(30 ޖެނުއަރީ 2020 އާ ގުޅޭ)
ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ވެސް ލިއަމް ދަންނަންތޯ ރިޒްވާނަށް އަހާލެވުނެވެ. ލިއަމްއާ ގުޅުމެއް އޮތް އެކަކުގެ ހިޔަނި ވެސް ހޭޒަލްއަށް އެޅޭކަށް ރިޒްވާނު ނޭދެއެވެ. ލިއަމްގެ ރޭވުމަކުން ހޭޒަލްގެ ދިރިއުޅުމަށް ވަންނަން ދާރިއަން މަސައްކަތްކުރަނީތޯ ޔަގީންކުރަން ރިޒްވާނު ބޭނުންވީއެވެ.
"އަޅުގަނޑު ގާތު ހޭޒަލްގެ ދިރިއުޅުމުގެ އެއްވެސް ވާހަކައެއްނުދައްކާނެ، ހަމައެފަދައިން އަޅުގަނޑުގެ ދިރިއުޅުން އެނގޭކަށް ވެސް ހޭޒަލް މަސައްކަތެއްނުކުރޭ... އެއްވެސް ސުވާލެއްނުކުރޭ... ހޭޒަލްއާއި ލިއަމްއާ ދެމެދު ކަމެއް ހިނގިކަމެއް ވެސް ނޭނގޭ، ހޭޒަލްގެ ބައްޕަ ހިތަށް އަރާފާނެ އަޅުގަނޑަކީ ކޮންކަހަލަ ރަޙުމަތްތެރިއެއްބާއޭ، އެކަކުއަނެކަކުގެ ދިރިއުޅުމުގައި ހިނގާ ކަންކަން ނޭނގޭއިރު ދެމެދުގައި އޮންނާނީ ކޮން އެކުވެރިކަމެއްބާއޭ... އެހެންވިޔަސް... މީ ތަފާތު ގާތްކަމެއް، ހޭޒަލްއަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ ގާތް ރަޙުމަތްތެރިއެއް، އަބަދުވެސް އޭނާއަށް އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ" ދާރިއަންގެ ވާހަކަ އަޑުއަހަން ހުރި ރިޒްވާނުގެ ނަޒަރު އޭނާއަށް ހުއްޓިފައި ވިއެވެ. ދާރިއަންއަކީ ކޮންކަހަލަ މީހެއްކަން ދެނެގަންނަން ރިޒްވާނު މަސައްކަތްކުރާ ކަހަލައެވެ.
"އިތުބާރު ހިފޭ ތެދުވެރި އެކުވެރިއެއް އޭނާއަށް ބޭނުންވޭ" ވަގުތުކޮޅަކަށް ހިމޭނުން ހުރެފައި ރިޒްވާނު ބުނެލިއެވެ.
"ޝުކުރިއްޔާ... ހޭޒަލްގެ ޢާއިލާއަކީ ކޮބާކަން އެނގުނީ އަދިކިރިޔާ، އުފާވެއްޖެ ބައްދަލުވީމަ" ރިޒްވާނު އިތުރު ވާހަކައެއްދައްކަން ބޭނުންނުވާހެން ހީވުމުން ދާރިއަން ސަލާމަށް އަތްދިއްކޮށްލިއެވެ. ޔަގީންވެ ބުނަން ނޭނގޭ ފަދަ އިޙްސާސެއް ރިޒްވާނަށް ކުރުވިއެވެ. އެ އިޙްސާސްގައި ދެކޮޅުވެރިކަމާއި ނުރައްކާތެރިކަމެއް ނެތެވެ. އެއަށްވުރެ ކުރެވުނީ ހިތްހަމަޖެހުން އެކުލެވިފައިވީ ފަދަ އިޙްސާސެކެވެ. ދާރިއަންގެ އަތުގައި ހިފާލައި ސަލާމްކޮށްލަމުން ލުއި ހިނިތުންވުމަކާއެކު ރިޒްވާނު ބޯޖަހާލިއެވެ. މިފަހަރު އޭނާ ޝުކުރު އަދާކުރިއެވެ. ހޭޒަލްގެ ހުނަރެއް ހުއްޓެއްކަމަކު އެ ހުނަރު ނެރެދީ އޭނާއަށް އެހީތެރިވެދިން މީހަކީ ދާރިއަންކަން ރިޒްވާނު ފާހަގަކުރިއެވެ. އަދި އެހެން ފަހަރަކުން ދާރިއަންއާ ބައްދަލުވާނޭކަމަށް ރިޒްވާނު އުންމީދުކުރާކަން ހާމަކުރިއެވެ. އެއާއެކު އެ ދެމެދުގައި އެކަކުއަނެކަކަށް ބަދަލުކޮށްލެވުނީ ހިތްހަމަޖެހިފައި ތިބިކަމުގެ ހިނިތުންވުމެކެވެ.
