަނީ

ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީ އިން މިފަދަ ނިންމުމެއް ނިންމާފައި ވަނީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ގާޒީ އަލީ ނަސީރުގެ މައްސަލަ ބެލުމަށް ނިންމިއިރު ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލައެއް ބެލުމަށް ވެސް ޖޭއެސްސީ ން ވަނީ ނިންމާފަ އެވެ. އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާ އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވަނީ މިދިއަ ހޯމަ ދުވަހު އެވެ.

މީގެ ކުރިން ވެސް އެ ކޮމިޝަނުން ވަނީ އަބްދުﷲ އަލީގެ މައްސަލައެއް ބެލުމަށް ވެސް ނިންމާފަ އެވެ. އެއީ ޖުލައި 24، 2019 ގައެވެ.

މިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެންމެ މަތީ ކޯޓުން ފެށިގެން ދަށުގެ ކޯޓްތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށްވެސް ވަނީ ހުށައަޅާފަ އެވެ. އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުން ފާސްކޮށްގެން ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އެންމެ އިސް ކޯޓް ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ވެސް ހިމެނެއެވެ.