ކުޅިވަރު

ފެނާންޑޭސްގެ ތަފާތު މިހާރުވެސް ފެނިއްޖެ: ސޮލްޝަޔާ

ބުރުނޯ ފެނާންޒޭސް އަކީ މެންޗެސްޓާ ޔުނައިޓަޑަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް، ޔުނައިޓަޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

ސްޕޯޓިން ލިޒްބަންއަށް 67 މިލިއަން ޕައުންޑް ދިނުމަށް ފަހު، މިދިޔަ ހަފުތާގައި ޔުނައިޓަޑުން ސޮއި ކުރުވި ޕޯޗަލްގެ މިޑްފީލްޑާ ވަނީ، ޕްރިމިއާ ލީގްގައި ވޯލްވްސްއާ ދެކޮޅަށް ޔުނައިޓަޑް ކުޅުނު މެޗުގައި ފުލުކޮށް ކުޅެފަ އެވެ. އެހެންނަމަވެސް ވޯލްވްސްއާ ދެކޮޅަށް ނަތީޖާ ނެރުމުގައި އޭނާއަށްވެސް ދައުރެއް އަދާ ނުކުރެވުނެވެ. މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

މެޗުގައި އޭނާ ވަނީ ޔުނައިޓަޑްގެ އެހެން ކުޅުންތެރިޔަކަށް ވުރެ ގިނައިން ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. ފަސް ބޯޅަ ފޮނުވާލިއިރު ތިން ބޯޅަ އަމާޒުވީ ސީދާ ގޯލަށެވެ. އަދި ޔުނައިޓަޑްގެ އެހެން ކުޅުންތެރިޔަކަށް ވުރެ ގިނައިން ޕާސް އުފައްދާފައި ވެއެވެ. ފެނާންޑޭސްގެ ފަރާތުން ފެނުނު ކުޅުމާމެދު ސޮލްޝަޔާ ހުރީ ހިތްހަމަޖެހިފަ އެވެ. އަަދި ފެނާންޑޭސްއަށް ޓީމާއެކު އިތުރު ވަގުތު ހޭދަ ކުރާވަރަކަށް އެހެން ކުޅުންތެރިންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް ސޮލްޝަޔާ އުންމީދު ކުރެ އެވެ.

"މީ އޭނާފެ ފުރަތަމަ މެޗު މިހާރުވެސް ފެންނާނެ ފެނާންޑޭސްއަކީ ޓޮޕް ޕްލޭޔަރެއް،" މެޗަށް ފަހު ސްކައި ސްޕޯޓްސް އާ ވާހަކަ ދައްކަމުން ސޮލްޝަޔާ ބުންޏެވެ. "ބުރުނޯއަކީ ޓޮޕް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް، އޭނާއަށް ބޯޅަ ލިބުނީމަ އޭނާ ބޭނުންވެ ކުޅުންތެރިން އޭނާގެ ކުރިމަތިން ހަރަކާތްތެރިވާން، އެކަމަކު އެކަމެއް ނުފެނުނު، އެހެންވެ ގިނަ ބޯޅަތަކެއް ހޯދުމަށް އޭނާ ތަންކޮޅެއް ފަހަތަށް ޖެއްސީ، މި ޓީމަށް އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާަނެ."