ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕުގެ ގުރު ނެގުން މި މަހު 17ގައި

Sep 1, 2015

އިންޑިޔާގައި އަންނަ ޑިސެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުން މި މަހު 17 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ޑިސެމްބަރު ތިނަކުން ޖެނުއަރީ 2 އަށް ކެރެލާ އާއި ޓްރިވެންޑްރަމްގައި ބާއްވާ މުބާރާތުގެ ގުރު ނެގުން އޮންނާނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.

ސާކުގެ އަށް ގައުމު ކަމަށްވާ ދިވެހިރާއްޖެ އާއި އިންޑިޔާ އަދި އަފްގާނިސްތާނާއި ސްރީލަންކާގެ އިތުރުން ނޭޕާލާއި ބޫޓާން އަދި ޕާކިސްތާނާއި ބަނގްލަދޭޝް ބައިވެރިވާ މުބާރާތް މި ފަހަރު އިންޑިޔާގައި މި ބާއްވަނީ ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް އެ ގައުމުގައި ބާއްވަން ޖެހޭތީ އެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް އަފްގާނިސްތާނާއި ރާއްޖެ ވަނީ އެއްފަހަރު ހޯދައިފަ އެވެ. އެހެން ހުރިހާ ފަހަރެއްގައި ތަށި ހޯދާފައިވަނީ އިންޑިޔާ އެވެ.

މި ފަހަރުގެ މުބާރާތަކީ އަފްގާނިސްތާން މި މުބާރާތުގައި ވާދަކުރާނެ ފަހު ފަހަރެވެ. އެއީ ދެކުނު އޭޝިޔާއިން ވަކިވެ މެދުތެރޭ އޭޝިޔާގެ ފުޓްބޯޅަ ފެދަރޭޝަނުގެ މެމްބަރަކަށް އެ ގައުމުވުމުންނެވެ.