ވިޔަފާރި

އެނގޭ ގޮތަށް ކިޔާބަލަ! އިންފްލޭޝަނަކީ ކޮބާ؟

"މި ދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން 0.01 ޕަސެންޓުގައި" މި ބުނި އެއްޗެއް އެނގޭ ހެއްޔެވެ؟ މިއީ އާއްމު ގޮތެއްގައި އިންފްލޭޝަން ހަބަރުތައް ފެންނަ ގޮތެވެ. ނަމަވެސް ހަގީގަތުގައި އިންފްލޭޝަންއަކީ ކޮން އެއްޗެއްކަން އެނގެނީ މަދު މީހަކަށެވެ.

"ހަމަ ގައިމު ވެސް އިފްލޭޝަންއަކީ ކޮން އެއްޗެއް އަހަރެންނަކަށް ނޭނގެ؟،" މަޖީދީމަގު ފިހާރައެއްގެ ސޭޓަކު އިންފްލޭޝަންއަކީ ކޮން އެއްޗެއް ހޭ އެހުމުން ދިނީ މި ޖަވާބެވެ.

އެހެން މީހަކު ކައިރީގައި "އިންފަލޭޝަން" އަކީ ކޮބައި ހޭ އަހާއިރަށް ޖެހުނީ ސުވާލު މާކެވެ.އެކަމަކު ކުޑަކޮށް މަޑުކޮށްލާފަ އޭނާ ދިން ޖަވާބު ރަނގަޅުވުމާ ވަރަށް ކައިރިކުރި އެވެ.

"އަހަރެން އަޑުއަހަނީ އިންފްލޭޝަން މަތިވާ ވާހަކަ. އެހެންވެ ބޮޑަށް ބެލެވެނީ އެއީ އަގަށް އަންނަ ބަދަލު ކަމަށް. ނޫނީ މުދަލުގެ އަގު އުފުލުން ކަމަށް،" ޒުވާނެއް ކަމަށްވާ އަހުމަދު އަބްދުﷲ ބުންޏެވެ.

ރާއްޖޭގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް( ސީޕީއައި) ނުވަތަ އިންފްލޭޝަންހިސާބުތައް ނަގަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިންނެވެ.

 އިންފްލޭޝަންއަކީ ވަކި މުއްދަތެއްގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގު އުފުލުމެވެ. ނުވަތަ ވަކި ކަހަލަ މުދަލެއްގެ އަގު އެ މުއްދަތުގެ ތެރޭގައި މައްޗަށް ދިއުމެވެ. އިންފްލޭޝަން ހިސާބު ކުރުމަށް ބޭނުންކުރަނީ ޖުމްލަ މުދާ ނުވަތަ ހިދުމަތުގެ އަގަށް އަންނަ ބަދަލު ޕަސެންޓޭޖުންނެވެ. "އިންފްލޭޝަން" އަކީ އަގު އުފުލުން ކަމަށް އާއްމު ގޮތެއްގައި ބެލިނަވެސް "އިންފްލޭޝަނޭ" ބުނެވޭނެ އެހެން ގޮތްތައް ހުރެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.15 ޕަސެންޓް މައްޗަށް ދިޔަ ނަމަވެސް ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.28 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމެވެ. މި އަހަރުގެ ޖެނުއަރީ މަހު އެންމެ ބޮޑަށް އަގު ދަށަށް ދިޔަ އެއް ބާވަތަކީ ތެލެވެ. ތެލުގެ އަގުތައް ޖެނުއަރީ މަހު 4.75 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަސް ފެށިގެން ދިޔައީ، އިންފްލޭޝަން މައްޗަށް ދިއުމުންނެވެ. ފެބްރުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.12 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ފެބްރުއަރީ މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ދިޔަ ދާއިރާތަކުގެ ތެރޭގައި ގޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދޭ މުސާރަތައް ހިމެނެ އެވެ. ބިދޭސީންގެ މުސާރަތައް 11.94 ޕަސެންޓް މައްޗަށް ދިޔަ އެވެ.

ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް މަތިވިނަމަވެސް، މާޗް މަހުވަނީ ދަށަށް ގޮސްފަ އެވެ. މާޗް މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.7 ޕަސެންޓުގަ އެވެ. މާޗް މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި މަހާއި ގޭގެ ކުލި ހިމެނެ އެވެ.

އެޕްރީލް މަހަކީ މި އަހަރު އެންމެ ބޮޑަށް އަގުތައް އުފުލުނު އެއް މަހެވެ. އޭޕްރީލް މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.67 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އޭޕްރީލް މަހު އެންމެ ބޮޑަށް އަގުތައް މަތިވެފައިވަނީ ދުންފަތެވެ. ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމާ ގުޅިގެން އަގުތައް މަތިވެފައިވަނީ 21.5 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މި އަހަރު މެއި މަހު ވެސް ރާއްޖޭގެ އިންފްލޭޝަން ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް މަތިވި ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ. މެއި މަހު ރާއްޖޭގެ އިންފޭޝަން 0.04 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މެއި މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް ހިމެނެ އެވެ. މި ބާވަތްތަކުގެ އަގުތައް ވަނީ 19.17 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.

މި އަހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.83 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ޖޫން މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ފަރުނީޗަރުގެ ބާވަތްތައް ހިމެނެ އެވެ. ފަރުނީޗަރުގެ އަގުތައް ވަނީ 15.68 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މިދިޔަ މަހު ރޭޓްވަނީ 0.12 ޕަސެންޓް ދަށަށް ގޮސްފަ އެވެ.ނަމަވެސް އޭގެ ކުރީމަހު ރާއްޖޭގެ އިފްލޭޝަން ރޭޓް ހުރީ 0.83 ޕަސެންޓުގަ އެވެ.