ލައިފްސްޓައިލް

"ތައްޕަޅު": ގެވެށިއަނިޔާއާ ގުޅޭ ވަރުގަދަ ފިލްމެއް

ތާޕްސީ ޕަންނޫގެ "ތައްޕަޅު"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލުމާ އެކު ވެސް ގިނަ ބަޔަކު މި ފިލްމަށް ވަރަށް ޝައުގުވެރިވި އެވެ. މި ފިލްމުގެ ޓްރެއިލާ ވަނީ މިދިޔަ ހުކުރު ދުވަހު ދައްކަން ފަށާފަ އެވެ. އެއާއެކު މިއީ ގެވެށި އަނިޔާއާ ގުޅޭ ވަރަށް ބާރުގަދަ މެސެޖްތަކެއް ލިބޭ ފިލްމެއްކަން ވަނީ ޔަގީންވެފަ އެވެ.

ތާޕްސީ މި ފިލްމުގައި ކުޅެނީ އަމްރިތާ ކިޔާ ގެވެހި އަންބެއްގެ ރޯލެވެ. ޓްރެއިލާ ބަލާލުމުން ވެސް ގެވެށި އަނިޔާގެ މައްސަލަތަކާ މެދު ފުންކޮށް ވިސްނާލުމަށް މަޖްބޫރުވާނެ އެވެ. އެހާވެސް ޓްރެއިލާއިން ލިބޭ މެސެޖް ވެސް ވަރުގަދަ އެވެ.

ޓްރެއިލާ ފެށޭއިރު ގާނޫނީ ވަކީލު އަމްރިތާ އާ ސުވާލު ކުރަނީ "ފިރިމީހާ އެންމެ ފަހަރަކު ޖެހީމަ އޭނަ ދޫކޮށްލަން ކަލޭ ނިންމީ ކީއްވެ ހެއްޔެވެ؟" އެވެ. "އެންމެ އެތިފަހަރެއް ޖެހީ ކީއްވެ ހެއްޔެވެ؟" ޖަވާބުގައި އަމްރިތާ ވަރަށް ކެރިގެން ބުނަނީ "އެންމެ އެތިފަހަރެއްވެސް" އޭނާއަށް ޖެހިގެން ނުވާނެ ކަމަށެވެ.

ޓްރެއިލާގައި ދެން ފެންނަނީ ތާޕްސީ އާއި އޭނާގެ ފިރިމީހާ ކައިވެނި ކޮށްގެން އުފަލުގައި ދިރިއުޅޭ ތަނެވެ. ތާޕްސީ އޭނާގެ ހަޔާތުގެ ހުރިހާ ވަގުތެއް ފިރިމީހާ އާއި އާއިލާއަށް ހުސްކޮށްގެން ދިރިއުޅެމުން ދާތަނެވެ. ދެން ފެންނަނީ ކޮންމެވެސް ކަމަކާ ފިރިމީހާ ރުޅިގަދަވެގެން ތާޕްސީގެ މޫނުގައި އެތިފަހަރެއް ޖަހާ މަންޒަރެވެ.

ޓްރެއިލާގެ ބާކީ ބައިގައި ފެންނަނީ ގެވެށި އަނިޔާއާ ދެކޮޅަށް ތާޕްސީގެ ކެރެކްޓާ އަޑު އުފުލައި ކުރާ ހިތްވަރުގަދަ މަސައްކަތްތަކެވެ.
މި ފިލްމުން ދައްކާދީފައިވަނީ އަންހެނުންނަށް ގެވެށިއަނިޔާ ލިބުމަށް މެދުވެރިވާ ސަބަބުތަކާއި ގެވެށި އަނިޔާގެ ޝިކާރަޔަށްވާ އަންހެނުން އެކަން ތަހައްމަލު ކުރާ ގޮތާއި ކައިވެނީގެ ގުޅުމެއްގައި އަންހެން މީހާ އާއި ފިރިމީހާގެ އޮންނަން ޖެހޭ މަގާމެވެ.
އަނުބަވް ސިންހާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފިލްމު އުފެއްދުމުގެ ރޮނގުން ބަލާއިރު ވަރަށް ފެންވަރު ރަނގަޅު މޮޅު ފިލްމުތައް ކަމަށްވާ "އާޓީކަލް 15" އާއި "މުލްކް" ފަދަ ފިލްމުތައް އުފެއްދި ޕްރޮޑީއުސަރުންގެ ފިލްމެކެވެ.

މި މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ތާޕްސީގެ އިތުރުން ރަތުނާ ޕާތަކް ޝާހް، މާނަވް ކޯލް، ދިއާ މިރްޒާ، ތަންވީ އަޒްމީ އަދި ރާމް ކަޕޫރު މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.