* * * * *
އައު ދުވަހެކެވެ. ފަތިހުގެ އުދަރެސް އަލިކުރަން ފަށައިފިއެވެ. ގިނައިރެއްނުވެ ދުނިޔެމަތި އަލިވެދާނެކަމުގެ އަސަރުވިއެވެ. ކާރުގެ ދޮރުފަތް ހުޅުވާލައި ރިޒްވާނާއި ސާއިރާއެކު ހޭޒަލް ފޭބިއެވެ. އެމީހުން އައިސް ވަނީ ރަސްފަންނަށެވެ. އެހާ ހެނދުނާ ވެސް އެތަނުގައި މީހުން އުޅޭތަން ފެނުނެވެ. މުޅިން ވެސް އުމުރުން ދޮށީ މީހުންނެވެ. އެތަނުގައި ހުސްކޮށް ހުރި އުނދޯޏެއްގައި އެ ތިންމީހުން އައިސް އިށީނެވެ. އެމީހުން އެތަނަށް އައީ މުހުސިނާއާ ބައްދަލުކުރާށެވެ. ސާއިރާއަށް އެ ޚިޔާލު ބަލައިގަންނަން އުނދަގޫވިއެވެ. ހޭޒަލްގެ ވައަތްފަރާތުގައި އޭނާ އިންއިރު އޭނާގެ ކަނާއަތް ނަގައި ސާއިރާގެ އަތުގެ ތެރެއަށްލާ ހިފަހައްޓާލިއެވެ. މަންމަ އެ އިނީ ހާސްވެފައިކަން ހޭޒަލް ދެނެގަތެވެ.
"މަންމާ!... ރަނގަޅުވާނެ!، ލިއަމްގެ މަންމައަކީ ގޯސްމީހެއްނޫނޭ، އެ މަންމަ އެދުނީމަ ނުވާނެއެއްނު ނޫނެކޭ ބުނާކަށް، އަޅުގަނޑު މިހާރު އޯކޭ، ދެރަވިޔަސް އެކަމާ ކުރިމަތިލެވޭނެ... ދެން އެހެނެއްނުވާނެ އިނގޭ... އައި ވިލް ބީ ސްޓްރޯންގް، ކެތްކުރާނަން، ކިތަންމެ އުނދަގުލުން ވިޔަސް ކެތްކުރާ އަޅުންދެކެ ﷲ ލޯބިވެވޮޑިގެންވޭ، އެހެންވީމަ މަންމަ އެއްގޮތަކަށް ވެސް އަޅުގަނޑާމެދު ކަންބޮޑުނުވައްޗޭ" މިހާ ދުވަހު ހޭޒަލްއަށް ވިސްނާދިނުމުގައި ސާބިތުހުރީ ސާއިރާއެވެ. އެކަމަކު މިވަގުތު އޭނާއަށް ހެޔޮ ގޮތް ބުނެ އެ ދެނީ އޭނާގެ ދަރިފުޅެވެ. ލުއި ހިނިތުންވުމެއް ސާއިރާ ހަދިޔާކުރިއެވެ. ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ބޮސްދީފައި ދަރިފުޅުގެ ޝޯލް ރީތިކޮށްލަ ދީފިއެވެ.
"އެތިބަ އަންނަނީ" ރިޒްވާނު ބުނެލިއެވެ. ސާއިރާއާއި ހޭޒަލް ބަލާލީ އެކުއެކީއެވެ. އަދި ހޭޒަލް އޭނާގެ މައިންބަފައިންނަށް ބަލާލި ހިނދު ރިޒްވާނު ވާހަކަދެއްކިއެވެ.
"ޒެލް ދޭ... މަންމައާއި ބައްޕަ މިތާ ތިބޭނަން" ރިޒްވާނު ބުންޏެވެ. އަދި މަޑުމަޑުން ހެއްލަމުން ދިޔަ އުނދޯލި މަޑުޖައްސާލިއެވެ. ޖަވާބެއްގެ ގޮތުން ބޯޖަހާލުމާއެކު ހޭޒަލް ތެދުވެގެން ހިނގައިގަތެވެ.
"އެހެރަ އަންނަނީ އެމަންޖެ" ޝަމާޢިލް އިޝާރާތްކޮށްލިއެވެ. މުހުސިނާއަށް ހޭޒަލް ފެނުމާއެކު ހިނިތުންވެލިއެވެ. އެ ދެމަފިރިންގެ ގާތުގައި މަޑުކޮށްލުމާއެކު ހޭޒަލް އެމީހުންނާ ސަލާމްކޮށްލަމުން ހިނިތުންވެލިއެވެ. އެއްފަރާތުގައި ހުރި ޖޯލިފައްޗަކަށް އިޝާރާތްކޮށް އެތަނުގައި މަޑުކޮށްލަން ހޭޒަލް ޚިޔާލު ދިނެވެ. ޝަމާޢިލްއާއި މުހުސިނާ އެ ޚިޔާލު ބަލައިގަތެވެ. ހޭޒަލްއާއެކު އައިސް އެމީހުން ޖޯލިފަތީގައި އިށީނެވެ.
ހޭޒަލްގެ ވައަތްފަރާތުން އެއްޖޯލި ދޫކޮށް މުހުސިނާއާއި ޝަމާޢިލް ތިއްބެވެ. ހޭޒަލް ވާހަކަ ފެށުމުގެ ގޮތުން ހާލު އަހާލިއެވެ. އެތަނަށް އައި ގޮތަކާމެދު ސުވާލުކޮށްލިއެވެ. އާދައިގެ ގޮތަކަށް މުހުސިނާ ޖަވާބުދިނެވެ. ޝަމާޢިލްއަށް ފެންނަމުންދިޔަ ހޭޒަލްގެ ބަދަލާމެދު އޭނާ ތާރީފުކުރިއެވެ.
"މަންމަ ކޮންވާހަކައެއް ދައްކާލަން ބޭނުންވީ" ވަގުތު ނަގާނުލައި ހޭޒަލް އަހާލިއެވެ. އެއާއެކު މުހުސިނާގެ މޫނުން ޖެހިލުންވުމުގެ އަސަރު ފާޅުވެލިއެވެ.
"ލިއަމްއާ ބައްދަލުވިތަ؟" ސުކޫތުކޮޅަކަށްފަހު ފިނިނޭވާއެއްލައި މުހުސިނާ ވާހަކަދައްކަން ފެށިއެވެ.
"ބައްދަލެއްނުކުރަން..." ހޭޒަލްގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. މުހުސިނާ ހިސާބަކަށް ކަންބޮޑުވިއެވެ.
"ތި ދެކުދީން ވަކިވީ ހަމަކުއްލިއަކަށް... މަންމައަށް އަހާލެވިދާނެތަ ކީއްވެކަން، ހޭޒަލްއަށް ލިއަމް ކަމުނުދިޔައީތަ؟... އެހެންމީހަކާ ގުޅޭން ބޭނުންވީތަ؟... މަންމައަށް ތަފާތު ވާހަކަތަކެއް އަޑުއިވިފަ އޮތީމަ..." މުހުސިނާ ހީކުރި ވަރަށްވުރެ ހޭޒަލްގެ ގާތުގައި ހުރިހާ ވާހަކައެއް ދެއްކުން ފަސޭހައެއްނުވިއެވެ.
"ލިއަމް ކީކޭ ބުނީ... ވަކިވީ ކީއްވެކަން އޭނާ ބުނިތަ؟" ހޭޒަލް އަހާލިއެވެ. އިރުކޮޅަކު އިނދެފައި މުހުސިނާ ދެފަރާތަށް ބޯހޫރާލިއެވެ.
"ނުކެރޭނެ... އެއަށްވުރެ އޭނާ މާފިނޑި، އެކަމަކު އެ ޢަމަލުތަކުގައި އޭނާ ޝާމިލުވާއިރު އޭނާއަކީ ފިނޑިއެއްނޫން، އޭނާ ދައްކަން ބޭނުންވަނީ އޭނާގެ ކެރޭކަން، ކުޅަދާނަކަން... ކާމިޔާބުކަން..." ހޭޒަލްގެ ހިތުގެ އަޑު ހިންދާލުމަށް އޭނާއަށް އަނގައިގެ އެތެރެއިން ކޮލުގައި ދަތްއަޅާލެވުނެވެ.
އެ މަންމަގެ ކުރިމަތީ އޭނާގެ ދަރިފުޅު ބޭޒާރުކޮށް ވާހަކަދެއްކުމުގެ ގަސްދެއް ހޭޒަލްގެ ނެތެވެ. އޭނާ ޤަބޫލުކުރީ އެއީ އޭނާގެ އަތްމަތީ އޮތްކަމެއްނޫންކަމެވެ. ލިއަމް ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް ދުނިޔެއަށް ލިއަމް ފަޟީޙަތް ކުރަމުން ހޭޒަލް ނުހިނގާނެއެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ލިއަމް ފާޅުކުރި ކަންތަކާއި ސިއްރުކޮށްފައިވާ ކަންތައްތައް ވެސް މެއެވެ. އޭނާގެ ފުށުން ހޭޒަލްއަށް އެނގުނު މިންވަރާއި ނޭނގޭ ކަންތައް ވެސް މެއެވެ. އެނގުނިއްޔާ އެނގުނީ ވެސް ﷲ އެކަމަށް އިރާދަކުރެއްވީމައެވެ. އެހެންނޫންނަމަ މިއަދާ ހަމައަށް ވެސް އޭނާއެކޭ ލޮލަށްފެންނަ ލޯފަން މީހެކޭ ތަފާތެއްނުވީހެވެ. ހުރިހާކަމަކަށް ﷲއަށް ހޭޒަލް ވަކީލުކުރިއެވެ. ﷲގެ މަގުގައި ހޭޒަލްގެ ނަފްސު ސާބިތުކޮށްފިނަމަ އޭނާއަށް ހުރިހާކަމެއްގެ ބަދަލު އެންމެ ހެޔޮ ގޮތުގައި އެކަލާނގެ ދެއްވާނެކަމުގެ ޔަގީންކަމާއެކުއެވެ.
