ހަބަރު

"ހައްގުތައް ކަށަވަރު ކޮށްދޭން މި ސަރުކާރު ވެސް ނުކުޅެދިފައި"

Jan 30, 2020
7

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ކަށަވަރު ކޮށްދޭން ރައްޔިތުންނަށް ވި ވައުދުތައް ފުއްދަން އާ ސަރުކާރު ވެސް މިހާތަނަށް ނުކުޅެދިފައިވާ ކަމަށް ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީން ބުނެފި އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގައި މިދިޔަ އަހަރު އިންސާނީ ހައްގުތައް ރައްކާތެރިވެފައިވާ މިންވަރުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ރާއްޖޭގެ ޖަލުތަކުގެ ނިކަމެތި ހާލާތާއި، އަދުލު އިންސާފުގެ ނިޒާމު އިސްލާހު ނުވުމުގެ އިތުރުން ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ދެމުންދާ އެކި ޒާތުގެ ހަމަލާތައް ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިދިޔަ ރިޔާސީ އިންތިހާބުގައި ހައްގުތައް ރައްކާތެރިކޮށް، ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ، މި ސަރުކާރުން ގިނަ ވައުދުތަކެއްވެފައި ވީނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

އެގޮތުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދެވިފައި ނުވުމުގެ އިތުރުން، މަރާލާފައިވާ އަދި ގެއްލުވާލާފައިވާ ނޫސްވެރިންނަށް އިންސާފު ހޯދައިދެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

"މި ސަރުކާރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ވި ގިނަ ވައުދުތައް މިދިޔަ އަހަރުގެ ނިޔަލަށް ފުއްދިފައެއް ނުވޭ. ސަރުކާރުން އެބަޖެހޭ އެ ވައުދުތަކާ އެއްގޮތަށް ހަމަހަމަކަމާއެކު އެންމެންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދޭން،" އެމްނެސްޓީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު ބިރާޖު ޕަޓްނާޔަކް ވިދާޅުވި އެވެ.

އޭގެ އިތުރުން، މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދި ނަމަވެސް، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ހޯދިފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ވެސް އެކި ފަހަރުމަތިން ލަސްވެ، އިންސާފު ނުލިބޭ ކަމަށް ވެސް ބުންޏެވެ.

އެމްނެސްޓީން އިތުރަށް ބުނީ ބައެއް މަތީ ކޯޓުތަކުގައި ތިބި ފަނޑިޔާރުން ބަދަލު ކުރި ނަމަވެސް، އަދުލު އިންސާފުގެ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތަށް މިދިޔަ އަހަރު ނިމުނުއިރު، މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ހައްގުތަކަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް އަދިވެސް އެކި ޒާތުގެ ނުރައްކާތަކާއި އިންޒާރުތައް ދެމުންދާ ކަމަށާއި، އެކަމަށްވެސް ހައްލެއް ހޯދިފައިނުވާކަމަށް އެ ރިޕޯޓުގައި ބުންޏެވެ. އެގޮތުން، އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އުވާލާފައިވާކަމީ، މިނިވަންކަމާއެކު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދެވިފައިނުވާކަމުގެ މިސާލެއްގެ ގޮތުގައި އެމްނެސްޓީން ފާހަގަކޮށްފައިވެ އެވެ.

"އާ ސަރުކާރާއެކު ރާއްޖޭގައި ޒަމާނުއްސުރެ ހައްގުތައް ހިފެހެއްޓުމާއި ހުދުމުހާތުރުކަމަށް ނިމުމެއް އަންނާނެކަމަށް އުއްމީދުކުރެވުނު ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެކަން އެގޮތަށް ވީތަނެއް ނުފެނުނު. ދެން އުއްމީދަކީ މި އަހަރު ސަރުކާރުން ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ބިރުދެއްކުމާއި އާންމުންގެ ހައްގުތަކަށް އޮތް ޖާގަ ހަނި ނުކުރާނެކަމަށް،" ޕަޓްނާޔަކް ވިދާޅުވި އެވެ.