ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(28 ޖެނުއަރީ 2020 އާ ގުޅޭ)

މުހުސިނާގެ ކަނާއަތް ފަރާތުގައި ކުޑަކޮށް ފަހަތަށް ވާހެން ވީރާ މަޑުކޮށްލިއެވެ. އިހުނަށްވުރެ ބޮޑަށް ހޭޒަލް ޖެހިލުންވިއެވެ. ވީރާއާ ހަތަރުކަޅި ބައްދަލުވިއެވެ. ވީރާ ވެސް ފެންނަނީ ހައިރާންކަމެއް ލިބިފައި ހުރި މީހަކު ހެންނެވެ. ދެބައިމީހުން ވެސް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެދާނޭ ހީނުކުރާ ފަދައެވެ.

ހޭޒަލްއަށް ބަލަން ހުރިއިރު މުހުސިނާގެ ހިތަށް މަޑުމޮޅިކަމުގެ އަސަރު ވެރިވެގެން ހިނގައްޖެއެވެ. ކުރިއަށްވުރެ ވެސް ހޭޒަލްގެ މޫނުން މަޢުސޫމްކަން ފާޅުވެޔޭ އޭނާގެ ޟަމީރު އެއްބަސްވިއެވެ. ބަޔާންކުރަން ނޭނގޭ ފަދަ ފިނި ވައިރޯޅިއެއްގެ އަސަރު ނަފްސަށް ވެރިކުރުވިއެވެ. އެ ފިނިފިނި ވައިރޯޅު ހޭޒަލްއާމެދު މިހާތަނަށް މުހުސިނާއަށް ހީކުރެވުނު ހުރިހާ ހީއެއް ހިރަފުސްތަކެއް ފޮޅާލި ފަދައިން ނުބައި ފިކުރުތައް ތާހިރުކޮށްދީފިއެވެ. އަމިއްލަ ޟަމީރުގެ އަޑު ކަންފަތް ދޮށުގައި ގުގުމާލިއެވެ.

"މި އަންހެންކުއްޖާއަކީ ވިޔާނުދާކުއްޖެއްނޫން... ލިއަމްގެ ދިރިއުޅުމަށް އޭނާ އައުމުން... އަހަރެންގެ ޅީދަރިއަކަށްވާން ހިތުން ރުހުމުން ޤަބޫލުވިން، އޭރު ވެސް އޭނާގެ އަޙުލާގާއި ސުލޫކު އަހަންނަށް ކަމުދިޔަ، މިހާރު މިފެންނަނީ އޭރަށްވުރެ ވެސް ހެޔޮ ބަދަލެއް، މާޝާ ﷲ... އަންހެނެއްގެ ރީތިކަންވަނީ އޭނާގެ ވަނާތައް ފޮރުވުމުގައި، ދީންދެކެ ލޯބިވާ މީހެއްގެ ޢަމަލުތައް ގޯހެއްނުވާނެ، މީ އަހަރެންގެ ދަރީންގެ ފުށުން ދުށުމަށް އެދުނު ފަދަ މަންޒަރެއް"

"މަންމަ ބަލީތަ؟" މުހުސިނާގެ މޫނުން ތަފާތު ހިތްދަތިކަމެއް ފާޅުވާން ފެށުމުން ހޭޒަލްއަށް އަހާލެވުނެވެ. އެހިނދު ވީރާ ކުރިއަށް ޖެހިލިއެވެ. މަންމަގެ މޫނަށް ބަލާލިއެވެ. އޭނާ މަންމަގެ ކަނާއަތު މުލައްދަނޑީގައި ހިފާލައި ކުޑަކޮށް ދަމާލިއެވެ.

"ހިނގާދާން މަންމާ" ވީރާ މަޑުމައިތިރިކޮށް ބުނެލިއެވެ. އެހެންވިޔަސް ހޭޒަލްގެ އަތުން މުހުސިނާ ދޫކޮށެއް ނުލިއެވެ.