"މަންމާ، މަންމަގެ ދަރިފުޅު ގާތުން އޮޅުންފިލުވުން މާރަނގަޅުވާނެ، އަޅުގަނޑު ލިއަމްއާ ވަކިވީ އެހެންމީހަކު ފެނިގެންނެއްނޫން، ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް، ލިއަމްއާ ކައިވެނިކުރީ ދުވަހަކުވެސް ވަކިވާކަށްނޫން، އެކަމަކު.... މުސްތަޤުބަލުގައި ވާނޭ ގޮތެއް އެނގެނީ ކާކަށް، މިއަދު މިއިން ހާލަތަށް އަތުވެދާނޭ އޭރު ލިއަމްއާ ކައިވެނިކުރިއިރު ހިޔެއްނުކުރަން... މަންމާ! ތި ކުރާ ސުވާލަށް ޖަވާބު ދެވޭކަށްނެތް" ޝަމާޢިލްއާއި މުހުސިނާއަށް ވަކިވަކިން ހޭޒަލް ބަލާލިއެވެ.
"ހޭޒަލް ވަރިއެއް އެދުނުކަން އެނގުމުން މަންމަމެންނަށް ވެސް ޤަބޫލުނުކުރެވުނީ، ލިއަމް އަދިވެސް ދަރިފުޅުދެކެ ލޯބިވޭ، އޭނާ ދަރިފުޅަށް ގުޅޭން ބޭނުންވެޔޭ މަންމަގެ ހިތްބުނޭ... ވީރާ... ވީރާ ވެސް ދަރިފުޅާ ދެކޮޅުވީކަން އެނގޭ، އެކަމަކު ކުރީން ދުވަހު ފިހާރައިން ހޭޒަލްއާ ދިމާވީމަ، މީގެ ކުރީން މަންމައަށް ނޭނގޭ ވާހަކަތަކެއް ވީރާ ކިޔައިދީފި، ވީރާއަށް ދިމާވި ކަންތަކުގައި ހޭޒަލްގެ ކުށެއްނެތްކަން އޭނާ ވެސް މިހާރު ޤަބޫލުކުރޭ" މުހުސިނާގެ ވާހަކަ އަޑުއަހަން އިން ހޭޒަލްއަށް ހައިރާންކަމެއް ލިބުނެއްކަމަކު އެކަން އޭނާ ފާޅެއްނުކުރިއެވެ. ސައިފް ކުރި ކަމަކުން ވީރާ ބަދުނާމުވެ އޭނާގެ ވަޒީފާ ވެސް ގެއްލި ގޭގައިކަން ހުންނަނީ މުހުސިނާ ބުންޏެވެ.
ސައިފްގެ ވާހަކަ މުހުސިނާއަށް ހޭޒަލް ކިޔާދިނެވެ. އިރެއްގައި ހޭޒަލްއާއި ސައިފްއާ ދެމެދު ގުޅެއް އޮތްކަމެވެ. އެއީ ލިއަމްއާ ގުޅުމުގެ ވެސް ކުރިކަމެވެ. ލިއަމްއަށް ވެސް އެކަން އޮންނާނީ އެނގިފައި ކަމެވެ. އޭނާއަކީ ހަރުދަނާކަމެއްނެތް ވިޔާނުދާ އުޅުމެއް އުޅޭ ޒުވާނެއްކަން ހޭޒަލް ބުންޏެވެ. އެކަން ވީރާއަށް ވިސްނައިދޭން ހޭޒަލް މަސައްކަތްކުރީއެވެ. ވީރާއާއި ސައިފްއާ ދެމެދު ގާތް ގުޅުމެއް އޮންނަހެން ހީވެގެންނެވެ. ނަމަވެސް ވީރާއަށް އެކަންކަން ޤަބޫލުކުރަން ދަތިވީކަން ހޭޒަލް ބުންޏެވެ. ކަންތައް އެވީ ވަރަށް ދެރަކޮށް ނަމަވެސް ވީރާއަށް ހިތްވަރު ދިނުމަށް ހޭޒަލް އެދުނެވެ. ދެރަކަންތައްތަކާ ވެސް ދިމާވާނެކަމާއި އެކަމުން އަރައިގަތުމަށް މުހުސިނާއާއި ޝަމާޢިލްގެ އެއްބާރުލުން ވީރާއަށް މުހިންމުވާނޭވަރު ހޭޒަލް ހާމަކުރިއެވެ.
