ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި މީޑިއާ

ކޮރޯނާ ވައިރަސްއާ ގުޅޭ ދޮގު ހަބަރު ނުފަތުރަން އިލްތިމާސްކޮށްފި

Jan 31, 2020

ޗައިނާގެ ވޫހާން އިން އުފަންވެ، މުޅި ދުނިޔެ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައިވާ ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ދޮގު ހަބަރު ނުފަތުރަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް އިލްތިމާސް ކުރާ ކަމަށާއި އެކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި ސާފު ސީދާ ތެދު މައުލޫމާތު ގެނެސްދިނުމަށާއި ކަމާގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާ ހަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށް ވެސް އެދޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ހުރިހާ ބްރޯޑްކާސްޓަރުންނަށް ގެނެސްދޭ ހަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އެމްއެމްސީން ވެސް ބުނީ ގައުމީ މަސްލަހަތާއި އިގްތިސާދަށް އިސްކަން ދީގެން ބިރުވެރިކަން ނޫފެއްދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހަބަރު ގެނެސްދިނުމުގައި ޑަބްލިއުއެޗްއޯގެ ހިސާބުތަކަށް ރިއާޔަތް ކުރަން އިސްކަން ދިނުމަށާއި ތެދު މައުލޫމާތުކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށް އެމްއެމްސީން ބުންޏެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާއިރު މިހާރު ރާއްޖެއިން ވެސް އެ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ވަނީ ފެނިފަ އެވެ. އެ މީހާ ކަރަންޓީން ކުރުމުގެ އިތުރުން ޗައިނާގެ ސީދާ ފްލައިޓުތައް ވަނީ މެދު ކަނޑާލައިފަ އެވެ.