"އަހަރެން ހޭޒަލްއާ ވާހަކަދައްކާލަން ވަރަށް ބޭނުން، އެކަމަކު ހިތަށް މިއަރަނީ، މިހާރު އެކަމަށް އެދޭނީ ކޮންހައިސިއްޔަތަކުން ބާއޭ، މިހާރު ތީ އަހަރެންގެ ޅީދަރިއެއް ވެސް ނޫން، އަހަރެމެންނާ އެއްވެސް ގުޅުމެއްނެތް... ހޭޒަލް ކަންތައްކުރި ގޮތުން މަންމައަށް ވިސްނުނީ އަހަރެމެންނާ އޮތް ގުޅުން އެއްކޮށް ކަނޑާލަންށޭ ހޭޒަލް ގަސްދުކުރީ" މުހުސިނާގެ ޖަޒުބާތުތައް އޭނާގެ އަޑާ ގުޅިފައިވިއެވެ. އޭނާގެ އަޑު މަޑުވެފައި ޖެހިލުންވުން ފާޅުވެއެވެ.

އެއްޗެކޭ ބުނުމުގެ ކުރީން ހޭޒަލް ވިސްނާލިއެވެ. އެވަގުތު ނިކަން ހަލުވިކޮށް އޭނާގެ ގާތަށް ބަޔަކު އަންނާތީ ފެނިއްޖެއެވެ. މީ އެމީހުން ކަންބޮޑުވާނޭ ހާލަތެއްކަން ހޭޒަލްއަށް ރަނގަޅަށް އެނގެއެވެ. އޭނާގެ މައިންބަފައިންނަށް މުހިންމުވާނީ އޭނާއެވެ. އެއީ މިދުނިޔެމަތީގައި އޭނާ އެންމެ އިތުބާރުކުރާ ދެ މީހުންނެވެ. އެންމެ ލޯބިވާ ދެ މީހުންނެވެ.

"މަންމާ... ތިގެއަށް ވަނުމަކީ ރަނގަޅުކަމަކަށްނުވާނެ، މަންމަގެ އެދުން ބޮލާލާ ޖަހާކަށް އެއްގޮތަކަށް ވެސް ބޭނުމެއްނޫން، މަންމަ ބުނަން ބޭނުންވާ ކޮންމެ ވާހަކައެއް އަޑުއަހާނަން، ތި ގެނޫން ކޮންމެ ތަނެއް ވެސް އޯކޭ، މަންމައާ ބައްދަލުކުރާނަން" ހޭޒަލް ބުންޏެވެ. މުހުސިނާއަކީ ލިއަމްގެ މަންމައެވެ. އޭނާގެ މައްޗަށް އަނިޔާވެރިވީ ލިއަމްއެވެ. އޭނާގެ މަންމައެއްނޫނެވެ. މައެއްގެ ގޮތުގައި މުހުސިނާއަކީ ފުރިހަމަ އަންހެނެކެވެ. އޭނާ ދަރީންނަށް ހެޔޮ ގޮތް ބުނެދިނެވެ. ނަސޭޙަތްދިނެވެ. ދަރީންނަށް ފައިދާކުރުވަނިވި މަގުތައް ފަހުކޮށްދެއްވުމަށް ދުޢާކުރެއެވެ. އެ މަންމަގެ ކުށެއްނެތްއިރު އެ މަންމައާމެދު ހަރުކަށިކޮށް ޢަމަލުކުރާ މީހަކަށް ވާކަށް ހޭޒަލް ނޭދެއެވެ. ފަހަރެއްގައި އެ މަންމަގެ ހެޔޮ ދުޢާއެއް އޭނާއަށް ލިބިދާނެއެވެ. އެ ހެޔޮ ދުޢާއިން އޭނާ ހީނުކުރާފަދަ އުފާވެރިކަމަކާއި ހިތްހަމަޖެހުން ލިބިދާނެއެވެ.

ރިޒްވާނާއި ސާއިރާއަށް މަޑުކޮށްލެވުނީ ހޭޒަލްގެ ދެފަރާތުގައެވެ. މުހުސިނާގެ ދެމައިންނަށް އެ ދެ މީހުންގެ ނަޒަރު ހުއްޓިފައިވިއެވެ. އެމީހުންގެ ފުށުން ދެކޮޅުވެރިކަމެއް އަދި ގާތްކަމެއް ވެސް ފާޅެއްނުވެއެވެ. އެމީހުންގެ ގަސްދު ގުޅިފައިވީ ދަރިފުޅަށް ލިބިދާނެ ހިތްދަތިކަމަކުން އޭނާ ސަލާމަތްކުރުން ކަމަށް ވެދާނެއެވެ. އެ ސިފައަކީ މައިންބަފައިންނަށްވީތީ އިޚްތިޔާރަކާއިނުލޭ ގެނެވޭ ހަރަކާތެކެވެ.