ހޭޒަލްގެ ވާހަކަތަކުން މުހުސިނާއަށް ހަޤީޤަތް ސާފުވިއެވެ. އެހެންނަމަވެސް ހިތަށް ތަސައްލީއެއް ނުލިބުނެވެ. ލިއަމްގެ ހާލު ބުނުމުން ވެސް އެކަމާ ހޭޒަލް ވާހަކަނުދެއްކީމައެވެ. އަލުން އެ ވާހަކަތައް މުހުސިނާ ތަކުރާރުކޮށްލީ ހޭޒަލް ލައްވާ އެ މައުޟޫޢުއަށް ވާހަކަދެއްކުމަށެވެ. ހޭޒަލް އިނީ ހިމޭނުންނެވެ. އިވުނު ވާހަކަތަކާމެދު އޭނާ ވިސްނަނީ ކަހަލައެވެ.
"މަންމަމެންގެ މައްޗަށް ހިތްބަރެއްނުކުރަން... ހިނގިކަމެއް ހިނގީ އަޅުގަނޑާއި ލިއަމްއާ ދެމެދު، މަންމާ!... ލިއަމްއާ އޮތް ގުޅުން ނިމިއްޖެ، މަންމަމެން ވެސް އެގޮތް ޤަބޫލުކުރޭ" ހޭޒަލް ބުންޏެވެ. އެވަގުތު މުހުސިނާ އެއްޗެކޭ ބުނުމަށް އަނގަ ހަރަކާތްކޮށްލިއެވެ. ނަމަވެސް ޝަމާޢިލް އޭނާގެ އަތުގައި ހިފަހައްޓާލުމުން ހިމޭންވީއެވެ.
"އެކަނިތަ އައީ؟" ޝަމާޢިލް ވާހަކަ ބަދަލުކޮށްލުމަށް އަހާލިއެވެ. އެމީހުންގެ ފަރާތުން ހޭޒަލްއަށް މަޖުބޫރުކަމެއް ކުރިމަތިކުރާކަށް ޝަމާޢިލް އެއްގޮތަކަށް ވެސް ނޭދެއެވެ. އެހެންވިޔަސް މުހުސިނާއަކީ މަންމައެކެވެ. ދަރީންއަށް ދެރަގޮތެއްވުމުން މައިމީހާއަށް ކުރާ އަސަރު ބަފައަކާ ތަފާތުވެދެއެވެ. ލިއަމް އަދިވެސް ހޭޒަލްއާ ގުޅޭން ބޭނުންވާކަން ޝަމާޢިލްއަށް ވެސް އެނގެއެވެ. އެހެންވިޔަސް ހޭޒަލްގެ ނިންމުން ބަދަލުކުރާން ބުނާކަށް އޭނާ ގަސްދެއްނުކުރެއެވެ. ހޭޒަލްގެ ފުށުން އުނިކަމެއް ޝަމާޢިލްއަށް ނުފެންނާތީއެވެ. ވީއިރު ހަމަހުރެފައި ހޭޒަލް އެވަރުގެ ބޮޑު ނިންމުމެއް ނުނިންމާނޭކަން އޭނާގެ ޟަމީރު ވެސް އެއްބަސްވިއެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހޭޒަލްގެ މައްޗަށް ޝަމާޢިލްއަށް އޮތް ޔަގީންކަން ދެން ބަދަލެއްނުވާނެއެވެ.
"އެކަންޏެއްނޫން... އެތިބީ މަންމައާއި ބައްޕަ" ހޭޒަލް ދުރުގައި ހުރި އުނދޯއްޔަކަށް އިޝާރާތްކުރިއެވެ.
"އަހަރެމެން ވެސް ހިނގާ ދަމާ... މިހާ ހެނދުނާ ރަފާ އެކަންޏެއް ހުރިހާކަމެއްނުވާނެ، ވީރާ ނޭނގެ ކޮޓަރިން ނުކުންނާނެކަމެއް" ޝަމާޢިލް ބުންޏެވެ. އޭނާއާއެކު މުހުސިނާ ޖޯލިން ތެދުވިއެވެ.
"މަންމަމެން ހިނގާފަ ދާނެކަމެއްނެތް، އެހާ ކައިރިއެއްވެސް ނޫން މީ... މައިމަގަށް ނުކުންނަނިކޮށް ޓެކްސީއެއް ލިބިދާނެ" މުހުސިނާއާއި ޝަމާޢިލްއާއެކު ހިނގައިގަންނަމުން ހޭޒަލް ބުންޏެވެ.
