ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސެއް ފެނިއްޖެ

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސެއް ރާއްޖެ އިން ފެނިގެން އޭނާގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ރޭގެ ވަގުތެއްގައި ރާއްޖެ އައި މީހެކެވެ. އޭނާ އައީ ޗައިނާގެ ޒިއާބިން ސިޓީގައި ބޭއްވި ފެއާއެއްގައި ބައިވެރިވުމަށް ފަހުއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އޭނާ ރޭ މާލެ އައުމުން އެއާޕޯޓުންވެސް ސްކްރީން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވައިރަސް އޭނާގެ ގައިގަައި ހުރިކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އުމުރުން 20 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގޮސްފައިވަނީ އަމިއްލަ އަަށް ކަމަަަށެވެ. ނަމަވެސް ހޮސްޕިޓަލުން ހެދި ޓެސްޓްތަކުންވެސް އޭނާގެ ގައިގައި ހުމުގެ ނުވަތަ ރޯގާގެ އަސަރު ހުރި ކަމަަށް ނުދައްކާ ކަމަށެވެ.

އޭނާ އެކަހެރި ކޮށްފައިވަނީ ޓްރެވަލް ހިސްޓްރީއަށް ބެލުމަށް ފަހުގައެވެ. އޭނާ ވަނީ ޗައިނާގައި އެންމެ ވަރުގަދައަށް ވަައިރަސް ފެތުރެމުންދާ ސިޓީއެއްގެ މީޓް މާކެޓްތަކަަށް ޒިޔާރަތް ކޮށްފައެވެ.

އެ ޒުވާނާ މިހާރު ހުރީ ފުނަދޫގައި ހުންނަ އައިސޮލޭޝަން ސެންޓަރުގައެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އޭނާގެ ސާމްޕަލްތައް ނަގާފައި. އަދި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ޓެސްޓުތައް ހެދުމަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުން" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މާދަމާގެ ވަގުތެއްގައި އެ ޓެސްޓްތަކުގެ ނަތީޖާ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މިހާތަނަށް 20 ގައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ. އަދި މި ވައިރަސްގެ އަސަރު ކޮށްގެން 170 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވީނަމަވެސް މިހާތަނަށް މީހުން މަރުވެފައިވަނީ ހަމަ އެކަނި ޗައިނާއިންނެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ރާއްޖެއިންވެސް ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.

ފޮރިން މިނިސްޓްރީ އާއި ހެލުތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖޭން ޗައިނާ އިން ކުރާ ސީދާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސީދާ ދަތުރުތައް މެދުކަނޑާލަން ނިންމީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"މިފިޔަވަޅަކީ ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖެއަށް ޒިޔާރާތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ތިބި ޗައިނާ ފަތުރުވެރިންގެ ހާލަތުވެސް ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަށް ބޭރުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންގެ ހާލަތު އިތުރަށް ބަލާފައިވާނެ ކަމަށާއި، ނަމަވެސް، އެ ވައިރަސް ޖެހިފައިވާ މީހަކު އަދި ފެނިފައިނުވާކަމަށް އަމީން މިއަދުވެސް ތަކުރާރުކުރެއްވި އެވެ.

"މި ވައިރަސްގެ އަލާމާތްތަކަކީ ހަމަ އާންމު ރޯގާގައިވެސް ހުންނަ އަލާމާތްތައް. ދެން ހުމުގެ އަލާމާތެއް ހުންނަ ކޮންމެ މީހަކީ ނޫނީ ފަތުރުވެރިޔަކީ އެ ވައިރަސްއަށް ޝައްކުކުރެވޭ މީހެއްގެ ގޮތުގައި ބަލަނީކީ ނޫން. ބައިނަލްއަގުވާމީ ގޮތުންވެސް، އެ ވައިރަސަށް ޝައްކުކުރެވޭ މިންގަނޑުތަކެއް ހުރޭ. ސްކްރީން ކުރުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ބައިނަލްއަގުވާމީ ސްކްރީނިން ޕްރޮޓޮކޯލްތައް،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވި ގޮތުގައި، ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި އެހެނެހިން އާލާތްތައް މި ވަގުތަށް ރާއްޖެއަށް ބޭނުންވާވަރަށް ހުރި ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.