ފިނި ގޮތަކަށް މުހުސިނާ ހިނިތުންވެލިއެވެ. ވީރާ ހުރީ އިސްއުފުލައިލާން ނުކެރިފައި ކަހަލައެވެ. މަންމަގެ އަތުގައި ދެއަތުން ވީރާއަށް ހިފަހައްޓައިލައިގެން ހުރެވުނީ ނަފްސަށް ހިތްވަރު ހޯދުމަށް ކަހަލައެވެ. ރިޒްވާނާއި ސާއިރާއަށް ވެސް ޙިއްޞެއް ޙަރަކާތެއް ނެތް ފަދަ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

* * * * *

ވިޔަފާރިކޮށްގެން ވީރާއާއެކު މުހުސިނާ ގެއަށް ވަނީ މެންދުރުގެ ވަގުތެވެ. އޭރު ޝަމާޢިލް ސިޓިންރޫމުގައި ޓީވީއިން ދައްކަމުންދިޔަ ދިވެހި ޕްރޮގްރާމެއް ބަލަން އިނެވެ. ވީރާ އަނގައިން ބުނުމެއްނެތި ވަނީ ކޮޓަރިއަށެވެ. ދެއަތުގައި ހުރި ކޮތަޅުތަކާއެކު މުހުސިނާ ދިޔައީ ބަދިގެ ފަރާތަށެވެ. މުހުސިނާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ޝާމާޢިލް ދެނެގަތީ އަނބިމީހާގެ ޢަމަލާއި އޭނާގެ މޫނުގައިވި އަސަރުންނެވެ. ދެ ޚިޔާލެއްގައި އިނދެފައި ޝަމާޢިލް ތެދުވިއެވެ. ޓީވީ ނިވާލައި ސޯފާތަކުގެ މެދުގައި ހުރި ތިރި މޭޒުމަތީ ރިމޯޓު ބޭއްވިއެވެ.

ބަދިގެއަށް ޝަމާޢިލް ވަނެވެ. މުހުސިނާ ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއްގެ ލެނގޭބައިގަ ދެއަތުން ހިފަހައްޓާލައިގެން ހުއްޓުން އަރާފައި ހުއްޓެވެ. ހީވަނީ ކޮންމެވެސް ބޮޑުކަމަކާ އޭނާ ފިކުރުކުރަނީ ހެންނެވެ. ގަނެގެން އައި ތަކެތި އަޅާފައި ހުރި ކޮތަޅުތައް މޭޒަމަތީގައި ހުއްޓެވެ. އަނބިމީހާގެ ހިމޭންކަން ޝަމާޢިލްގެ ސިކުނޑީގައި ސުވާލު އުފެއްދިއެވެ. މަޑުމަޑުން އައިސް މުހުސިނާ ގާތު ޝަމާޢިލް މަޑުކޮށްލިއެވެ.

"މިއަދު ހޭޒަލް ދުށީން" ހިމޭން ގޮތަކަށް މުހުސިނާ ބުނެލިއެވެ.

"ވާހަކަދެއްކިތަ؟" ޝަމާޢިލްއަށް އަހާލެވުނެވެ. އޭނާއަށް ހީވީ ހޭޒަލް ކަންތައްކުރި ގޮތުން މުހުސިނާގެ ހިތަށް އުނދަގޫވީ ކަމުގައެވެ.

ގޮނޑު ބޭރަށް ދަމާލައި މުހުސިނާ އިށީނެވެ. ޝަމާޢިލް ވެސް އަވަހަށް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. މުހުސިނާގެ އެ ހަރަކާތަކީ ކަންތައްވީގޮތް ކިޔައިދޭން އުޅޭކަމުގެ އިޝާރާތެއްކަން ޝަމާޢިލް ދެނެގަތެވެ. އެހެންވެ އޭނާ ބަހެއްނުބުނެ މުހުސިނާއަށް ވާހަކަދައްކަން ފުރުޞަތު ދީގެން އިނެވެ.

