އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހޮޓާ ވިއްކާލަން މަޝްވަރާތައް ފަށައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ހޮޓާ ގަންނަން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް އެކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.
އެ ކުންފުނިން ބުނީ ހޮޓާ ވިއްކާލަން އެއްބަސްވެވޭ އަގަށް ބިނާކޮށް، އެ ކުންފުނީގެ ރައުސުލްމާލުގެ ގޮތުގައި ހަތަރު ވަނަ ކްއާޓަރުގައި ބުނެފައިވާ އަދަދަށް ބަދަލު އައިސް، ފައިދާ އަށް ވެސް ކޮންމެ ވެސް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ހޮޓާ ވިއްކާލުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރަށް ދައްކާ ޓެކުހުގެ ބައެއް ދައުލަތަށް ދައްކާ ޑިވިޑެންޑުން އުނި ކުރުމާ މެދު ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެސްޓީއޯގެ ހޮޓާ ގަންނަން ފަސް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ހޮޓަލަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާ އަދި ޗައިނާގެ އިތުރުން އިންޑިއާގެ ކުންފުނިތަކުންނެވެ. ނަމަވެސް މަޝްވަރާ ކުރާ ކުންފުނިތަކުގެ ނަމެއް އެ ކުންފުނިން ނުބުނެ އެވެ.
ހުޅުމާލޭގައި ހޮޓާ އަޅަން، އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގައި އާމްދަނީގެ ގޮތުގައި 2.35 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 82 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.