އަކެޝޭ ކްމާރު

"ސޫރިޔަވަންޝީ"ގައި އަކްޝޭ އާއެކު ޖެކީ

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ" ގައި އަކްޝޭ ކުމާރު ކުޅޭ ބައި ނިންމާލައިފިކަން އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. އަކްޝޭ މިކަން އިއުލާން ކުރިއިރު ވެސް އޭނާ އާއެކު މި ފިލްމުގައި ޖެކީ ޝްރޮފް މަސައްކަތް ކުރާ ކަމެއް ނޭނގެ އެވެ. އެކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ.

"ރާމް ލަކަން" އެކްޓަރު ޖެކީ މީގެ ކުރިން ވަނީ ރޯހިތު ޝެޓީގެ ބައްޕަ އާއެކު ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އެހެންވެ މިފަހަރު ރޯހިތު އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ޖެކީ ބުނި ގޮތުގައި އޭނާ ވަރަށް ފަޚުރުވެރިވާ ކަމެކެވެ.

ރޯހިތުގެ ބައްޕަ އަކީ ކުރީ ޒަމާނުގެ ގިނަ ފިލްމުތަކެއްގައި ނުބައިބައި ކުޅުމަށް މަޝްހޫރު ޝެޓީ އެވެ.

"ސޫރިޔަވަންޝީ" އަކީ ކޮޕް ޑްރާމާ އެކެވެ. މި ފިލްމުގައި އޭނާ އަދާ ކުރާ ރޯލާ ބެހޭ ގޮތުން ޖެކީ ބުނީ އެއީ ވަރަށް ޝައުގުވެރިވާ ޒާތުގެ ކެރެކްޓާއެއް ކަމަށާއި ނަމަވެސް އެއީ ކޮން ކަހަލަ ރޯލެއް ކަމެއް ހާމަކޮށްދެވެން ނެތް ކަމަށެވެ.

ފިލްމު ޔުނިޓުގައި މަސައްކަތްކުރާ މީހުންނަށް ވެސް ޖެކީ އެ ފިލްމުގައި ބައިވެރިވާކަމެއް ކުރިއަކުން ނޭނގެ އެވެ. އެހެންވެ އެ މީހުންނަށް ވެސް ޖެކީ ފިލްމުގައި އުޅޭކަން އެނގުނީމަ ވަރަށް ހައިރާންވި އެވެ.

"ސޫރިޔަވަންޝީ"ގެ ޝޫޓިން ނިމިފައިވީ ނަމަވެސް ޖެކީގެ ބައި އިންޑިއާގެ އޫޓީގައި ދާދިފަހުން ޝޫޓްކޮށްފައިވަނީ މުޅިން ވަކިންނެވެ. މި ޝޫޓިންގައި އަކްޝޭ ވެސް އަދި ފިލްމުގެ ބަތަލާ ކެޓުރީނާ ކައިފް ވެސް ބައިވެރިއެއް ނުވެ އެވެ. ޖެކީ ޝޫޓްކުރީ ފިލްމުގައި ނުބައިބައި އެންމެ އިސް ރޯލެއް ކުޅޭ އަބިމަންޔޫ ސިންގް އާ އެކުގަ އެވެ. ޖެކީގެ މަންޒަރުތަކަކީ ނުބައިބައި ކުޅޭ މީހާގެ ކެރެކްޓާގެ ވާހަކަ ކިޔައިދޭން ހިމެނި ބައެކެވެ.

"ސޫރިޔަވަންޝީ" އަކީ ރޯހިތުގެ ކޮޕް ޑްރާމާ ތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މީގެ ކުރިން އޭނާ ވަނީ އަޖޭ ދޭވްގަން އާއެކު "ސިންހަމް" އަދި ރަންވީރު ސިންގް އާއެކު "ސިމްބާ" އުފައްދާފަ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.