ފިހާރަ ތެރެއިން ހޭޒަލް ފާހަގަކުރެވުނު ގޮތް މުހުސިނާ ފުރަތަމަ ކިޔާދިނެވެ. ހޭޒަލްއަށް އައިސްފައި ހުރި ބަދަލުތައް ވެސް މެއެވެ. ހޭޒަލްއާ މެދު މުހުސިނާގެ ހިތުގެ ޝުޢޫރު ފިރިމީހާއާ ޚިއްޞާކުރިއެވެ. ލިއަމްއާއި ހޭޒަލްއާ ދެމެދު ހިނގީ ކޮންކަމެއްކަން އެނގެން އޭނާ ބޭނުންވާކަން ހާމަކުރިއެވެ. މިކަމެއްގެ ވާހަކަ އަޑުއިވީނުއްސުރެ ހީކުރަމުން އައި ހީކުރުންތަކީ ކުށް ހީތަކަކަށް ވެދާނޭ މުހުސިނާއަށް ބުނެވުނެވެ. އޭނާއާއި ހޭޒަލްއާ ދެމެދު ދެކެވުނު ވާހަކަތައް ވެސް ފިރިމީހާއަށް ކިޔާދިނެވެ.

"އަދި ވެސް އެއީ އަހަރެމެން ދުށް ހިތްހެޔޮ ކުއްޖާ، އޭނާ އަދިވެސް އަހަންނަށް އިޚްތިރާމުކުރާކަން ޔަގީން" މުހުސިނާއަށް ބުނެވުނެވެ.

"އަހަންނަކަށް ވެސް ނުފެނޭ ހޭޒަލް މިގެއަށް ގެންނާކަށް، މުހުސިނާ އެދުނީތީ އޭނާ ޤަބޫލުވިޔަސް، އަހަރެމެން ވެސް ވިސްނަންވާނެ، އޭނާއަށް ފަސޭހަކަމަކަށްނުވާނެ އަހަރެމެންނާ ގުޅުން ބަދަހިކުރުން... އޭނާ ލިއަމްއާ ގުޅެން ވިސްނާނަމަ މިހާ ދުވަހު ދުރުގައެއް ނުހުރީސް، އަހަރެން މުހުސިނާއަށް މަނައެއްނުކުރާނަން، އެކަމަކު އަހަންނަށް ރަނގަޅީ ހޭޒަލްގެ ގާތުން އަހަރެމެން ކަމަކަށް އެދޭނެ ފަހު ފަހަރުކަމަށް ހެދުން، ހޭޒަލްގެ ދިރިއުޅުމަށް އަހަރެމެންގެ ނުފޫޒެއް ނުފޯރުވުން" ޝަމާޢިލް ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުއެވެ.

މުހުސިނާގެ ފައިސާ އެޅީ ދަބަހުން އޭނާ ކަރުދާސްކޮޅެއް ނަގައި ޝަމާޢިލްއަށް ދައްކާލިއެވެ. އޭގައި އޮތީ ވަގުތު ލިޔެފައެވެ. ރަސްފަންނުން ބައްދަލުކޮށްލަން މުހުސިނާ ޚިޔާލު ފާޅުކުރުމުން ހޭޒަލް އެކަމާ އެއްބަސްވީއެވެ. އެހެންނަމަވެސް ގަޑި ކަނޑައެޅީ ހޭޒަލްއެވެ.

* * * * *

އަތުކުރީ އަޅާލި ގަޑިއަށް ދާރިއަންގެ ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ދާރިއަން ބަލާލިއެވެ. އަދިވެސް އެއްފަހަރު އޭނާގެ ކަނާއަތުން މޭގައި ފިރުމާލިއެވެ. ލުއިލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުން ފާޅުވެލިއެވެ. ހަތްގަޑި ބަޔަށް ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ހޭޒަލް ދަޢުވަތު ދިނީއްސުރެ ދާރިއަންގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. އެ ހިތަށް ވިސްނައިދިނުމަށް އޭނާ މޭގައި ފިރުމާލި މީ ފުރަތަމަ ފަހަރެއްނޫނެވެ. ހޭޒަލްއާ އޮތް ގުޅުމުގައި އޭނާއަށް އާދެވިފައި އެވަނީ ދުވަހަކުވެސް އާދެވޭނޭކަމަށް ހީކުރެވިފައިނުވާ މަރުހަލާއަކަށެވެ. އޭނާގެ ހިތުގެ މަލަކާއަކީ ހޭޒަލްކަން ހާމަނުކޮށް ހުންނަން ބޮޑު ވޭނަކަށް ވެއްޖެއެވެ. އިތުރަށް ލަސްކުރުމަށްވުރެ ހިތުގެ ގޮވުމަށް ޢަމަލުކުރަން ވެއްޖެކަން ދާރިއަންގެ ޟަމީރު ވެސް އެއްބަސްވިއެވެ.

މ.ސްނޯލޭންޑްގެ ދޮރޯށި ހުޅުވިގެން ދިއުމާއެކު ދާރިއަންއަށް ހީވީ އެރޭގެ ހަނދު ކުރިމަތިން ފާޅުވީހެނެވެ. ލޯބިން ބޮސްދޭހާ އެ މޫނު މަޢުސޫމެވެ. ހިތުގެ ރާގާ އެއްވަރަށް ދާރިއަންއަށް ހޭޒަލްގެ ނަންކިޔާލެވުނެވެ. އަވަސް ހަރަކާތާއެކު ހޭޒަލް ވާހަކަދެއްކިއެވެ. ދާރިއަން އައީ ބަރާބަރު ގަޑިއަށްކަން ހޭޒަލް ބުނެލީއެވެ. ދޮރޯށިން އެތެރެއަށް ދާރިއަން ވަނުމާއެކު ހޭޒަލް ނިކަން އަވަހަށް ދޮރޯށި ލައްޕައިފިއެވެ. އޭނާގެ ކޮންމެ ހަރަކާތަކާއި، އެކަމާ ގުޅިގެން ފާޅުވާ ކޮންމެ އަސަރެއް ދާރިއަންގެ ހިތުގައި ބިންވަޅުނެގެމުންދިޔައެވެ. ޤަބޫލުކުރަން ދަތި ހުވަފެނެއްގައި އުޅެވޭހެން ދާރިއަންއަށް ހީވިއެވެ. ހޭޒަލްއާ ބައްދަލުވުމުން ދާރިއަންގެ އަމިއްލަ ބާރު ވީއްލިގެން ދާ ކަހަލައެވެ. ވަށައިގެންވާ ކަންކަން ފަނޑުވެ އޭނާގެ ލޮލަށް ހަމައެކަނި ފެންނަނީ ހޭޒަލް ފަދަ އެވެ.

"މޫނު އެކަނި ފެނިފައި ވެސް... ތި ރީތިކަން ސިހުރަކަށް ފުދޭ" އެލެވޭޓާ ތެރޭ ހޭޒަލްއަށް ނަޒަރު ހުއްޓާލައިގެން ހުރި ދާރިއަންއަށް ބުނެލެވުނެވެ. ހީވީ އިޚްތިޔާރެއްނެތި ހިތުގެ ތަރާނާއިން ބައެއް ދުލާ ހަމައަށް އައީ ހެންނެވެ. ނަމަވެސް ހޭޒަލް ފާޅުކޮށްލީ ހައިރާންކަމުގެ އަސަރެވެ. އޭނާ މޫނަށް ހަދާލި ގޮތުން ދާރިއަން އެ ބުނެލީ ތާކުންތާކު ނުޖެހޭ ވާހަކައެކޭ އެއްވަރެވެ. ހާސްކަމާއި ޖެހިލުންވުމުގެ އަސަރު ފިލުވާލުމަށް ދާރިއަން ކޮށްލި ސަމާސާއަކަށް ހަދައި ދެފަރާތަށް ހޭޒަލް ބޯހޫރާލިއެވެ.

ހޭޒަލްއާއެކު އެކަހެރިވާން ދާރިއަންގެ ޟަމީރު ބިރުގަނެވެ. ނަފްސުގެ ހިފެހެއްޓުން ދޫވަމުން ދާހެން ހީވާތީއެވެ. އޭނާއަކީ ވެސް ޖަޒުބާތުތަކާއި އިޙްސާސްވުން ލައްވާފައިވާ އިންސާނެކެވެ. އެދުންވެރިކަމަކީ ކޮބާކަން އޭނާއަށް ވެސް އެނގެއެވެ. އެގޮވާލުން އަންނަ ހިނދު ދެކޮޅު ނުހެދޭހާ ބަލިކަށި ހާލަތަކަށް ނަފްސު ވެއްޓިދާނެތީ އިންތިހާއަށް ބިރުގަނެއެވެ. އެ ޚިޔާލުތަކުގައި ހުރެ ޖީންސުގެ ޖީބަށް ދެއަތްތިލަ ކޮށްޕާލި ގޮތަށް ދާރިއަން މުއްކަވާލިއެވެ. ބެލުން ތިރިކުރީ އެ އެކަހެރިކަމުގެ ތެރެއިން ހޭލައިގެން ނުވާނެ އިޙްސާސްތަކެއް ނަފްސުގެ މައްޗަށް އަތްގަދަކުރިޔަ ނުދޭށެވެ. އޭނާއާއެކު ހުރި އަންހެންކުއްޖާއަށް ދާރިއަންގެ ހިތުގައި ލޯބިވެއެވެ. އެ ލޯތްބަށް އޭނާގެ ހިތްނޭދޭކަމެއް ކުރުވުމުކަށް ފުރުޞަތެއް ދާރިއަން ނުދޭނެއެވެ.

