ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ފަރުކޮޅުފުށި ތައްޔާރު ކުރަނީ ކްލިނިކަލް ފަރުވާއަށް

ޗައިނާ އިން އުފަންވެ، ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭ ފަރުކޮޅުފުށީގައި ގާއިމް ކުރަމުން ދަނީ ކްލިނިކަލް ފަރުވާ ދޭނެ ސެންޓަރެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން 20 އަހަރުގެ ޒުވާނަކު މިހާރު ވަނީ ކަރަންޓީން ކޮށްފަ އެވެ. އަދި ޗައިނާއިން އައި އިތުރު ދެ ދިވެއްސަކުވެސް މިހާރު ވަނީ ކަރަންޓީން ކޮށްފަ އެވެ. އެ ތިން މީހުން ކަރަންޓީން ކޮށްފައިވަނީ ފުނަދޫގަ އެވެ.

ފުނަދޫގެ އިތުރުން ސަރުކާރުން މިހާރު ވަނީ ފަރުކޮޅުފުށީގައި ވެސް ހާއްސަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ ފަރުކޮޅުފުށީގައި މިހާރުވެސް އައިސޮލޭޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އެ ސެންޓަރު ހާއްސަ ކޮށްފައި ވަނީ ކްލިނިކަލް ފަރުވާއަށް ކަމަށާ އެއީ ޖާގަ އިތުރު ކުރަމުން ދަނީ ދިމާވެދާނެ ހާލަތަކުން ރައްކާތެރިވުމަށްޓަކައި ކަމަށެވެ. ނަމަވެސް މިވަގުތާއި ހަމައަށް ކްލިނިކަލް ފަރުވާ ދޭންޖެހޭ ހާލަތަށް އެއްވެސް މީހަކު ގޮސްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފަރުކޮޅުފުށީގައި މިހާރު އެ ހުރީ އައިސޮލޭޝަންގައި މީހުން ގެންގުޅޭ ހިސާބަށް ގޮސް. އަޅުގަނޑުމެންގެ މިހާރުގެ ސްކްރީންގެ ތެރެއިން ކްލިނިކަލް ފަރުވާދޭން ޖެހޭ ހާލަތަކަށް އަދި މީހަކު ނުދޭ. އެ ހާލަތަށް ތައްޔާރުވުމަށްޓަކައި ފަރުކޮޅު ފުށީގައި ޖާގަ މި އުފައްދަނީ. އަޅުގަނޑު އަތުގައި މިހާރު ހުރި މައުލޫމާތުތަކަށް ބަލާއިރު ފަރުކޮޅު ފުށީގައި ކްލިނިކަލް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އިންތިޒާމް ދެވޭނެ." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ފަރުކޮޅު ފުށީގައި ކްލިނިކަލް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އިންތިޒާމް މިހާރު ހަމަޖެހިފައިވީނަމަވެސް އަދިވެސް އިތުރު މެޝިނަރީޒްއާއި ބައެއް ސާމާނުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ އާދައިގެ ހާލަތެއް ނޫން ކަމަށާ ކުރިއަށް ވަރަށް ބޮޑަށް ވިސްނައިގެން މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހާލަތު ބަދަލުވާ ގޮތަކުން ފަރުކޮޅުފުށި ނޫން އިތުރު ގޮތްތައް އިންތިޒާމް ކުރަން ޖެހިދާނެ ކަމަށް ބަލައިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވެ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ހާލަތެއް ރާއްޖޭގައި މެދުވެރި ވެއްޖެ ނަމަ އެކަމަށް ހާއްސަ ކޮށް ފަރުވާދޭން ދަރުމަންތަ ހޮސްޕިޓަލްގައި އައިސީޔޫއެއްވެސް ވަނީ ގާއިމްކޮށްފައެވެ.

އެގޮތުން މި ބަލީގެ ސަބަބުން ހާލަތު ސީރިއަސްވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްގެން ހަތަރު އެނދުގެ އައިސީޔޫ ފެސިލިޓީއެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. މި އައިސީޔޫ ގާއިމްކޮށްފައި ވަނީ ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގަ އެވެ.

އަދި ބައްޔަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށްޓަކައި ތިން އެމްބިއުލެންސް ހާއްސަ ކޮށްފައި ވެއެވެ. މީގެ ތެރެއިން އެއް އެމްބިއުލެންސް އައިޖީއެމްއެޗްުގައި އަދި އަނެއް އެމްބިއުލެންސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮންނާނެ އެވެ. ތިންވަނަ އެމްބިއުލެންސެއް އޮންނާނީ ހުޅުމާލޭގަ އެވެ.