ކޮމަންވެލްތު ޖަމިއްޔާ

ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން އަލުން ދީފި

ރާއްޖެ އަނެއްކާވެސް ކޮމަންވެލްތްގެ މެންބަރު ގައުމަކަށް ވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ފޯނުން ގުޅުއްވާ ކޮމަންވެލްތްގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައި އެ ޖަމާއަތާ ރާއްޖެ ރަސްމީކޮށް ގުޅިފައިވާކަން ހާމަކުރައްވާފައި ކަމަށެވެ.

ރައީސް ސޯލިހް ވަނީ އެ ޖަމާއަތުގައި ރާއްޖެ އަލުން ބައިވެރިކޮށްދެއްވުމަށް ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮމަންވެލްތްގެ މެންބަރު ހުރިހާ ގައުމެއްގެ ތާއީދު އެކަމަށް ލިބިގެންދިޔަ ކަން ފާހަގަކުރައްވާ އެ ގައުމުތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ ކޮމަންވެލްތުގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައިކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާއި އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ސިޔާސީ މިނިވަންކަމާއި، ޑިކޮމްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެއިން ގަދައަޅާ މަސައްކަތް ކުރާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކޮމަންވެލްތުގެ މައިގަނޑު އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖެއިން ބައިނަލްއަގްވާމީ ކަންކަމުގައި ކޮމަންވެލްތުގެ މެންބަރު އެހެން ގައުމުތަކާއި އެކު މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ބުނީ ކޮމަންވެލްތްގެ މެންބަރުކަން އަލުން ލިބުމާއި ގުޅިގެން މިއަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ ޑިސެންބަރު 7، 2018 ގައެވެ. އެއީ ވެރިކަމުގެ ހުވާ ކުރެއްވިތާ 20 ދުވަސް ފަހުންނެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، އެކަމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ، 9 ޖުލައި 1982ގަ އެވެ.