ރިޒްވާނާއި ސާއިރާއާ ކުރިމަތިލާނޭ ގޮތެއް ޝަމާޢިލްއާއި މުހުސިނާއަކަށް ނޭނގުނެވެ. ހޭޒަލްއަކީ ޅީދަރިއަކަށް ވިޔަސް އެމީހުން ހޭޒަލްއާ މެދު ތަފާތުކުރުންތަކެއް ނުގެންގުޅެއެވެ. އެހެންވިޔަސް ލިއަމް ގާތުން ވަރިވުމާއެކު ހޭޒަލްގެ މުހިންމުކަން އެމީހުންނަށް ކުޑަވީއެވެ. އުންމީދުކުރި ފަދަ ގާތްކަމެއް ފެށުނީއްސުރެން އުފެދިފައި ނެތީމައެވެ. އެހެންވިޔަސް މިއަދު ހޭޒަލްގެ ގާތްކަން ހުރި ގޮތުން ލަދުވެތިކަމެއް މުހުސިނާއާއި ޝަމާޢިލްއަށް އިޙްސާސް ކުރެވޭ ކަހަލައެވެ. އެމީހުން އެދުމުން ހޭޒަލް ދެކޮޅެއް ނުހެދިވިއްޔާއެވެ. ލިއަމްއާ ގުޅުން ކެނޑިފައި ވިޔަސް އޭނާގެ މައިންބަފައިންނާމެދު ހޭޒަލް ކަންތައް އެކުރީ އިޙްތިރާމާއެކުއެވެ. ހިނިތުންވުމެއް ދޭއިރު އެ ހިނިތުންވުމުގައި އޮޅުވާލުމެއް ނެތެވެ.
ރިޒްވާނާއި ސާއިރާ ގާތަށް ދާން ނުކެރި ޝަމާޢިލްއާއި މުހުސިނާ މައިމަގަށް ނުކުތެވެ. އެމީހުންނާއެކު ހުރި ހޭޒަލް ޓެކްސީއެއް ހޯދަން އަވަސްވެލިއެވެ. ގުޅައިގެން ޓެކްސީއެއް ލިބޭތޯ ބަލަމުން މަގުމަތިން ދާ ޓެކްސީއަށް ވެސް އޭނާ އަތްނަގައެވެ. ބަސްހުއްޓިފައިވާ ބަޔަކުހެން ޝަމާޢިލްއާއި މުހުސިނާ ތިއްބެވެ. ހޭޒަލްއަށް ބަލާށެވެ.
* * * * *
މެންދުރުފަހުގެ ވަގުތެވެ. ދުވާރު މަތިން ހިނގަމުން ހޭޒަލް އައީ އެކަންޏެވެ. ދެ ބުރިއަށް ނަގާފައި ހުރި ބުކްޝޮޕަށް ވަދެވަދެ ހުއްޓާ އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވާން ފެށިއެވެ.
"ހެލޯ!... ބިޒީތަ؟" ފޯނުން އިވުނީ ދާރިއަންގެ އަޑެވެ. ހޭޒަލް ބުކްޝޮޕަކަށް ވަދެ އުޅޭކަން ބުނެލުމުން ކޮންހިސާބެއްތޯ އެނގެން ދާރިއަން ބޭނުންވިއެވެ. އޭނާ ވެސް އޮފީހުން ބޭރުގައި އުޅޭކަން ބުނެލިއެވެ.
"ހޭ!... ތިތާ ކައިރީ މިހުރެވުނީ... މަޑުކުރައްޗޭ..." ދާރިއަން ނިކަން އަވަހަށް ބުނެލިއެވެ. ހޭޒަލްއަށް އެއްޗެކޭ ނުބުނެވެނީސް އޭނާ ކޯލު ކަނޑާލައިފިއެވެ.
ސްކެޗް ފޮތްތައް ހުރި ހަރުގަނޑު ކައިރީ ހޭޒަލް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ބޭނުންވާ އެއްޗެހި މަޑުމަޑުން އެއްކުރަމުން ދިޔައެވެ. އަވަސްއަރުވާލުމެއް ނެތެވެ. ދާރިއަން އަންނާނަމޭ ބުނީތީ އޭނާއަށް އިންތިޒާރުކުރާ ކަހަލައެވެ. އެއްހަރުގަޑު ކައިރިން އަނެއް ހަރުގަނޑު ކައިރިއަށް އޭނާ އައެވެ. ލޮލުގައި އަޅައިގަންނަ ކޮންމެ އެއްޗެއް ކައިރީ ހުއްޓި ބަލަމުންނެވެ.
"ހޭޒަލް..." ކުރިމަތިން ވައި އަޑުން ފިރިހެނަކު ގޮވާލިއެވެ.
ހޭޒަލް އިސްއުފުލާލިއިރު ހަރުގަނޑުގެ އަނެއްފަރާތުގައި ހިނިތުންވެލައިގެން ހުރީ ދާރިއަންއެވެ. ހޭޒަލް އަތުކުރީ އޮތް ގަޑި ދައްކާލިއެވެ. ކައިރީގައޭ ހުރީ ދާރިއަން ބުންޏަސް އޭނާ ދޮގު ހެދީކަން ހޭޒަލްއަށް އެނގުނެވެ.
