ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން ބަލާ ފްލައިޓްތަކެއް

ޗައިނާއިން މިއަދު ރާއްޖެ އަންނަ ފްލައިޓްތަކަކީ ރާއްޖޭގައި ތިބި އެ ގައުމުގެ ފަތުރުވެރިން ބަލާ އަންނަ ހުސް ފްލައިޓްތަކެއް ކަމަށް ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖޭން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލާފައިވަނިކޮށް މިއަދުވެސް ޗައިނާގެ ފްލައިޓްތައް ވީއައިއޭއަށް ލޭންޑް ކުރަމުންދާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ޗައިނާގެ އެތައް ހާސް ފަތުރުވެރިންނެއް އެބަތިބި ކަމަށެވެ. އަދި މިއަދު ޗައިނާ އަންނަ ފްލައިޓްތަކަކީ އެ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް އަންނަ ފްލައިޓްތަކެެއް ކަމަށެވެ. ސަފީރު ވިދާޅުވީ ރާއްޖެ އަންނަ ހުރިހާ ފްލައިޓްތައްވެސް އަންނާނީ ހުސްކޮށް ކަމަށެވެ.

"ޗައިނާގެ އެތައްހާސް ފަތުރުވެރިންނެއް ރާއްޖޭގެ ތަފާތު ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ދަނީ ޗުއްޓީ ހޭދަކުރަމުން. ފްލައިޓްތައް އަންނަނީ ހުސްކޮށް، އެނބުރި ދާނީ ޗައިނާގެ ފަތުރުވެރިން ގޮވައިގެން." ސަފީރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިންވެސް ވަނީ ފެތުރެމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދީ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ މިއަދު ޗައިނާއިން ތިން ފްލައިޓެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެއިން އެއްވެސް ފްލައިޓެއްގައި ފަސިންޖަރުން ރާއްޖެ ނާންނެ ކަމަށެވެ.

ފޮރިން މިނިސްޓްރީ އާއި ހެލުތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖޭން ޗައިނާ އިން ކުރާ ސީދާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސީދާ ދަތުރުތައް މެދުކަނޑާލަން ނިންމީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"މިފިޔަވަޅަކީ ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖެއަށް ޒިޔާރާތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ތިބި ޗައިނާ ފަތުރުވެރިންގެ ހާލަތުވެސް ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.