އެޕާޓްމެންޓުގެ ދޮރާ ދިމާއަށް އިޝާރާތްކޮށްލަމުން ހޭޒަލް ހިނިތުންވެލިއެވެ. އޭނާ ދިރިއުޅޭ ބަޔަކީ އެއީ އޭ އަންގާލުމަށް ކޮށްލި އިޝާރާތެއް ކަހަލައެވެ. ދާރިއަންގެ ކުރިއަށް ހުރެ ހޭޒަލް އައިސް އެޕާޓްމެންޓް ހުޅުވާލިއެވެ. ސިޓިންރޫމުގައި ރިޒްވާނާއި ސާއިރާ ތިބީ ހޭޒަލްގެ ހުނަރުވެރިކަން މުޖުތަމަޢުއަށް ދައްކާލަދިން މީހާއާ ބައްދަލު ކުރުމަށް ކެތްމަދުވެފައެވެ. ހޭޒަލްގެ ދުލުން އެތައް ފަހަރެއްގެ މަތިން އިވިފައިވާ ނަމުގެ ވެރިޔާއާ ބައްދަލުކުރަން ތައްޔާރުވެއެވެ.

ދޮރުހުޅުވުނުތަން ފެނި ސޯފާއިން ފުރަތަމަ ވެސް ތެދުވީ ރިޒްވާނެވެ. މެހެމާނަށް މަރުޙަބާ ކިޔަން އޭނާ އަވަސްވެގަތެވެ. ހޭޒަލް އެމީހުންނާ ބައްދަލުކުރަން އެ ގެއަށް ގެނައި ފުރަތަމަ ފިރިހެނަކީ ލިއަމްއެވެ. އެއަށްފަހު އެ ދަރިފުޅު އެގެއަށް ވަނުމުގެ ދަޢުވަތު އެރުވި ފިރިހެނަކީ ދާރިއަންއެވެ. އެ ދެ ހަލާތު މުޅިން ތަފާތެވެ. ދާރިއަން އެމީހުންގެ ދަރިފުޅަށް ޓަކައި ކޮށްދިން ކަންކަން އެނގެއެވެ. އަދި މިހާތަނަށް އޭނާ ހޭޒަލްގެ އެއްވެސް މީހަކާ ބައްދަލުކޮށްފައެއް ވެސް ނުވެއެވެ. އެހެންވިޔަސް އެމީހުންގެ ނަޒަރުގައި ހޭޒަލްގެ މައްޗަށް ލެއްވި ރަޙުމަތެއްކަމުގައި ދާރިއަންވިއެވެ.

ދޮރާ ދިމާއަށް އައި ރިޒްވާނާ ފުރަތަމަ ބައްދަލުކުރީ ހައިރާންކަމެވެ. ރިޒްވާނަށް ވީގޮތް ދާރިއަންއަށް ފަހުމްވިއެވެ. ދެމީހުންނަށް ވެސް އެކަކުއަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

"މީ ރިޒްވާން ބައްޕަ... ބައްޕާ!، މީ ދާރިއަންއަކީ" ރަކި ގޮތަކަށް ހޭޒަލް ބުނެލިއެވެ. އޭނާގެ މޫނަށް ރިޒްވާނާއި ދާރިއަން ބަލާލިއެވެ. ދެމީހުންގެ ހިމޭންކަމަށް ބަދަލުއައީ އެވަގުތެވެ. ހީވީ ހޭޒަލްގެ މޫނުގައިވި ހިނިތުންވުން ގެއްލިދާނޭ ފަދަ ކަމެއް އެ ދެ މީހުން ވެސް ކުރަން ބޭނުންނުވާ ހެނެވެ.

ދާރިއަން އަތްދިއްކޮށްލައި ސަލާމް ގޮވާލިއެވެ. ރިޒްވާނު ސަލާމް ބަލައިގަތީ ހިނިތުންވުމާއެކުއެވެ. ލިބުނު ހައިރާންކަމާ ގުޅިފައި ހުރި ސުވާލުތައް ސިކުނޑީގެ ކަނަކަށް ރިޒްވާނު ޖައްސާލީއެވެ. އަދި ހޭޒަލްގެ ޢާއިލާއިން ދާރިއަންއަށް ކީ ހޫނު މަރުޙަބާއިން ދާރިއަންގެ ޖެހިލުންވުން ވެސް ފިލައިފިއެވެ.