"ލަސްވީތަ... ސޮރީ... އެހާ ދުރަކުނޫނޭ ހުރީ..." ދާރިއަން ބުނެލިއެވެ. އަދި އޭނާ ހަރުގަނޑު ވަށާލައި ހޭޒަލް ގާތަށް އައެވެ.
"ގެއަށްތަ ދެން ދާނީ" ހޭޒަލް އަތުގައި ހުރި އެއްޗެހި ހިފައިގެން ފައިސާ ދައްކާ ކައުންޓަރާ ދިމާއަށް ހިނގައިގަތުމުން ދާރިއަން އަހާލިއެވެ.
"އާން! ދެން ކޮންތަނެއް ދާން އޮންނާނީ... މަންމަ ގާތު ބުނިން، މިތަނަށް ވަދެލާފަ ގެއަށޭ އަންނާނީ" ހޭޒަލް ބުނެލިއެވެ.
"ހިނގާ ކާންދާން... އަހަރެން އަދި ނުކަން، ވަރަށް ބަނޑުހައި" ދާރިއަން ދަޢުވަތު ދިނެވެ. އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ.
"މިގަޑީގަ... އަހަރެން ކައިފީމޭ، އިރުކޮޅަކުން އަސުރަށް ގޮވާނެ" ހޭޒަލް ބުނެލިއެވެ. ދާރިއަން އެ އުޅެނީ އޭނާއާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވެގެންކަން ހޭޒަލް ނުދެނަހުއްޓެވެ.
"އަސުރަށް ނިމޭނެ... ހިނގާބާ... ޕްލީޒް... ހޭޒަލް ނުކެޔަސް އަހަރެން ކަންދެން އިނދެވިދާނެއެއްނު" ދާރިއަން އާދޭހުގެ ގޮތަކަށް ބުނެލިއެވެ.
"މަންމަ ގާތު ބުނެލާފަ ދެވޭނީ" ވަރަށް ވިސްނަން ހުރެފައި ހޭޒަލް ބުނެލިއެވެ. ދާރިއަންއަށް ހީނލެވުނެވެ. ގަތް ސާމާނުތައް އެޅި ކޮތަޅު ކައުންޓަރުގައި ހުރި ކުއްޖާ ދިއްކޮށްލުމުން އޭގައި ހިފީ ވެސް ދާރިއަންއެވެ.
އެ ދެމީހުން ވާހަކަދައްކަމުން ބުކްޝޮޕުން ނުކުތެވެ. އެތަނާ ޖެހިގެން ހުރި ރެސްޓޯރެންޓު ކުރިމަތީ ދުވާރުން ފައިބާ ސައިކަލުތައް ކައިރީ ސިނގިރޭޓެއް ރޯކޮށްލައިގެން ތިން ފިރިހެނުން ތިއްބެވެ. އެމީހުންނަށް ހޭޒަލް ފެނުމުން އެއީ ކާކުކަން އެނގުނީއެވެ. ހޭޒަލްއަށް ހުއްޓުން އެރީ ރެސްޓޯރެންޓުން ނުކުމެގެން އެ ޒުވާނުންގެ ގާތަށް އައި ރަމީޒު ފެނުމުންނެވެ. އޭނާ ޖެހިލުންވިއެވެ. ހޭޒަލްއަށް އައި ބަދަލު ދާރިއަން ވަގުތުން ދެނެގަތެވެ. އޭނާއަށް ވެސް އެތަނުގައި ތިބި ޒުވާނުންނަށް ބަލާލެވުނެވެ.
"ލިއަމްގެ ދޯ އެއީ..." އެމީހުންގެ ތެރެއިން މީހަކު ބުނެލިއެވެ.
"ޒެއްލު!..." ރަމީޒު ގޮވާލިއެވެ. ހުއްޓިފައި ވެސް ހޭޒަލް ހިނގައިގަތީއެވެ.
"ލިއަމް އެހެންނުނަނީ ހޭބަލިވެފަ... އޭނާއަށް ލިއަމްއަށްވުރެ ރަނގަޅުގޮތެއް ފެނިފަ އެހުރީ، އަންހެނުންގެ ވައްތަރޭ އެއީ" ޒުވާނެއްގެ އަޑު ބާރުވެލިއެވެ. އެވަގުތު ރަމީޒު އޭނާގެ ނަމުން ގޮވާލި އަޑު އިވުނެވެ. އަދި ހޭޒަލްއަށް އަނެއްކާ ވެސް އޭނާ ގޮވާލިއެވެ.
