ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ޒުވާނާ ކަރަންޓީން ކުރުމުގައި ހަރަކާތްތެރިވީ ސިފައިން

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި ޒުވާނާ ކަރަންޓީން ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ސިފައިންނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވަނީ ދިވެހި ފިރިހެނެކެވެ. އުމުރުން 20 އަހަރުގެ އެ ޒުވާނާއަކީ ޗައިނާގެ ޒިއާބިން ސިޓީގައި ބޭއްވި ފެއާއެއްގައި ބައިވެރިވުމަށް ބުދަ ދުވަހުގެރޭ މާލެ އައި މީހެކެވެ.

އޭނާގެ ހާލަތު ޔަގީން ކުރެވެންދެން މިހާރު ވަނީ ފުނަދޫގައި ހުރި އައިސޮލޭޝަން ސެންޓަރުގައި ކަރަންޓީން ކޮށްފައެވެ. މިއީ ކޮރޯނާއާއި ގުޅިގެން ރާއްޖޭގައި ކަރަންޓީން ކުރި ފުރަތަމަ މީހާއެވެ.

އެ މީހާ ކަރަންޓީން ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ސިފައިންކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވަނީ އެ ސިފައިންނަށް ތައުރީފު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޒުވާނާ ކަރަންޓީން ކުރުމުގައި ހަރަކާތްތެރިވި ސިފައިންނަށް ހިތުގައި އޮތީ ރައްކާތެރިކަން މިންވަަރު ކުރެއްވުމަށް އެދި ކުރެވޭ ހެޔޮ ދުއާ ކަމަށެވެ.

އަދި އެ ސިފައިންގެ އާއިލާތަކާއި، ވައިރަސް އަރާފައިވެދާނެ ކަމަށް ޝައްކު ކުރެވޭ ޒުވާނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ އެ ސިފައިންނަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ ސިފައިން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ނިކުމެ ތިބޭނީ ސިފައިން ކަމަށެވެ.

މިނިސްޓަރު އަމީން ރޭ ވިދާޅުވީ ޒުވާނާ ކުރީ ރޭ މާލެ އައުމުން އެއާޕޯޓުންވެސް ސްކްރީން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވައިރަސް އޭނާގެ ގައިގަައި ހުރިކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އުމުރުން 20 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގޮސްފައިވަނީ އަމިއްލަ އަަށް ކަމަަަށެވެ. އޭނާ އެކަހެރި ކޮށްފައިވަނީ ޓްރެވަލް ހިސްޓްރީއަށް ބެލުމަށް ފަހުގައެވެ. އޭނާ ވަނީ ޗައިނާގައި އެންމެ ވަރުގަދައަށް ވަައިރަސް ފެތުރެމުންދާ ސިޓީއެއްގެ މީޓް މާކެޓްތަކަަށް ޒިޔާރަތް ކޮށްފައެވެ.

އެ ޒުވާނާ މިހާރު ހުރީ ފުނަދޫގައި ހުންނަ އައިސޮލޭޝަން ސެންޓަރުގައެވެ.

ޗައިނާގައި ފެތުރެންފެށި ނުރައްކާތެރި ވަައިރަހެއް ކަމުގައިވާ ކޮރޯނާ ވައިރަސް ދުނިޔޭގެ އެތައް ގައުމަކުން ފެނި އެތައް ބަޔަކަށް ބަލި ޖެހެމުން ދިއުމާއި ގުޅިގެން ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ވަނީ ސިއްްހީ ކުއްލި ހާލަތު ރޭ އިއުލާނު ކޮށްފައެވެ.

ނޫސްވެރިންނާ ބައްދަލް ކުރައްވާ ވާހަކަދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ކޮރޯނާ ވައިރަސް ޗައިނާ ހިމެނޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 19 ގައުމަކުން ފެނިފައިވާ ކަމަށެވެ. އަދި ޗައިނާ ފިޔަވައި އެހެން ގައުމުތަކުން 98 ކޭސް މިހާތަނަށް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ.

އަދި މިހާތަނަށް މި ވަައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަަށް އަރަމުންދާކަން ކަަށަވަރުވެފައިވާއިރު އެފަދަ ކޭސްތައް އެތައް ގަައުމަކުން ފެނިފައިވާ ކަމަށެވެ.

"އަދި އެއް އިންސާނެއްގެ ގައިން އަނެެއް އިންސާނެއްގެ ގަޔަށް މި ވައިރަސް އަރާފައިވާ ކަން ހަތަރު ގައުމަކުން ވަނީ ކަަަށަވަރު ކުރެވިފައި، އެެއީ ޖަރުމަން، ޖަޕާން، ވިއެޓްނާމް އަދި އެމެެރިކާ." ޓެޑްރޯސް ވިދާޅުވިއެވެ.