ބަލާލި ކޮންމެ ދިމާއަކުން އެ އެޕާޓްމެންޓުން ތަނަވަސްކަން ފާޅުވެއެވެ. ދާރިއަންއަކީ ވެސް ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. އުޅެނީ އާދައިގެ ދިރިއުޅުމެއްނޫނެވެ. އެކަމަކު ރިޒްވާންމެންނަށް ލިބިފައިވާ ނިޢުމަތްތައް އިތުރުވެގެންވާކަން ޔަގީނެވެ. އެހެންވިޔަސް ހޭޒަލްގެ ފަރާތުން އެފަދަ ދެއްކުންތެރިކަމެއް މިހާތަނަށް ދާރިއަން ނުދެކެއެވެ. އެކަހަލަ ފަރަގު ކުރުމާއި ބޮޑާކަމެއް ހޭޒަލްގެ ނުހުރެއެވެ. ސިއްރު ގޮތަކަށް ދާރިއަންގެ ބެލުން ހޭޒަލްއަށް އަމާޒުވެލިއެވެ. އޭނާގެ ނަޒަރުގައި ހޭޒަލް އިތުރަށް ފުރިހަމަވެއްޖެއެވެ.

ކާމޭޒު ދޮށުގައި ދާރިއަންއާއި ހޭޒަލް ތިބީ ބަސްމަދުވެފައެވެ. ރިޒްވާނު އިނީ ދާރިއަންގެ ގޮތް އެނގެން ބޭނުންވެފައެވެ. އޭނާ ކުރާ ސުވާލުތަކަށް ދާރިއަން ޖަވާބުދެއެވެ. ދާރިއަން ވެސް ރިޒްވާނު ވެސް ހޭޒަލްގެ ދިރިއުޅުމުގައި އައި އެއްބައި އުނިކުރިއެވެ. ލިއަމްގެ ނަން އެ ދެމީހުން ވެސް ކިޔަން ބޭނުންނުވާ ކަހަލައެވެ. ދެއްކުނު ވާހަކައެއްވިއްޔާ ދެއްކީ ވިސްނުންތެރިކަމާއެކުއެވެ. ދާރިއަން ކުރާ މަސައްކަތާއި އޭނާ ހޭޒަލްގެ ހުނަރަށް ޝައުގުވެރިވީ ގޮތް ރިޒްވާނާއި ސާއިރާގެ އެދުމަށް ހާމަކުރިއެވެ. އެމީހުންނަށް ދާރިއަން ސިފަވީ ސާދާ ސީދާ ޒުވާނެއްގެ ގޮތުގައެވެ.

ކާމޭޒު ދޮށުން ރިޒްވާނާއި ސާއިރާގެ ސިކުނޑީގައި ޚިޔާލެއް އުފަންކުރުވީ ދާރިއަންއާއި ހޭޒަލްގެ ހަރަކާތްތަކެވެ. މީހުންނަށް އިތުބާރުކުރަން އުނދަގޫވެފައިވާ ހޭޒަލްގެ ފުށުން އޭނާ ދާރިއަންއަށް އިތުބާރުކުރާކަން ރިޒްވާނަށް އެނގުނެވެ. ވަކިކަމަކަށް ގަސްދެއްނެތް ކުދިކުދި އިޝާރާތްތައް އެކަމުގެ ހެއްކަކަށް އޭނާއަށް ފުދުނެވެ. ދާރިއަންގެ ނަޒަރު ހޭޒަލްއާ އަމާޒުވާ ކޮންމެ ހިނދަކު އޭނާގެ ތުންފަތަށް ވެރިވާ މާނަވީ ހިނިތުންވުމުގެ ފަހަތުގައި އޯގާތެރިކަންވާހެން ރިޒްވާނަށް ހީވިއެވެ.