"ކަލޭ ގޮވިޔަސް އަޑެއްނީވޭނެ... ރަމީޒު، ލިއަމްއަށް ފޮނުވާލަން ސަޅި މަންޒަރެކޭމީ، އޭނާއަށް ނުވިއެއްނު ކަމެއް... އޭނާއަށްވުރެ މާފައްކާ ކަންނޭނގެއެއްނު ގޮވައިގެން އެދާ ގޮލާ، އެހެންވެ އަމިއްލައަށް ވަރިވެގެން އެ އުޅެނީ" ފޮޓޯ ނެގި އަޑާއި އެމީހުން ދެއްކި ވާހަކަތަކުން ހޭޒަލްގެ ފިޔަވަޅު ހުއްޓުނެވެ. އެއީ ލިއަމްއާއެކު މަސައްކަތްކުރާ މީހުންކަން ހޭޒަލްއަށް ޔަގީންވެއެވެ. އެމީހުންގެ އަޚުލާޤީ މިންގަޑު ހުރި ގޮތް ހޭޒަލްއަށް ނަގައިގަންނަން ދައްޗެއްނުވިއެވެ.
"ޒެލް..." ދާރިއަން ކަންބޮޑުވިއެވެ. އޭނާ ފަހަތަށް އެނބުރިލިއެވެ. އެ ޒުވާނުންނާ ކުރިމަތިލާށެވެ. އެހެންނަމަވެސް ހޭޒަލް އޭނާގެ މުލައްދަނޑީގައި ހިފަހައްޓާލީ ކުއްލިއަކަށެވެ. ފެންކަޅިވެފައިވާ ހޭޒަލްގެ ދެލޯ ދާރިއަން ދުށްޓެވެ. ދާރިއަންގެ މޭތެރޭ ހިތް ފިތިގެން ދިޔަ ކަހަލައެވެ. ހޭޒަލްގެ އުނަގަނޑުގައި ހިފާލުމާއެކު އޭނާ ކުރިއަށް ހިނގައިގަތެވެ. ދާރިއަންގެ ބާރުގައި ކުރިއަށް ދާ މީހަކު ފަދައިން ހޭޒަލް އައެވެ.
ޕާކުކޮށްފައި އޮތް ކާރާ ހަމައަށް އައިސް ކާރުގެ ދޮރުފަތް ހުޅުވާލުމާއެކު ހޭޒަލް ގާތު ކާރަށް އެރުމަށް ދާރިއަން ބުންޏެވެ. އިވުނު އަޑުތަކާމެދު ކަންބޮޑުވެފައި ހުރި ހޭޒަލްއަށް ހަދާނޭ ގޮތެއް ނޭނގުނެވެ. އޭނާގެ ދެކޮނޑުގައި ދާރިއަން ހިފަހައްޓާލިއެވެ. ސީޓުގައި ހޭޒަލްއަށް އިށީނދެވުނު ގޮތެއް އޭނާއަށް ނޭނގޭ ކަހަލައެވެ. އޭނާއަށް ދެން އެނގުނީ ދާރިއަން ކާރު ދުއްވާލި ކަމެވެ.
"ސޮރީ..." ލިއަމްގެ އެކުވެރިން ދެއްކި ލަދުވެތި ވާހަކަތަކަށް ހޭޒަލް މަޢާފަށް އެދުނެވެ. އޭރު އޭނާގެ ކޯތާފަތް ތެމިއްޖެއެވެ. ދާރިއަންއަކީ އެމީހުން ހީކުރާ ފަދަ މުޑުދާރު މީހެއްނޫންކަން ހޭޒަލްއަށް އެނގެއެވެ. ދުއްވަމުން ދިޔަ ކާރު ހަމަހިމޭން ހިސާބަކަށް ދާރިއަން މަޑުކޮށްލިއެވެ. އަދި އޭނާ ހޭޒަލްއަށް ބަލާލިއެވެ.
"މަޢާފަށް އެދެނީ ކީއްވެ؟ އެކަމުގައި ހޭޒަލްގެ ކުށެއްނެތް" ދާރިއަން މަޑުމަޑުން ބުނެލިއެވެ.
"އެއީ... ލިއަމްގެ ފްރެންޑްސް... އަހަންނާއެކު ދާރިއަން ފެނުމުން... މީހުން ފާޑުފާޑު ވާހަކަދައްކާނެ" އިންތިހާއަށް ލަދުގަނެ ހިތުގައި ޖެހިފައި ހޭޒަލްވިއެވެ.
"ހޭޒަލް!... އައި ޑޯންޓް މައިންޑް..." ދާރިއަންއަށް ހޭޒަލްއާ ގާތަށް ކުޑަކޮށް ގުދުވެލެވުނެވެ. އަދި ލޯތްބާއެކު ހޭޒަލްގެ ދަތްދޮޅިގައި ކަނާއަތުން ހިފާލައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. ދެންފެނުނީ ދެއަތުން ހޭޒަލްގެ ކޯތާފަތް ދާރިއަން ފުހެދިންތަނެވެ.
(ނުނިމޭ)