ވާހަކަދައްކާލަން ސިޓިންރޫމުގައި މަޑުކޮށްލައިގެން އެންމެން ތިއްބެވެ. ދާރިއަން އަތުކުރީ ގަޑިއަށް ބަލާލި ގޮތުން ދާންވީތޯ ރިޒްވާނު އަހާލިއެވެ. ހިތާ ދެކޮޅަށް ދާރިއަން ބޯޖަހާލީ ހޭޒަލްއަށް އަވަސް ނަޒަރެއް ދެމުންނެވެ. އެންމެފަހުން ދާރިއަންއަކީ ކާކުކަން އެނގި އޭނާއާ ބައްދަލުވީތީ އުފާކުރާކަން ސާއިރާ ހާމަކުރިއެވެ. އަދި ހޭޒަލްއަށް ދާރިއަންއަކީ ވަރަށް ޚާއްޞަ މީހެކޭ އޭނާ ބުނެލީ މާބޮޑު ވިސްނުމެއްނެތިއެވެ. ދާރިއަންއަށް ހީވީ އޭނާގެ އުންމީދުތަކުން އަލިކަމުގެ ދޯދިފަށެއް ފާޅުވެލިހެންނެވެ. ޚާއްޞަވުމަކީ ހޭޒަލްގެ ހިތުން ޖާގައެއް ލިބުން ފަދައޭ ދާރިއަންއަށް ޤަބޫލުކުރެވުނެވެ.

"ޒެލް މަޑުކޮށްލާ... ބައްޕަ ދާނަން ދާރިއަންއާއެކު" ދާރިއަންއާއެކު ނުކުންނަން ހިނގައިގަތުމުން ރިޒްވާނު ބުންޏެވެ.

އެލެވޭޓާއަށް ވަންނަމުން ފަސްއެނބުރި ދާރިއަން ބަލާލިއެވެ. ސަރައްކާލީގައި މަޑުކޮށްލައިގެން ހުރި ހޭޒަލްއާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އަތް ހިއްލާލައި ވަކިވުމުގެ އިޝާރާތެއްކޮށްލިއެވެ. ރިޒްވާނު މަޑުކޮށްލައިގެން ހުރީ އެލެވޭޓާ ލެއްޕެން ދެނެވެ. އެއާއެކު ވާހަކަދެއްކިއެވެ.

"ކުރީން ދުށް ހަނދާނެއްވޭ" ރިޒްވާނު ބުންޏެވެ.

ދާރިއަން ވަގުތުން ބޯޖަހާލިއެވެ. ޑަކްޓަރ އިޝްވާގެ ކުލިނިކުންކަން ދެ މީހުން ފެނުނީ ދާރިއަން ބުންޏެވެ. ރިޒްވާނު ދެން އެހީ ހޭޒަލް އެ ކުލިނިކަށް ދިޔަކަން އެނގޭތޯއެވެ. އެއާއެކު ދާރިއަން އެއްވެސް ކަމެއް ފޮރުވުމެއްނެތި ކިޔާދިނެވެ. ކުލިނިކުން ރިޒްވާނު ފެނުނެއްކަމަކު އޭނާއާއެކު ހުރި އަންހެންކުއްޖާއަކީ ހޭޒަލްކަމެއް ދާރިއަން ނުދެނަހުރިކަމެވެ. އެކުވެރިޔާއަށް ވީގޮތެއް ނޭނގި ހޭޒަލްއާ އޮތް ގުޅުން ދުވަސްތަކަކަށް ކެނޑުނީކަމެވެ. ދެން ބައްދަލުވީ އަނެއްކާ ވެސް ހޭޒަލް އޭނާއަށް ޚަބަރެއްވީމައެވެ. ހޭޒަލްގެ ދިރިއުޅުމަށް އައިސްފައި އޮތް ބަދަލު އެނގުނީ އެހިސާބުންކަން ދާރިއަން ބުންޏެވެ. އެކަމަކު އޭނާގެ ހިތުގައި ހޭޒަލްގެ މައްޗަށް އޮތް އިޙްސާސް ތަކުގެ ވާހަކައެއް ނުދެއްކިއެވެ. ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ލިއަމް ދަންނަންތޯއާއި އެ ދެމީހުން ވަކިވީ ކީއްވެކަން އެނގޭތޯ ރިޒްވާނަށް އަހާލެވުނެވެ. ލިއަމްއާ ގުޅުމެއް އޮތް އެކަކުގެ ހިޔަނި ވެސް ހޭޒަލްއަށް އެޅޭކަށް ރިޒްވާނު ނޭދެއެވެ. ލިއަމްގެ ރޭވުމަކުން ހޭޒަލްގެ ދިރިއުޅުމަށް ވަންނަން ދާރިއަން މަސައްކަތްކުރަނީތޯ ޔަގީންކުރަން ރިޒްވާނު ބޭނުންވީއެވެ.

(ނުނިމޭ)